ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް ބިނދި މިއަދު މެންދުރުފަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކްރޫއަށް ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ކަމަށް އޭނާއާ ގުޅުން ހުރި ފަރާތްތަކުން ބުނެފި އެވެ. 

އެނގިފައިވާ ގޮތުގައި އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ސީރިއަސްކަމުން ފުރަތަމަ ވެސް ފަރުވާ ދޭން ފެށީ އައިސީޔޫގަ އެވެ. 

"ހޮސްޕިޓަލަށް ގެންދިޔަ ވަގުތަށް ވުރެ މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު. އެކަމަކު މާ ބޮޑު ކުރިއެރުމެއް އަދި ނެތް. އެހެންވެ އަދިވެސް އޮތީ އައިސީޔޫގައި،" މައުލޫމާތު އެނގޭ ފަރާތަކުން "މިހާރު" އަށް ބުންޏެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގެ ޕްލެޓްފޯމަށް މިއަދުގެ މެންދުރު 2:25 ހާއިރު ކައިރި ކުރަނިކޮށް ހިނގި މި ހާދިސާގައި އަނިޔާވީ ކަނދުމަތީގައި އެ ވަގުތު ހަރަކާތްތެރިވި ކްރޫއަކަށް ކަމަށް އެމްއޭސީއެލްގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވެފައި ވެ އެވެ.

އެ ޒުވާނާ ކަނދުމަތިން ކަނޑަށް ވެއްޓުމުން ނަގަން ވެސް އިރުގަނޑެއްވި ކަމަށް އެނގިފައި ވެ އެވެ. 

"ހޮސްޕިޓަލަށް ގެންދިޔައިރު ކިރިޔާ ވިންދު ހުރިކަން،" މައުލޫމާތު އެނގޭ ފަރާތުން "މިހާރު" އަށް ކިޔައިދިނެވެ. 

ދިވެހި އެ ޒުވާނާ އަށް ވެފައިވާ އަނިޔާގެ ތަފުސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު، ހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނީ، ސީޕްލޭންގެ ކަނދު ބިންދައިގެން ދިޔަ ވަގުތު އެ ކްރޫ އޭގައި ތާށިވި ކަމަށެވެ. 

ޓީއެމްއޭއިން މީޑިއާއަށް ބުނީ، ހާދިސާ ހިނގި ވަގުތު ސީޕްލޭންގައި ތިބި ފަސިންޖަރުންނައި ކްރޫން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ގޮތް ބަލައި، ތަފުސީލް އާންމު ކުރާނެ ކަމަށް ބުންޏެވެ.

ނަމަވެސް އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ޓީއެމްއޭއިން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައި ނެތެވެ. 

އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، ހާދިސާ ހިނގުމާއެކު، އެއާޕޯޓް އިމަޖެންސީ ސާވިސަސް އިން އެ ސަރަހައްދުގައި  ހަރަކާތްތެރިވި އެވެ. އަދި އެ ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

"އަދި ހަމައެއާއެކު، ހާދިސާއާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅިފައިވާކަން ފާހަގަކުރަމެވެ،" އެމްއޭސީއެލްގެ ބަޔާނުގައި ވެ އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ. 

ސޯޝަލް މީޑިއާގައި ބައެއް މީހުން އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް ބިންދައިގެން ގޮސް އަރިއަޅައިލުމުގެ ސަބަބުން އެ ބޯޓަށް ކޮންމެވެސް ވަރަކަށް ލޮނު ވަދެފައި ވެ އެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި ޓީއެމްއޭގެ ސީޕްލޭނެއް އަރިއަޅާލުމާ ގުޅިގެން، ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި އާންމު އުސޫލުން މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ.