ސިޓީ ކައުންސިލް ހަރަކާތްތެރިވެގެން އުޅެނީ އިންތިހާބާ ގުޅިގެނެއް ނޫން: ޝިފާ

މާލޭގެ ހާލަތު ރަނގަޅު ކުރަން ސިޓީ ކައުންސިލުން މަސައްކަތް ކުރާ މިންވަރު ލަހެއް ނޫން ކަމަށާއި މި ދުވަސްވަރު އެ ކައުންސިލް މާ ބޮޑަށް ހަރަކާތްތެރި ކަމަށް ބަޔަކަށް ހީވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށް މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.


މަސް މާރުކޭޓް ސަރަހައްދުގެ ފަޅު ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސަައްކަތް ފުލުހުންގެ އެހީގައި ހިންގުމަށް މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން، މީޑިއާގައި ޝިފާ އެހެން ވިދާޅުވިއިރު، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި އޭނާގެ އިތުރުން ސިޓީ ކައުންސިލްގެ ދެ މެމްބަރަކު ވާދަކުރައްވަ އެވެ. އެއީ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި މެމްބަރު އަހުމަދު ނިޔާޒެވެ. އެ ތިން ބޭފުޅުން ވެސް މިހާރު ގެންވަނީ މާލޭގެ މޭޔަރުކަމަށް ވަޑައިގަތުމަށް އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ކެމްޕެއިން ކުރައްވަމުންނެވެ.

ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ގަ އެވެ.

މަސް މާރުކޭޓު ސަރަހައްދުގެ ފަޅުތެރޭގައި ހުރި ގިނަ ދުވަސް ވެފައިވާ ދޯނިތައް ނެގުމުގެ މަސައްކަތް ފެށުން، މިހާ ބޮޑަށް ލަސްވީ ކީއްވެތޯ "މިހާރު" ން ސުވާލު ކުރުމުން ޝިފާ ވިދާޅުވީ ލަހެއް ނުވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއް ގޮތަކަށް ވެސް ސިޓީ ކައުންސިލްގެ މަސަައްކަތަކީ ތެޅިގަނެގެން ކުރެވޭނެ ކަމެއް ނޫން. ވަރަށް ގިނަ ރައްޔިތުންނާ ގުޅުން ހުރި ކަންތައްތައް. ދެން އަޅުގަނޑުމެންނަށް ހަގީގަތުގައި މާރުކޭޓް ކުރަހައި ނިންމާފައި ބަޖެޓް ލިބުނީމާ އަޅުގަނޑުމެން ނުކުރާންވީ ސަަބަބެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވި ގޮތުގައި، ކައުންސިލެއް އުފެއްދުމުގެ ބޭޭނުމަކީ ވެސް ރައްޔިތުން ބޭނުންވާ ގޮތަކަށް ތަންތަން ތަރުތީބު ވުމެވެ. މާލޭގެ ހުރިހާ ކަމެއް ވަގުތީ ވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި ސިޓީއެއްގެ ގޮތުގައި މާލެ ތަރުތީބު ވެގެން އަންނަ އިރު ހިޔާލު ތަފާތުވުންތައް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ މަސް މާރުކޭޓާ ދިމާލުގެ ފަޅުތެރޭގައި ހުރި ގިނަ ދުވަސްވީ ދޯނިތައް ނެގުމުގެ މަސައްކަތް މިއަދު ކުރަނީ.---ފޮޓޯ: ސިޓީ ކައުންސިލް

ނިއުސް ކޮންފަރެންސަށް ފަހު، ބައެއް ނޫސްވެރިން ވަކިވަކިން ކުރި ސުވާލުތަކަކާ ގުޅިގެން ޝިފާ ވިދާޅުވީ ސިޓީ ކައުންސިލް މި ދުވަސްވަރު މާ ބޮޑަށް ހަރަކާތްތެރިވެގެން އުޅެނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ކަމަށް ގަބޫލު ނުކުރައްްވާ ކަމަށެވެ.

ޝިފާ ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލްގެ މަސައްކަތްތައް މިހާރު މާ ބޮޑަށް ކުރިއަށް ދާ ކަމަށް ހީވަނީ އެ ކަންކަމަށް މީޑިއާގެ މާބޮޑު ސަމާލުކަމެއް މިހާތަނަށް ލިބިފައި ނެތުމެވެ.

"އިންތިހާބާ ދިމާކޮށް މިހާރު އެކްޓިވް ވީ އެއް ނޫން. އަޅުގަނޑުމެން އައީ އަބަދުވެސް މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ހާލަތު ރަނގަޅު ކުރުމަށް ތިން އަހަރުގެ މި ދައުރުގައި ސިޓީ ކައުންސިލުން ކޮށްފައިވާ ބައެއް މަސައްކަތްތައް ޝިފާ މިއަދު ހާމަކުރެއްވި އެވެ. އޭގެ ތެރޭގައި މާލޭގެ މާރުކޭޓުތައް ބައްޓަން ކުރާނެ ގޮތާއި މާލޭގެ ފަޅުތެރެ ބޭނުންކުރާނެ ގޮތް ވެސް މިހާރު ކުރަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން މުޅި މާލޭގެ މަގުތަަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މަޝްރޫއެއް އެކުލަވާލައި ފައިސާ ވެސް ހޯދާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މާލޭގެ މަސް މާރުކޭޓާ ދިމާލުގެ ފަޅުތެރޭގައި ހުރި ގިނަ ދުވަސްވީ ދޯނިތައް ނެގުމުގެ މަސައްކަތް މިއަދު ކުރަނީ.---ފޮޓޯ: ސިޓީ ކައުންސިލް

"އެހެންވީމާ މިއީކީ ލަހެއް ވެސް ނޫން. ހަތް މަސް ދުވަސް، އަށް މަސް ދުވަސް ތެރޭގައި މި ކުރެވުނު މަސައްކަތް ނިސްބަތުން ބަލާފައި ލަހެއް ވެސް ނޫން،" ޝިފާ ވިދާޅުވި އެވެ.

މިހާރުގެ ސިޓީ ކައުންސިލުން ކަންކަން ނިންމަން ލިބުނީ ކުޑަ ދުވަސްކޮޅެއް ކަމަށް އޭނާ ވިދާޅުވާ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ނިގުޅައިގެންފައިވާތީ އެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ވެރިކަން 2012 ގައި ވެއްޓުނު ފަހުން މާލެ އަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި ލޯކަލް ކައުންސިލްތަކުގެ ބާރެއް ވެސް ނެތް ކަމަށެވެ.

ޝިފާ ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލުން މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ކުރީ މާލޭގެ ޕްލޭނިންގެ ،މަސައްކަތްތަކެވެ.

"މިދިޔަ ގާތްގަނޑަކަށް އަށް މަސް ތެރޭގައި ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންނާއި ޕްލޭނިން މިނިސްޓްރީ އާއި އަދި ސަރުކާރުގެ އެކިއެކި ވުޒާރާތަކާ އެކުގައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ،" އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ، މިހާރު ފަށަން ތައްޔާރުވެފައި ކަންތައްތަކަކީ މިދިޔަ އަށް ވަރަކަށް މަސް ދުވަހުގައި ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީ އާއި ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ކުރި މަސައްކަތްތަކެވެ.