ޓީއެމްއޭގެ ސީޕްލޭނެއް: އެ ކުންފުނިން އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތް ކުރީ އަގު ކުޑަކުރަން -- ފައިލް ފޮޓޯ: މިހާރު
17 ފެބުރުއަރީ 2020 - 10:00
ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ކުންފުނި، އެމްއޭސީއެލުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހޭދަކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް، ގާތްގަނޑަކަށް އެއްކޮށް، ކުއްޔަށް ދޭން ކުރީގެ ބޯޑުން ހުށައެޅި އަގުތައް ބޮޑުވެ، އެންމެ ފަހުން ވެސް ޓީއެމްއޭއިން މަސައްކަތްކޮށްފައި ވަނީ ކުޑަކުރަންކަން، "މިހާރު" އަށް އެނގިއްޖެ އެވެ.
ޓީއެމްއޭ އަށް އެމްއޭސީއެލުން ފޮނުވި ބައެއް ސިޓީތައް "މިހާރު"ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. އެ ސިޓީތަކުން އެނގެނީ އެއީ އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކާ ގުޅިގެން ދެ ކޮޅުން ބަދަލުކުރި މުއާމަލާތްތަކެއް ކަމެވެ. އެއީ އެއްގޮޮތަކަށް ވެސް ދެ ފަރާތުން ވެފައިވާ އެއްބަސްވުމެއް ނޫން ކަމާއި، އެ މުއާމަލާތްތަކުގެ ބޭނުމަކީ އެއްބަސްނުވެވި ހުރި ކަންކަމާ މެދު ގޮތްތަކެއް ނިންމުން ކަން ސިޓީތަކުގައި ބުނެފައި ވެ އެވެ.
ޓީއެމްއޭ އިން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަމުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ ބިނާކުރީ ޑިސެމްބަރު 10، 2017 ގައި، އެމްއޭސީއެލުން ފޮނުވި ސިޓީއަކަށެވެ. އެއީ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހެދި ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދޭނެ ކަމަށް، އެމްއޭސީއެލުން ވެފައި އޮތް އެއްބަސްވުމެއް ކަމަށް، ޓީއެމްއޭއިން ގަބޫލުކުރާ ކަމަށް، ދޭހަވާ ގޮތަށް ވާހަކަ ދެއްކި އެވެ.
އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ސޯޝަލް މީޑިއާ
އެކަމަކު އެ ސިޓީގައި އަސްލު އޮތީ، އާ ޓާމިނަލް ކުއްޔަށް ދިނުމާ ބެހޭ ގޮތުން ދެ ފަރާތުގެ މެދުގައި ހަދާ އެގްރިމެންޓްގައި ހިމަނަން ޖެހޭ އެކަމަކު ޓީއެމްއޭ އިން އެއްބަސްވުމަކަށް ނާދެވޭ ކަންކަމުގައި، އެމްއޭސީއެލުން ދެކޭ ގޮތެވެ. އެންމެ ބޮޑު އެއް މައްސަލައެއް ކަަމަށް އެ ސިޓީން އެނގެނީ މާކެޓް ރޭޓަށް ވުރެ މާ ކުޑަ އަގެއް ކަމަށް ވާ އަކަމީޓަރަކަކަށް 10.35 ޑޮލަރު އެމްއޭސީއެލުން ހުށައެޅިޔަސް، ޓީއެމްއޭއިން ބޭނުންވީ އަކައާމީޓަރެއް އެންމެ ހަތް ޑޮލަރަށް ކުއްޔަށް ހިފަން ކަމެވެ.
