މާލޭ ސިޓީ ކައުންސިލް ކެމްޕޭންގައި؟

މާލޭ ސިޓީ ކައުންސިލް ކުއްލިއަކަށް ހަރަކާތްތެރިވެ، ކުރިން އަޅާނުލައި ހުރި ގިނަ ޚިދުމަތްތަކުގެ މަސައްކަތް ފަށައި މަޝްރޫއުތައް އިއުލާންކުރަން ފެށުމުން ފާޑުކިއުން ބޮޑުވެއްޖެ އެވެ.


މާލޭގެ ބަނދަރުމަތި ބޮއްސުންލާފައި އޮތުމާއި އާއްމު ތަންތަނުގައި ސާފުތާހިރުކަން ދަށްވުމާއި ޕާކިން މައްސަލަ އާއި މަގުތަކުގައި ފެންބޮޑުވުމާއި އިމާރާތްކުރުމުގައި ރައްކާތެރިކަމެއް ނެތުމާއި ގަސް މަދުވުން ފަދަ އާއްމުންނާ ގުޅޭ ގިނަ ކަންތައްތަކެއްގައި އެކަށީގެންވާ ގޮތެއްގައި ނުދެވި މާލެ އޮތީ މައްސަލަތަކުން ބަރުވެފަ އެވެ. ލާމަރުކަޒީ ގާނޫނުގައި، މާލޭގެ ރައްޔިތުންގެ ހިޔާލު ހޯދައިގެން ހައްލުކުރަން ޖެހޭ ގިނަ މައްސަލަތައް ހުރި އިރު ބައްދަލުވުންތައް ބާއްވައި މަދު ކަމެއްގައި ނޫނީ ހިޔާލު ހޯދައިފައެއް ނުވެ އެވެ.

މި މައްސަލަތަކުގައި ކުރިން އަބަދުމެ ސިޓީ ކައުންސިލަށް ޓުވިޓާގައި ވެސް އޮންނަނީ ޝަކުވާ އެވެ. އެކަމަކު، މި ފަހުން ފެންނަނީ، ކުއްލިއަކަށް ސިޓީ ކައުންސިލުން ހަރަކާތްތެރިވެގެން އުޅޭ ތަނެވެ. ކާނު ސާފުނުކުރުން ފަދަ ކަމެއްގައި ނުރުހުންވެ ޓުވީޓެއް ކުރުމުގެ ކުރިން ކައުންސިލުން ސާފުކުރުވަ އެވެ.

މާލޭ މަގުތައް އެއްވަރު ކުރުމުގެ ބޮޑު މަޝްރޫއެއް ވެސް މި ހަފުތާގައި އިއުލާންކޮށްފި އެވެ.

ކާނުތައް ސާފުކުރުމާއި ކަފި ހުރަސްތަކުގެ ކުލަލުމާއި ފަޅުތަކުގައި ގިނަ ދުވަސްވީ އުޅަނދުތައް ނެގުން ފަދަ އެތައް ކަމެއް ކުރަމުން އަންނަ ކަމަށް ވެސް ސޯޝަލް މީޑިއާގައި އެބަ އާއްމުކުރެ އެވެ. އޮންލައިންކޮށް ހަތަރު ޚިދުމަތަކާ އެކު ރޭ އާ ވެބްސައިޓެއް ވެސް އިފްތިތާހްކޮށްފި އެވެ.

މިދިޔަ އަހަރު އެ ކައުންސިލުން ކުރި މަސައްކަތްތަކާއި ޚިދުމަތް ދިން ރައްޔިތުންގެ އަދަދުތަކާ އެކުގައި ވެސް އާއްމުކޮށްފައި އެބަހުއްޓެވެ. މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރި ކަމުގެ ލިއުންތަކާއި ފޮޓޯތަކާއި ހިސާބުތައް އާއްމުކުރަން ހަދައިގެން، މޭޔަރު ޝިފާ މުހައްމަދުގެ ކެމްޕޭން ޕޯސްޓެއް ވެސް ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އާއްމުކުރި އެވެ.

ދެ ދައުރު މޭޔަރުގެ މަގާމް ފުރުއްވައި ތިން ވަނަ ދައުރަކަށް ގޮނޑި ދިފާއުކުރައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ޝިފާގެ ކެމްޕޭންގައި ބޭނުންކުރާ "މާލެ އަށް ޝިފާ" ހޭޝްޓެގާ އެކުގައި ވިލިމާލޭގެ ދޮރުން ދޮރަށް ހިނގި ފޮޓޯތައް އާއްމުކުރުން ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ފަހުން އެ ޕޯސްޓު ވަނީ އެ ޕޭޖުން ނަގައިފަ އެވެ.

