ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހައި ކޯޓުން ތާވަލްކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލާގެ އަޑުއެހުމެއް މިދިޔަ ހަފުތާގައި ވެސް ބޭއްވި އެވެ.

އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކޮށްދޭން އެދިވަޑައިގެންފައި އޮތުމުން އެކަމާ މެދު އެ އަޑުއެހުމުގައި ދެ ފަރާތުން ވާހަކަ ދެއްކުމުން ކަފާލާތާ މެދު ފަހުން ގޮތެއް ނިިންމަވާނެ ކަމަށް ފަނޑިޔާރުން ބެންޗުން އިއުލާން ކުރެއްވި އެވެ.

އެހެންވެ، ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ކަފާލާތާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ޔާމީންގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަމަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ޔާމީން ވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވެފަ އެވެ. އެހެންވެ، އެކަމާ ބެހޭ ލިޔުންތައް ކޯޓަށް ހުށަހަޅަން ފަނޑިޔާރުންގެ ބެންޗުން އޮތީ އަންގަވައިފަ އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަޒީދެވެ.