ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ ކަމަށް ނިންމާފަައިވާ ނިންމުން މުރާޖާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރުމަށާއި ޖަލު ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން އެދުނަސް، ހައި ކޯޓުން ކުރިން ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެ މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި. މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ ޔާމީން ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ ކަމަށް ނިންމި ނިންމުން މުރާޖާކޮށްދޭން ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި ސިޓީއަކުން އެދިވަޑައިގެންފައިވާ ކަމަށެވެ.

އެކަމަކު އެ ނިންމުން މުރާޖާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައިވާ ކަމަށް ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.

"ތަހުގީގާއި ޝަރީއަތް ވެސް ގެންދިޔައީ ގާނޫނާ ޚިލާފަށް"

އެ މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ފާހަގަ ކުރައްވާ އިސްތިއުނާފް ނުކުތާތައް އިއްވަވަމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޔާމީންގެ މައްޗަށް ދައުވާކުރީ ހަމަހަމަކަމުގެ އުސޫލާ ޚިލާފަށް ކަމަށެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެތައް ބަޔަކަށް ތުހުމަތު ކުރެވޭއިރު، ހަމައެކަނި ޔާމީންގެ މައްޗަށް ދައުވާކުރުމަކީ ތަފާތު ކުރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގެ ތަހުގީގު ފުލުހުން ހިންގީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބައިވެރިވުމެއް ނެތި ކަމަށާއި ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތް ގޮތުން އެފަދަ ތަހުގީގުތައް ހިންގަން ޖެހޭނީ އޭސީސީއާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ތަހުގީގަކީ ގާނޫނާ ޚިލާފަށް ހިންގި ތަހުގީގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިޔާޒް ވިދާޅުވީ ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތަހުގީގުގައި ސުވާލު ނުކުރާ ކަމެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ތަހުގީގުގައި ޔާމީނާ ސުވާލުކުރީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި ކަމަށާއި ދައުވާކުރި ތުހުމަތާ ގުޅިގެން ތަހުގީގުގައި ސުވާލު ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދަށު ކޯޓުން ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ޖިިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން އަޑުއެހުންތަކުގެ ތާވަލެއް ކަނޑައަޅައިގެން ނޫން ކަމަށާއި އެކަމާ ބެހޭގޮތުން ދެ ފަރާތާ މަޝްވަރާ ނުކުރާ ކަމަށް ވެސް ޝިޔާޒް ވިދާޅުވި އެވެ. އަދި އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ވެސް އިބްތިދާއީ އަޑުއެހުންތަކާއި ޝަރީއަތުގެ އަޑުއެހުންތައް އެއްކޮށް ކަމަށާއި އެ ދެމެދުގައި ދޭންޖެހޭ ވަގުތުތައް ދަށު ކޯޓުން ދީފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ ތާވަލް ކަނޑަނާޅައި، ކުރިން ކުރިއަށް ގެންދިޔަ ބައެއް މައްސަލަތަކުގައި ދަށު ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ހުރިކަން ޝިޔާޒް ފާހަގަކުރެއްވި އެވެ.

އެ މައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށާއި އެކަމަކު އެ މީހުންގެ ހެކިބަހަށް ދަށު ކޯޓުން ރިއާޔަތްކުރި ކަމަށް ވެސް ޝިޔާޒް ވިދާޅުވި އެވެ. އަދި ބޮޑެތި ތުހުމަތުތަކެއް ކުރެވި އަދި ހުކުމްތަކެއް ތަންފީޒު ކުރަމުންދާ ބައެއް ކަމަށާއި އެހެންވެ، ގާނޫނީ ގޮތުން އެ މީހުންގެ ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހެކިބަހުގައި އެ މީހުން ބުނެފައިވާ ވާހަކަތަކާއި ތަހުގީގު ބަޔާންތަކުގައި ހުރި ކަންކަމުގައި ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށާއި އެ މީހުންގެ ބުނުމަށް ބާރު ދޭ އިތުރު އެއްވެސް ހެއްކެއް ނެތީސް އެ މީހުންގެ ހެކިބަހަށް ދަށު ކޯޓުން ރިއާޔަތްކުރި ކަމަށް ވެސް ޝިޔާޒް ވިދާޅުވި އެވެ.

އިސްތިއުނާފްގެ ގިނަ ނުކުތާތަކެއް

ދޮޅު ގަޑިއިރަށް ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުން ނިންމާލިއިރު ވެސް އިސްތިއުނާފް ނުކުތާތައް ހުށަހަޅައި ނުނިމެ އެވެ. އެ މައްސަލާގަައި ޔާމީންގެ ފަރާތްޕުޅުން 75 ނުކުތާއެއް ހުށަހަޅާފައިވެ އެވެ.

އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި އިސްތިއުނާފް ނުކުތާތަކުގެ ލިޔުންތަކުގެ ގޮތުގައި 101 ސަފުހާ އެބައޮތް ކަމަށާއި މިހާތަނަށް ހުށަހެޅުނީ 25 ސަފުހާ ކަމަށެވެ. އަދިި އެގޮތަށް ކުރިއަށް ދާ ނަމަ، އިތުރު ތިން އަޑުއެހުން އެކަމަށް ބާއްވަން ޖެހޭ ކަމަށާއި އެހެންވެ، ތަކުރާރު ނުވާ ގޮތަށް އަދި ޚުލާސާ ގޮތެއްގައި ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދަން ފަނޑިޔާރު އެދިވަޑައިގަތެވެ.

އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަޒީދު ވިދާޅުވީ ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވަވާނެ ކަމަށާއި އެދުވަހު އިސްތިއުނާފް ނުކުތާތައް އެއްކޮޮށް ހުށަހެޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ދައުލަތުން ޖަވާބު ހުށަހެޅޭނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު މަޒީދާއި ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން ޝަހީދެވެ.