ޅ. ނައިފަރުގައި ކުޑަކުދިންތަކަކަށް އެކި ދުވަސް މަތިން ޖިންސީ ގުނަވަން ދެއްކި އުމުރުން 60 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކުރީ ހަވީރު ހައެއް ޖަހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އުމުރުން ދުވަސްވީ އެ މީހާ، ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކުމުގެ އަމަލު ހިންގީ މި މަހުގެ ތެރޭގެ އެކި ދުވަސް މަތިންނެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެ، އެންމެންގެ ސަމާލުކަމަށް އައިސްފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ވެސް ނުވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވި ފަހުންނެވެ. މި މައްސަލައިގައި އެ ކުއްޖާ ރޭޕްކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފައިގެ އިތުރުން، އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ތަހުގީގަށް ހައްޔަރުކޮށްފަ އެވެ. ބައްޕަ އަށް ކުރަނީ ކުއްޖާ އަށް އިހުމާލުވުމުގެ ތުހުމަތެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެ ކުދިންގެ ހައްގުތަކަށް އަރައި ގަންނަ މީހުންނާ މެދު ގެންގުޅޭނީ ޒީރޯ ޓޮލެރަންސް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ، ކަނޑުހުޅުދޫގެ ކުޑަކުއްޖާ އަށް ޖިންސީ ގޯނާކުރި ފަހުން، ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުގެ ތެރެއިން ވަނީ ފަށައިފަ އެވެ. އަދި މި މައްސަލަތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތަކެއް ވެސް ރައްޔިތުންގެ މަޖިލީހުން މިހާރު ކުރިއަށް ގެންދެ އެވެ.