ބޯޑުގެ ނިންމުމާ އެކު އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ވާހަކަ ދެކެވެމުން ދިޔައީ އާ ޓާމިނަލުން 31،000 އަކަމީޓަރު 15 އަހަރަށް ޓީއެމްއޭ އަށް ކުއްޔަށް ދިނުމާ މެދުގަ އެވެ. ފުރަތަމަ ތިން އަހަރު އަކަމީޓަރަކަށް 10.35 ޑޮލަރު ޗާޖްކުރާ އިރު، ފުރާ ކޮންމެ ފަސެންޖަރެއްގެ އަތުން ފަސް ޑޮލަރު ނަގަން، އެމްއޭސީއެލުން ހުށައެޅި އެވެ. އެކަމަކު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ އަގު ހުރި ކުންފުނީގެ އަމިއްލަ އެދުން އެއަށް ވުރެ މާ މައްޗެވެ. އެހެންކަމުން ޓީއެމްއޭއިން ހުށައެޅީ އަކަމީޓަރެއް ހަތް ޑޮލަރަށާއި ފުރާ ކޮންމެ މީހެއްގެ ބޮލަށް ވެސް ހަތް ޑޮލަރެވެ. ޑިސެމްބަރު 10، 2017 ގައި އެމްއޭސީލުން ފޮނުވި ސިޓީއަކީ އެ އަގު ގަބޫލުނުކޮށް، ބޯޑު އޮތީ ކުރިން ވެސް ނިންމި އަގުގައި ހިފަހައްޓައިގެންކަން ޓީއެމްއޭ އަށް އަންގަން ފޮނުވި ލިއުމެކެވެ.
އެ ސިޓީގައި އެމްއޭސީއެލުން ބައެއް ކަންކަން ޓީއެމްއޭ އަށް ހަނދާންކޮށްދިނެވެ. އެއް ކަމަކީ އެމްއޭސީއެލުން ދޫކޮށްފައިވާ ހުސް ބިމެއްގައި، ޓީއެމްއޭއިން އަމިއްލަ އަށް ހަދާފައިވާ ޓާމިނަލްގެ އަކަމީޓަރަކަށް މިހާރު ވެސް 10.35 ޑޮލަރުގެ އަގެއް ނަގަމުން އައުމެވެ. އެހެންކަމުން އެމްއޭސީއެލުން ތަރައްގީކޮށްފައިވާ ތަނެއް ހަމަ އެ އަގުގައި ދިނުމަކީ، ޓީއެމްއޭ އަށް ރަނގަޅެއް ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލުން އަކަމީޓަރެއް ދެނީ 41 ޑޮލަރަށް ކަމާއި އޭގެ 50 ޕަސެންޓަށް ވުރެ ކުޑަ އަގެއްގައި އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޫކުރަނީ، މިހާރު ފަސިންޖަރުން އުފުލާ ނިސްބަތަށް ވުރެ ބޮޑުކޮށް، ކުރިމަގަށް ބަލައިގެން ތަރައްގީކޮށްފައިވާ ތަނަކަށް ވެފައި، ހުސް ޖާގަ އަކީ ވެސް ޓީއެމްއޭއިން އުފުލަން ޖެހޭ ބުރައަކަށް ވާނެތީ، އެކަމަށް ކުރަން ޖެހިދާނެ ހަރަދު ކުޑަކުރުމުގެ އެހީއެއްގެ ގޮތުން ކަމަށް ވެސް، އެ ސިޓީގައި ބުނެފައިވެ އެވެ.
ބޯޑު އޮތީ، އަކަމީޓަރެއް 10.35 ޑޮލަރަށާއި ފުރާ ކޮންމެ މީހެއްގެ އަތުން ފަސް ޑޮލަރު ނަގައިގެން 31،000 އަކަމީޓަރުގެ ޖާގަ އާ ޓާމިނަލުން ދޭން ދައްކަމުން އަންނަ ވާހަކަތަކުގެ މިސްރާބުގައި
"މިހާރު ޓީއެމްއޭއިން އަހަރަކު ދައްކަނީ 2.07 މިލިއަން ޑޮލަރު [30 މިލިއަން ރުފިޔާ] އަށް ވެފައި މިހާރުގެ ޓާމިނަލަށް ވުރެ ދެ ގުނަ ބޮޑު (ހުސްބިމާއި އިމާރާތް) ތަނެއްގެ ކުލި މި އަރަނީ 5 މިލިއަން ޑޮލަރު [77 މިލިއަން ރުފިޔާ] އަށެވެ. އެހެންކަމުން ޓީއެމްއޭއިން ދޭ އެއްޗެއް ބޮޑުވުމަކީ އޭގެ ޒާތުގައި ކުލި ބޮޑުވުމެއް ނޫނެވެ،" ސިޓީގައި، އެމްއޭސީއެލުން ލިއުނެވެ.
