ވޫހާން (ފެބްރުއަރީ 2) - ޗައިނާގައި ހަ ދުވަސްތެރޭ ނިންމަން އަމާޒުހިފި 1،000 އެނދުގެ ފީލްޑް ހޮސްޕިޓަލް ނިންމައި ހެލްތު އޮފިޝަލުންނާ މިއަދު ހަވާލުކޮށްފައިވާ ކަމަށް ޗައިނާ ޑެއިލީން ބުނެފި އެވެ.

ހޮސްޕިޓަލް އޮޕަރޭޓް ކުރާނީ ސިފައިންނެވެ. ހުއޮޝެންޝަން ހޮސްޕިޓަލްގައި 1،400 އަސްކަރީ މެޑިކަލް ސްޓާފުން މަސައްކަތް ކުރާނެ އެވެ.

ވޫހާންގައި ހެދި ފީލްޑް ހޮސްޕިޓަލްގެ އެތެރެ. --ފޮޓޯ:އޭއެފްޕީ
ވޫހާންގައި ހެދި ފީލްޑް ހޮސްޕިޓަލްގެ އެތެރެ. --ފޮޓޯ:އޭއެފްޕީ

މާދަމާ އިން ފެށިގެން އެ ހޮސްޕިޓަލްގައި ބަލި މީހުންނަށް ފަރުވާ ދޭން ފަށާނެ ކަމަށް ރަސްމީ މީޑިއާ އިން ބުންޏެވެ. ޒިންހުއާ ނިއުސް އެޖެންސީން ބުނީ އާ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ގިނަ ސްޓާފުންނަކީ 2003 ވަނަ އަހަރު ފެތުރުނު ސާސް ރޯގާ އަށް ވެސް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި މީހުން ކަމަށެވެ.

އާ ހޮސްޕިޓަލް އިމާރާތްކޮށްފައި ވަނީ ގާތްގަނޑަކަށް 25،000 އަކަ މީޓަރު (269،000 އަކަ ފޫޓު) ގެ ސަރަހައްދެއްގަ އެވެ.

ފީލްޑް ހޮސްޕިޓަލް ހެދުމުގެ މަސައްކަތުގައި: އެ ހޮސްޕިޓަލް މިހާރު ވަނީ އަސްކަރިއްޔާއާ ހަވާލުކޮށްފައި. --ފޮޓޯ:އޭއެފްޕީ
ފީލްޑް ހޮސްޕިޓަލް ހެދުމުގެ މަސައްކަތުގައި: އެ ހޮސްޕިޓަލް މިހާރު ވަނީ އަސްކަރިއްޔާއާ ހަވާލުކޮށްފައި. --ފޮޓޯ:އޭއެފްޕީ

ވޫހާންގައި ވަނީ ދެ ވަނަ ފީލްޑް ހޮސްޕިޓަލެއް ވެސް ހަދަން ފަށައިފަ އެވެ. އެ ހޮސްޕިޓަލްގެ ޚިދުމަތް ވެސް ބުރާސްފަތި ދުވަހު ދޭން ފަށާނެ ކަމަށް ރަސްމީ މީޑިއާ އިން ބުނެފައިވެ އެވެ. އެއީ 1،600 އެނދުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލްގައި ވަނީ ކުރިން ޕްލޭން ކުރި ވަރަށް ވުރެ 300 އެނދު އިތުރުކޮށްފަ އެވެ.

ވޫހާންގައި ހެދި ފީލްޑް ހޮސްޕިޓަލްގެ އެތެރެ. --ފޮޓޯ:އޭއެފްޕީ
ވޫހާންގައި ހެދި ފީލްޑް ހޮސްޕިޓަލްގެ އެތެރެ. --ފޮޓޯ:އޭއެފްޕީ

ޗައިނާ އަކީ އަވަހަށް އިމާރާތްތައް ހެދުމުގެ ރެކޯޑް އޮންނަ ގައުމެކެވެ. ސާސް ރޯގާ އެންމެ ވަރުގަދައެއް ފެތުރުނު ދުވަސްވަރު 2003 ވަނަ އަހަރު، ބެއިޖިންގައި ވަނީ ހަތް ދުވަހުން ހޮސްޕިޓަލެއް ހަދާ ނިންމާލައިފަ އެވެ. އެއީ އެންމެ އަވަހަށް ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ ރެކޯޑެވެ. އެ ހޮސްޕިޓަލް އިމާރާތް ކުރުމަށް ވަނީ 4،000 މީހުން ރެއާއި ދުވާލު މަސައްކަތް ކޮށްފަ އެވެ.