އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ މީހާ މިރޭ ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ހެނދުނު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި މި މައްސަލަ ހުށަހަޅާފައި ވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓަށެވެ. މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށާއި މި މައްސަލައަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް އާންމުކުރުމަކީ ގާނޫނާ ހިލާފު ކަމަކަށް ވުމުން، މި މައްސަލައިގައި ވެސް އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ.
ފުލުހުން ވަނީ، ކުޑަކުދިންނާ މެދު ހިންގާ އެކި ކަހަލަ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރާތީ، އެ ކަހަލަ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަން ލަސްނުކޮށް އެންގުމަށް އެދިފަ އެވެ. އެކަމާ ގުޅޭ ޑިޕާޓްމަންޓަށް ހިލޭ ގުޅޭނެ ނަމްބަރަކީ 3000600 އެވެ.