އޭގެ ފަހުން އެމްއޭސީއެލުން ބުނެފައި ވަނީ ބޯޑު އޮތީ، އަކަމީޓަރެއް 10.35 ޑޮލަރަށާއި ފުރާ ކޮންމެ މީހެއްގެ އަތުން ފަސް ޑޮލަރު ނަގައިގެން 31،000 އަކަމީޓަރުގެ ޖާގަ އާ ޓާމިނަލުން ދޭން ދައްކަމުން އަންނަ ވާހަކަތަކުގެ މިސްރާބުގައި ކަމަށެވެ.
މި ސިޓީ އަށް ޓީއެމްއޭ އިން ވަކި ޖަވާބެއް ދީފައި ނުވާ ކަމަށް، އެމްއޭސީއެލް އާއި މި މައްސަލަ ކައިރިން ބަލަމުން އަންނަ ބައެއް ފަރާތްތަކުން ބުނެ އެވެ. އަދި އޭރު ވެސް ހިޔާލު ތަފާތު ކަންތައްތަކެއް ހުރުމާ އެކު، އެކަންކަން ހައްލުކޮށް، އާ ސީޕްލޭން ޓާމިނަލްގެ އެއްބަސްވުމުގައި ސޮއިކުރެވިދާނެ ކަމަށް، އޭގެ ހަތް މަސް ފަހުން ޖުލައި 30، 2018 ގައި، އެމްއޭސީއެލުން ޓީއެމްއޭ އަށް ފޮނުވި ސިޓީއަކުން އެނގެ އެވެ.
އެ ސިޓީގައި ބުނެފައިވަނީ ވެސް އަކަމީީޓަރަކަށް 10.35 ޑޮލަރަށް، 15 އަހަރަށް އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެމްއޭސީއެލް އަށް ސޮއިކުރެވިދާނެ ކަމަށެވެ. ޓާމިނަލްގެ މެއިންޓެނަންސާއި މަރާމާތްކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ ޓީއެމްއޭ އާއި އާ ޓާމިނަލް ހިއްސާކުރާ ދެވަނަ އޮޕަރޭޓަރު ގުޅިގެން ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އަަދި އެކަން ޓީއެމްއޭއިން ކޮށްފައި، އަނެއް އޮޕަރޭޓަރު ވެސް ހިދުމަތް ހޯދާ ނިސްބަތަކުން އެކަމަށް ދައްކަން ޖެހޭ އަގު، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހޯދުމުގެ ކަންކަން ހަމަޖައްސަން، ސިޓީގައި އެދިފައިވެ އެވެ.
މި މުއާމަލާތްތަކަށް ނިސްބަތްކޮށް، "މިހާރު"އާ ވާހަކަ ދެއްކި ތަޖުރިބާކަަރުން ބުނާ ގޮތުގައި، ޓީއެމްއޭއާ އެކު އެމްއޭސީއެލުން އާ ޓާމިނަލް ކުއްޔަށް ދޭން އެއްވެސް ކަހަލަ އެއްބަސްވުމެއް ހަދައިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އޮތީ ކުރިއަށް ދިޔަ މަޝްވަރާތަކާ ގުޅޭ ސިޓީބިޓީތަކެއް ކަމަށް، އެ ތަޖުރިބާކާރުން ބުނެ އެވެ.
