އަމިއްލަ ކްލިނިކްތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލިތަކުގެ ފަރުވާއަށް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާސަންދަ ދޭން ނިންމައިފި އެވެ.
އާސަންދަ އޮފީހުން ބުނީ އަންނަ މަހުން ފެށިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދާ އެއްގޮތަށް އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް، އާސަންދަ ސްކީމުގެ ތެރެއިން ހަމަޖައްސާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ކޮންސަލްޓޭޝަނާއި ސައިކޮލޮޖިކަލް އެސެސްމަންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ ހިމެނެ އެވެ.
އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލުތަކުގައި އާސަންދައިގެ ދަށުން ހިދުމަތަށް ކަނޑައަޅާފައިވަނީ އަހަރަކަށް 5،000ރ. އެވެ.
އެ ތަންތަނުގައި އެއް ގަޑިއިރުގެ ތެރަޕީ ސެޝަނެއްގެ އަގު އާއްމުކޮށް އުޅެނީ 500ރ. އަށެވެ. ނަފްސާނީ ހާލަތު ދެނެގަތުމަށް ހަދާ އެސެސްމަންޓްތަކުގެ އަގު އުޅެނީ 1،500ރ. އާއި 3،000ރ. އާ ދެމެދު އަގުތަކެއްގަ އެވެ. އެހެންވެ އެކަމަށް ލުޔެއް ހޯދައިދިނުމަށް ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ވަކި ހާއްސަ ސެންޓަރެއް ވަނީ ހުޅުވައިފަ އެވެ.
މިިދިޔަ މާޗު 25 ވަނަ ދުވަހު ރައީސް ހުޅުވައިދެއްވި ސެންޓަރުން 4،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީފައި ވެ އެވެ.
އެ ސެންޓަރުން ދޭ ފަރުވާތަކުގެ ތެރޭގައި، އޯޕީޑީގައި ބަލި މީހުން ބެލުމާއި އެޑްމިޓްކޮށްގެން ފަރުވާ ދިނުމާއި އަވަސް ފަރުވާ ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާ ދިނުމާއި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ހިމެނެ އެވެ.