ސިޓީ ކައުންސިލަށް އައި ކުއްލި ބަދަލާ ގުޅޭ ގޮތުން ސުވާލު އުފެއްދުމުގެ ފުރުސަތު މާބޮޑަށް ލިބުނީ އެ ޕޯސްޓުންނެވެ. އަވަސްއަރުވާލައިގެން ޚިދުމަތްތައް އިފްތިތާހްކުރަނީ އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ހެއްޔެވެ؟

ޝިފާގެ އިތުރުން ވެސް ކައުންސިލްގައި ތިއްބެވި ދެ ބޭފުޅަކު މޭޔަރު ކަމަށް ވާދަ ކުރައްވަ އެވެ. އެއީ، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލްކުރައްވާ އަހްމަދު ނިޔާޒް (ނިޔާ) އެވެ.

މާލޭ ކައުންސިލްގެ ކުއްލި ޒިންމާދާރުވުން ފެނިފައި ހިޔާލުފާޅުކުރި މީހުންގެ ތެރެއިން އެކަކު ބުނީ "ލޯކަލް އިންތިހާބަށް އަނެއްކާވެސް ހުވަފެން ދައްކަނީ،" ކަމަށެވެ. އެހެން މީހަކު ބުނެފައިވާ ގޮތުގައި ކުއްލިއަކަށް ހަރަކާތްތެރިވީ ވެސް އިންތިޚާބަށެވެ.

ސިޓީ ކައުންސިލްގެ މަޝްރޫއުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭން ކުރަމުންދާ ކަމުގެ ތުހުމަތާ އެކު ހިތްހަމަނުޖެހުންފާޅުކުރާ ބަޔަކު ވެސް އެބަތިއްބެވެ.

މާލޭ މަގުތައް ހަދަން އިއުލާންކުރި މަޝްރޫއަށް ފާޑުކީ މީހަކު އެހީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ތަަރައްގީ އަަށް ޕްލޭންކޮށްފައި ހުރި ކަންކަން ފެންނާނީ ކޮންތާކުންތޯ އެވެ. ކައުންސިލްގެ ނިންމުންތަކުގައި ރައްޔިތުންގެ މަޝްވަރާ ހޯދަން ގާނޫނުން ލާޒިމްކޮށްފައި އޮންނަ ކަން އޭނާ ހަނދާންކޮށްދިނެވެ.

މާލޭ މަގު ހެދުމުގެ މަޝްރުއާ ގުޅޭ ގޮތުން މީހަކު ހިތްހަމަނުޖެހުންފާޅުކޮށްފައި.

ސިޓީ ކައުންސިލުން މިދިޔަ އަހަރު ހިންގާފައިވާ ކަންކަމުގެ ޚުލާސާ ބަޔާނެއް މިދިޔަ ހަފުތާގައި އާއްމުކޮށްފައިވެ އެވެ. އޭގައި، ކައުންސިލުން ދިން އިދާރީ ގިނަ ޚިދުމަތްތަކާއި ކުރިމަތިވި ގޮންޖެހުންތައް ވެސް ތަފްސީލްކޮށްދީފައިވެ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލުން ވޭތުވެދިޔަ 10 އަހަރު މާލޭގެ ތަރައްގީ އަށް ކަމެއް ނުކުރެވުނީ، ބާރުތައް ނިގުޅައިގެންފައި އޮތުމުން ކަމަށް އެ ކައުންސިލުން ބުނެ އެވެ. މި ސަރުކާރު އައިސް ބާރުތަކެއް ލިބުނު ވާހަކަ ދެކެވުނަސް މާލީ މިނިވަންކަން ނެތުމުން އެ ބާރު ބޭނުންކުރަން ނުކުޅެދުނީ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލަށް އައި ކުއްލި ބަދަލާ ގުޅިގެން ކުރިން ފާޑުކިއުން އަމާޒުވުމުން، މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައި ވަނީ މާލޭގެ ހާލަތު ރަނގަޅު ކުރަން ސިޓީ ކައުންސިލުން މަސައްކަތް ކުރާ މިންވަރު ލަސް ނޫން ކަމަށެވެ. އަދި މި ދުވަސްވަރު އެ ކައުންސިލް މާ ބޮޑަށް ހަރަކާތްތެރި ކަމަށް ބަޔަކަށް ހީވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއް ގޮތަކަށް ވެސް ސިޓީ ކައުންސިލްގެ މަސަައްކަތަކީ ތެޅިގަނެގެން ކުރެވޭނެ ކަމެއް ނޫން. ވަރަށް ގިނަ ރައްޔިތުންނާ ގުޅުން ހުރި ކަންތައްތައް،" ޝިފާ ވިދާޅުވި އެވެ.

އާއްމުން ސުވާލު އުފައްދަނީ، ވާދަވެރި ޕްރައިމަރީއަކާ ދިމާކޮށް، މާލޭގެ ރައްޔިތުންނާ ގުޅުން ހުރި ޚިދުމަތްތަކުގެ ސްޕީޑު އަވަސްވުމުނެވެ. އޭގެކުރިން އޮންނަނީ، ރައްޔިތުން ޝަކުވާކޮށްގެން މައްސަލަ ބަލާ ނިޒާމެކެވެ. އެކަމަކު މިހާރު ތަފާތެވެ.