"ޓީއެމްއޭއަކަށް ނުބުނެވޭނެ އެއީ އެއްބަސްވުމެކޭ. އެ މީހުންނާ ދެކެވުނު ވާހަކަތަކުގައި ހައްލެއް ނުލިބި ހުރި ކަންކަން ހުރި ކަން ސިޓީތަކުން އެނގޭ. އެކަންކަން ހައްލުކޮށްފައި ނޫންތޯ އެއްބަސްވުމެއްގައި ސޮއިކުރެވޭނީ،" އެއް ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
ޓީއެމްއޭގެ ސީޕްލޭނެއް ކޮކޫން ރިސޯޓުގައި ޕާކުކޮށްފައި -- މިހާރު ފޮޓޯ: ހުސެން ވަހީދު
ޖުލައި 30 ގައި ފޮނުވި ސިޓީގައި "އަނެއް އޮޕަރޭޓަރު" ކަމަށް ބުނެފައި ވަނީ މޯލްޑިވިއަަންއަށެވެ. އޭރު އަދި މަންޓާ އެއާ އިން ސީޕްލޭންގެ އޮޕަރޭޝަންތަކެއް ނުފަށަ އެވެ. އެކަމަކު މިހާރު މަންޓާ އެއާ ވެސް، މި ހިދުމަތުގެ ތެރެއަށް ވަނުމާ އެކު، އެމްއޭސީއެލްއަށާއި ސަރުކާރަށް ވެސް އޮތީ، ވާދަވެރި މާހައުލެއްގައި ކުރިއަށް ދެވޭ ގޮތަށް، އާ ޓާމިިނަލުން ޖާގަ ދިނުމެވެ. ފިނޭންސް މިނިސްޓްރީން ނިންމާފައި ވަނީ ވެސް އެގޮތަށެވެ.
އެމްއޭސީއެލްއަކީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ކުންފުންޏެކެވެ. ކުންފުނީގެ ބޯޑު އަބަދުވެސް ވިސްނަން ޖެހޭނީ ރާއްޖެ އަށް އެންމެ ފައިދާ ބޮޑު ގޮތަށް ކަންކަން ނިންމަން ކަމަށް، "މިހާރު"އާ ވާހަކަ ދެއްކި ކަމާ ބެހޭ ބައެއް ވެރިން، ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ. އެކަމަކު އާ ސީޕްލޭން ޓާމިނަލް 15 އަހަރު ދުވަހަށް ކުއްޔަށް ދޭން ބޯޑުގެ ވިސްނުން ގެންގުޅުނީ، ޓީއެމްއޭ ނޫން އެހެން ބަޔަކަށް، ސީޕްލޭން އޮޕަރޭޝަންގައި ހިންދެމިނުލެވޭ ގޮތަށް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
"މޯލްޑިވިއަން އަށް އެތަނުން ޖާގަ ދޭން ވެސް އަންގާފައި އޮތީ ރައީސް އޮފީހުން،" މައުލޫމާތު ހުރި އެއް ބޭފުޅަކު ވިދާޅުވި އެވެ.
އެކަމަކު "މިހާރު"ން ހޯދި ހޯދުންތަކުން އެނގެނީ، އާ ސީޕްލޭން ޓާމިނަލުން މޯލްޑިވިއަން އަށް ޖާގަ ދޭން ރައީސް އޮފީހުގެ ސިޓީއެއް ހޯދީ، ހަމައެކަނި ޓީއެމްއޭ އަށް މުޅި ޓާމިނަލް ދޭން އެ ކުންފުނިން ކުރިމަތިކޮށްފާނެ ޕްރެޝަރަކުން އެމްއޭސީއެލް ސަލާމަތްވާށެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ޗަމްޕާ ހުސެއިން އަފީފުގެ ހިއްސާ އެމެރިކާގެ ބްލެކްސްޓޯނަށް ވިއްކާލައި، އޭގެ ފަހުން ބްލެކްސްޓޯނުން، އެމެރިކާގެ ބެއިން އާއި ޗައިނާގެ ޓެމްޕަސް ގުޅިގެން ހެދި ކޮންސޯޓިއަމަކަށް 500 މިލިއަން ޑޮލަރަށް ވިއްކާލިޔަސް، އަފީފުގެ ނުފޫޒު ނުފޮހޮވޭ ކަމަށް، ބައެއް ތަޖުރިބާކާރުން ވިދާޅުވި އެވެ. ބޯޑުގައި އޭނާގެ ވިޔަފާރީގެ ބައިވެރިންނާއި އާއިލާގެ އެއް މެމްބަރަކު އޭރު ވެސް އިންނެވި އެވެ.
