ކައްޕި ގެއްލުން: "ފެނުނު ވަޅީގައި ހުރީ ލެޔެއް ނޫން"

މާލެއަތޮޅު ކަގި ކައިރީ އޮންނަ ފަރަކަށް މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެރި "ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް ގެއްލުނު ހިސާބު މޫދުން ފެނުނު ތުވާއްޔާއި ވަޅީގައި ހުރީ ލޭ ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ތިން މީހުންނާ އެކު ދަތުރުކުރަނިކޮށް، ފަރަށް އަރައި، ކައްޕި ގެއްލުނު ހާދިސާގައި ސުވާލު އުފެދޭ ކަންކަން ގިނަ އެވެ. މުހައްމަދު ގެއްލުނު ގޮތާ މެދު ސުވާލު އުފެދުނީ އޭނާ ދަތުރުކުރި ދޯނި ފަރަށް އެރިތާ އެއް ދުވަސް ވީ އިރު ވެސް އެކަން ކޯސްޓްގާޑަށާއި ދޯނީގެ ވެރިފަރާތަށް ވެސް ނާންގާ އޮތުމުންނެވެ. އެ ދޯނި ފަރަށް އެރިކަން އެނގުނީ މުހައްމަދު ގެއްލިގެން އެންގުމުން، އޭނާ ހޯދަން ސިފައިން އެ ސަރަހައްދަށް ދިއުމުންނެވެ.

ކައްޕި ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާއިރު، އޭނާ ގެއްލުނު ސަރަހައްދުން ސިފައިންނަށް މިހާތަނަށް ފެނިފައިވަނީ ފޯނަކާއި ލޭ ހޭކިފައި ހުރި ކަމަށް ކުރިން ބުނި ވަޅި އާއި ތުވާއްޔެކެވެ.

ފުލުހުން މިއަދު ބުނިގޮތުގައި ކަނޑުގެ އަޑިން ފެނުނު އެ ތަކެތި ތަހުލީލު ކުރި އިރު، އޭގައި ހޭކިފައި ހުރީ ދަވާދާއި ތެރަހެވެ. އަދި ފެނުނު އެ ތަކެއްޗާއި، ދޯނިން ގެއްލުނު 37 އަހަރުގެ މީހާއާ ގުޅުމެއް ވޭތޯ ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ކައްޕި ގެއްލުނު އިރު، އޭގައި ތިބީ އޭނާގެ އިތުރުން ދިވެއްސަކާއި ދެ ބިދޭސީންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތަހުގީގުގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

މި މައްސަލައިގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ޓީޓީއެސް ފާނަ ދޯނި އަދިވެސް އޮތީ ފަރުމަތީގަ އެވެ. އެނގިފައިވާ ގޮތުގައި އެ ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައިފަ އެވެ. ދޯނި އޮތީ ވަރަށް ބޮޑަށް ފަރަށް އަރައި ހިކިފަ އެވެ.