ވޮޑުމުލާގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ދާންދު އަށް ދޫކޮށްލި ކަމުގެ ތުހުމަތެއް

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ގއ. ވޮޑަމުލާގައި މަސައްކަތް ކުރަން އުޅުނު 18 ބިދޭސީއަކު އެ އަތޮޅު ދާންދު އަށް ގެންގޮސް، އަޅާނުލައި ދޫކޮށްލާފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.


ފުލުހުން ބުނީ، އެ ބިދޭސީން ދާންދު އަށް އިއްޔެ ހެނދުނު ގެންގޮސް ބޭލި ގޮތަށް އެ މީހުން އަދިވެސް އެ ރަށުގައި ތިބި ކަމުގެ މައުލޫމާތު ދާންދޫ ކައުންސިލުން ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށެެވެ. އެހެންވެ، އެ ކަންބޮޑުވުންތަކާ ގުޅިގެން، ރަށު ކައުންސިލާއި ފުލުހުން، ވޮޑަމުލާގެ މެނޭޖުމަންޓާ ވާހަކަ ދައްކައިގެން އެ ބިދޭސީން ދާންދޫން ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނާ ގޮތުގައި އެ ބިދޭސީން ދާންދު އަށް ގެންގޮސްފައި ވަނީ ވޮޑަމުލާގައި އެ މީހުން ތިބެން ބޭނުން ނުވުމުން، މިއަދު ފުރާ ބޯޓަކުން މާލެ ފުރުވައިލުމަށެވެ. އެ މީހުން މާލެ ފޮނުވައިލަން ނިންމާފައި އޮތީ ތިން މަހުގެ މުސާރަ ވެސް ދިނުމަށް ފަހު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"ނަމަވެސް އެ މީހުން ވަނީ އެ މީހުންނާ ހަވާލުވާނެ މީހަކު ނެތް ކަަމަށާއި އެ ރަށަށް އެ މީހުން ދޫކޮށްލާފައި ދިޔަ ކަމަށް ބުނެފައި،" ފުލުހުން ބުންޏެވެ.

ދާންދޫގެ ކައުންސިލަރަކު ވެސް ބައެއް މީޑިއާތަކުގައި ވިދާޅުވެފައި ވަނީ އެ ބިދޭސީން ދާންދު އަށް ބޭލުމަށް ފަހު، ވޮޑަމުލާގެ ދޯނި ވަނީ ފުރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ މީހުން ދާންދު އަށް ދޫކޮށްލީ އެ ރަށުގައި ތިބެވޭނެ އިންތިޒާމެއް ވެސް ހަމަނުޖައްސައި ކަމަށް އެ ކައުންސިލަރު ވިދާޅުވެ އެވެ.

އިސްމާއީލް ވިދާޅުވި ގޮތުގައި، ބިދޭސީންގެ ފަރާތުން މައުލޫމާތު ސާފުކުރިއިރު، އެ މީހުން ދައްކާ ވާހަކަ ދިމަލެއް ވެސް ނުވެ އެވެ. އެގޮތުން، އެއީ ވޮޑަމުލާގައި މަސައްކަތް ކުރާ ނޭޕާލް ބަޔަކާ ދެމެދު ހިނގި ޒުވާބެއްގައި އެ ރަށުގައި ތިބެން ބޭނުން ނުވެގެން ދާން އެދުމުން މާލެ އަށް ފުރުވައިލުމަށްޓަކައި ދާންދު އަށް އަމިއްލަ އަށް ދިޔަ ބައެއް ކަން އެނގިވަޑައިގެންފައިވާ ކަމަށް ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވެ އެވެ.

އެކަމަކު، އެ ކައުންސިލަރު ވިދާޅުވާ ވާހަކަތަކާއި ދާންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މުހައްމަދުގެ ވާހަކަ ތަފާތެވެ.

އިސްމާއީލް ވިދާޅުވި ގޮތުގައި، ބިދޭސީންގެ ފަރާތުން މައުލޫމާތު ސާފުކުރިއިރު، އެ މީހުން ދައްކާ ވާހަކަ ދިމަލެއް ވެސް ނުވެ އެވެ. އެގޮތުން، އެއީ ވޮޑަމުލާގައި މަސައްކަތް ކުރާ ނޭޕާލް ބަޔަކާ ދެމެދު ހިނގި ޒުވާބެއްގައި އެ ރަށުގައި ތިބެން ބޭނުން ނުވެގެން ދާން އެދުމުން މާލެ އަށް ފުރުވައިލުމަށްޓަކައި ދާންދު އަށް އަމިއްލަ އަށް ދިޔަ ބައެއް ކަން އެނގިވަޑައިގެންފައިވާ ކަމަށް ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވެ އެވެ.

"ރިސޯޓުގައި އެ މީހުން ތިބޭނެ ތަނާއި ކެއުންބުއިމުގެ އިންތިޒާމް ވެސް އެބަހުރި. އެ މީހުން ދާންދު އަށް ގެންނަން [ކުރިން] ހަމަޖައްސާފައި އޮތީ ދާންދޫން މާލެ އަށް ދާން ބޯޓެއް ފުރާ ވަގުތަކާ ދިމާކޮށް. އެކަމަކު އެމީހުން ބޭނުން ނުވީ ވޮޑުމުލާގައި [މި ވަގުތު ވެސް] ތިބެން. އެހެންވެ، [މާލެ އަށް] ބޯޓެއް ފުރަންދެން ދާންދޫގައި ތިބުމުގެ ކަންތައް އަމިއްލަ އަށް ހަމަޖައްސާ ގޮތަށް އައީ،" އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން ނަމަ، ދާންދޫ ކައުންސިލަށް ބިދޭސީން ދީފައި ވަނީ ދޮގުު މައުލޫމާތެކެވެ. އެހެންވެ، ކައުންސިލުން އެ މީހުން ގެންގޮސް ބޭތިއްބީ ކައުންސިލްގެ އިދާރާގަ އެވެ. އަދި އެކަން ފުލުހުންނަށް އެންގުމުން، ފުލުހުން ވޮޑަމުލާގެ މެނޭޖްމެންޓާ ވާހަކަ ދެއްކި ކަަމަށާއި މިހާރު އެ ބިދޭސީން ތިބީ ވޮޑަމުލާގެ ފަރާތުން ދާންދޫގައި ހުންނަ މީހެއްގެ ގޭގައި ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"އެ މީހުން މިހާރު ތިބީ ދާންދޫގެ ގެ އެއްގައި. ވޮޑަމުލާގެ ފަރާތުން މި ރަށުގައި ހުންނަ މީހަކު އެ މީހުންނާ ހަވާލުވީ. މާދަމާ އަލުން ވޮޑަމުލާ އަށް ގެންދާނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ،" އިސްމާއިލް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.