އެކަމަކު މޯލްޑިވިއަންއަށް ވެސް އާ ޓާމިނަލުން ޖާގަ ދޭން ޖެހޭނެ ކަމަށް ސީދާ ރައީސް އޮފީހުން އެންގުމުން، އެއަށް ދެން އިތުރު ބަދަލެއް ގެންނަން ބޯޑަށް އުނދަގޫވާނެ ކަމަށް، "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
އެއް ތަޖުރިބާކާރަކު ވިދާޅުވީ، އާ ޓާމިނަލް ކުއްޔަށް ދޭން އެއްބަސްވުމެއް ހެދި ކަމަށް ބުނެ ޓީއެމްއޭ އަށް ދެއްކޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. އަދި ޓީއެމްއޭ ކޮޅަށް ތިއްބެވި ސިޔާސީ ބޭފުޅުން ރައްޔިތުންނަށް އޮޅުވާލައްވަން ދެއްކެވޭނެ ހެތްކެއް ވެސް މިކަމުގައި ނެތް ކަމަށް، އޭނާ ވިދާޅުވި އެވެ.
"އެއްބަސްވުމަކީ ދެ ފަރާތުން ސޮއިކޮށްފައި އޮންނަ ލިއުމެއް. އެއްބަސްވުން ހެދިދާނެ ކަމަށް އެމްއޭސީއެލުން އެންގީ، މިވެނި އެވެނި ކަމެއް ފުރިހަމަކޮށްފައި. އެކަންކަން ފުރިހަމަ ނުވެގެން، ފުރިހަމަކުރަން ފޮނުވާފައި ހުރި ސިޓީތަކެއް އެ ހުރީ،" އޭނާ ވިދާޅުވި އެވެ.
"އެއީ އެއްވެސް ހާލެއްގައި ރަސްމީ އެއްބަސްވުމެއް ނޫން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަފުރާސިޔާބު
17 February 2020
ބަލަ! މެނެޖިންގ ޑިރެކްޓަރު ވިދާޅުވިނުންތޯ ބޯޑުން ނިންމާފައެއް ނުވެޔޭ. މިހާރުން ތިގޮތަށް ލިޔަނީ ބޯޑުން އެކަން ނިންމި ލިއުން ބަލާފައިތޯ؟ ނޫނީ ބޯޑު ބައްދަލުވުމުގެ ޔައުމިއްޔާ ބަލާފައިތޯ؟ ސިޓީތަކެއް ފޮނުވީ އެފަދަ ސިޓީއެއް ފޮނުވުމުގެ އިޚްތިޔާރު ލިބިފައިވާ މީހަކުތޯއާއި އޭނާގެ ސިޓީގައި ބޯޑުން ނިންމިކަމަށް ބުނާނަމަ ނިންމި ލިއުންވެސް އޮންނާނެ ނޫންތޯ؟ އެފަދަ ލިއުމެއްނެތްނަމަ ލިއަންވާނީ ބޯޑުން ނިންމިކަމަށް ސިޓީތަކުގައި ލިޔެފައިވާކަމަށް.
ރަބަރު
17 February 2020
ކޮންމެބަޔަކުވެސް ކުލި ކުޑަކުރުވަން އުޅޭނެ. އެއީ ވިޔަފާރި އެކަމަކު ނަހަމަ ގޮތުގައި އެއްވެސް ކަމެއް ކޮށްގެން ނުވާނެ.
