ޕްރައިމަރީގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރާ ސިވިލް ސިވިސް މުވައްޒަފުން ސަސްޕެންޑް ކުރަންޖެހޭ ގޮތަށް އޮތް މާއްދާ އިސްލާހުކުރަން ނިންމައި، އެފަދަ މުވައްޒަފުންގެ ސަސްޕެންޝަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އުވާލައިފި އެވެ.


ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުން، ސިވިލް ސާވިސް މުވައްޒަފުންނަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު، އެ ގަވާއިދު އޮންނަ ގޮތުން ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކޮށްފި ނަމަ އަދި ކައުންސިލް އިންތިޚާބުގައި ވާދަކޮށްފި ނަމަ ވެސް އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަންދެން އެ މުވައްޒަފަކު ސަސްޕެންޑް ކުރަން ޖެހޭނެ އެވެ.

ނަމަވެސް ސީއެސްސީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ޕްރައިމަރީގައި ވާދަކުރާ މުވައްޒަފުން ސަސްޕެންޑް ކުރަންޖެހޭ ގޮތަށް އޮތް މާއްދާ އަށް އިސްލާހު ގެންނަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އަންނަ އޭޕްރީލް 4 ގައި ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުގެ ޕްރައިމަރީގައި ބައިވެރިވުމުގެ ސަބަބުން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފައިވާ ކަމަށް ސީއެސްސީން ބުންޏެވެ.

އެކަމަކު ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުށަހެޅުމުން، އެކަން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފި ނަމަ، އެ ދުވަހުން ފެށިގެން އެ މުވައްޒަފަކު ސަސްޕެންޑް ކުރެވޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

މި އަހަރުގެ ކައުންސިލް އިންތިޚާބުތަކުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޕާޓީތަކުން ކުރިން ވަނީ ހުޅުވާލައިފަ އެވެ.