ސުޕްރީމް ކޯޓު: ކައުންސިލް އިންތިޚާބަށް ކުރިމަތިލި މީހެއްގެ ކެންޑިޑެސީ ބަލައިގަތުމަށް އެ ކޯޓުން ވަނީ އަމުރު ކޮށްފައި -- ފޮޓޯ/މިހާރު
04 މާޗް 2020 - 11:40
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލި މީހެއްގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުގައި ހއ. އިހަވަންދޫ ކައުންސިލަށް ކުރިމަތިލި މީހެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އޭނާގެ ކުށުގެ ރެކޯޑް ސާފު ކުރިއިރު، އަދާކުރަންޖެހޭ ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދައްކާ ކަމަށް ހިމަނައިފައި އޮތުމުންނެވެ. އެއީ އިދާރީ އޮޅުމެއް ކަމަށާއި އެ ފައިސާ ކޯޓަށް ލިބިފައިވާ ކަމަށް ބުނެ ކޯޓުން ފަހުން އެންގިޔަސް، އޭރު އޮތީ ކެންޑިޑެސީއާ މެދު ކޮމިޝަނުން ގޮތެއް ނިންމާ މުއްދަތު ހަމަވެފަ އެވެ.
އެ މީހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ކުރި ހުކުމުގައި ވަނީ ކެންޑިޑެސީއާ މެދު އިލެކްޝަންސް ކޮމިޝަންގެ ނިންމުމާ ނިންމުން މުއްދަތު ހަމަވާ ފަހުން ބަދަލު ކުރުމުގެ ބާރު އެ ކޮމިޝަނަށް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އަދި އެ މީހާގެ ދަރަންޏެއް އޮތް ކަމަށް ލިޔުން ދޫކުރެވުނީ އޮޅިގެން ކަމަށް ކޯޓުން ފަހުން ޖަވާބު ދީފައި އޮތުމުން އެ މީހާއަކީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާ ފަރާތެއް ކަން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެހެންވެ، ކައުންސިލް އިންތިޚާބުގައި އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އަމުރުކުރީ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހު ހަމަވެފައި ވާއިރު، 2،400 މީހުން ވަނީ އެ އިންތިޚާބަށް ކުރިމަތިލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސްހަސް
04 March 2020
އަނެއްކާވެސް ސްޕްރީމް ކޯޓުގެ ދަށުން އިލެކްސަން ކޮމިސަން ހިންގަން ފެށީތަ؟ އިދާރީ އޮޅުން އެރި ފަރާތަށް ފިޔަވަޅެއް ނާޅާތަ؟
އަލިތަކުރު
04 March 2020
ކޮބާ އޮޅުނު މީހާގެ ޒިންމާ. އަބުރު ކަތިލާފަ އޮޅުނީޔޭ ބުނެގެން ނުނިންމޭނެ