ކްރިޓިކަލްތިންކާ
17 February 2020
"މޯލްޑިވިއަން އަށް އެތަނުން ޖާގަ ދޭން ވެސް އަންގާފައި އޮތީ ރައީސް އޮފީހުން،" މައުލޫމާތު ހުރި އެއް ބޭފުޅަކު ވިދާޅުވި އެވެ. - ޔާމީން ކުރެއްވިކަމެއް
ގޯަް
17 February 2020
ކީއްކުރަންތަ 86 މެމްބަރުން އިންތިހާބުކުރަނީ. ޢިންތިހާބުކުރަންވީ ޕާޓީންގެ ލީޑަރުން އެކަނި. ޢެމްޑީޕީގެ އެމްޕީންތައް އެތިބީ ނަޝީދާ ދެކޮޅަށް ހައްޕުކިޔައިގެބން . މެމްބަރުން އިސްތިއުފާދީ.
އަލީގ
17 February 2020
ޓީއެމްއޭ މާ ދަހިބޮޑުވެގެން ލަނޑުލިބިފަ ތިއޮތީ.
އަޒްމީ
17 February 2020
ކޮމެންޓް އެއްބަސްވުމަކަށް ވާނެތަ؟ ބަދަލެއް ދޭން ޖެހިދާނެތީ އަހާލީ!
ސިކަންދަރު
17 February 2020
سبحان الله! ރައްޔިތުންނަށް އުފަލެއްނެތް! ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ!
ހޮޓްކިންގ
17 February 2020
މަ ތާއީދު ކުރަނީ އެމްއޭސީއެލްއިން ތިތަން ހިންގަން. އެހެން ބައިވެރިންނަށް ކަނޑައެޅޭ އުސޫލުން ކުއްޔަށް ދޭނީ އެކަށީގެންވާ މިންވަރަށް. އެހެންނޫނީ ހަދާނީ ހަދާނެ އެއްޗެއް. ޓީއެމްއޭއަށް ތިތަން ދޭން މިސަރުކާރުން ވަރަށް މަސައްކަތް އެބަކުރޭ ކަޓްނަގައިގެން. ރައީސް ނަޝީދުގެ ބާރު އެޅުން ވަރަށް ބޮޑުކަމަށް ވާހަކަ ދެކެވޭ.
ރައްޔިތު އަޙައްމަދު 2020
17 February 2020
މީ މިވަގުތަށް މިޤައުމުގެ ލާބައާއި މަންފާއަށް މިހާރު ނޫހުގެ ފަރާތުން ޝާއިއުކުރި ވަރަށް ވަރަށް މުޙިންމު އާޓިކަލްއެއް. އައްސަރިބަހާ ސާބަސް މިހާރު ނޫހުގެ ޓީމްއަށް. 17.02.2020 މ.
އައްލާބެ
17 February 2020
ބަލަމީޔޭ ކުރީގަވެސް ޖީއެމްއާރއައް އެއަރޕޯޓްދިނުމުގައި އެންމެބޮޑުބަޔެއް އަދާކުރިކަމައްވަނީ ސާފުދިވެހިބަހުންނޭ އެބުނަނީ ޖީބުފުރާލަންވާނޭ އަޑުއައްސަވާ މިހާރުވެސް ެހެހެރީ ޔޫޓިއުބުގައި މީނާދެއްކިވާހަކަތައް ތަރުޖަމާ ކުރންމިޖެހެނީ މީނާގެ އަމަލްތަކުން ބަދަލެއްދޭންޖެހިދާނޭ ގައުމައް ގެއްލުންވާނޭ ކިޔައިގެން މީނާގެ ވާހަކަ އަޑުއަހާ މީނާގެ އައުވާނުން ތަނެއްދޮރެއްނުބަލާ ކޮންމެވާހަކައެއް ދެއްކިޔަސް ގަބޫލްކުރާނޭ އެވަރިހަމަ ދީނައް ކީއްކުރަންތޯ ކޮންމެކަމަކާފާޅުގަ