މައުމޫންގެ އަރިހުން އަސްމާ އާއި ޝުޖާއު މާފަށް އެދިވަޑައިގެންފި

މިދިޔަ ޖުލައި މަހު ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުން މެމްބަރުން ނުކުމެވަޑައިގެންނެވި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހުން އިއްޔެ މާފަށް އެދިވަޑައިގެންފި އެވެ.


ޕީޕީއެމް ކައުންސިލްގެ ވައިބަ ގްރޫޕުގައި މި ދެ ބޭފުޅުން މާފަށް އެދިވަޑައިގަތީ، ކައުންސިލް ބައްދަލުވުމެއް ދެން ބާއްވާނީ ކުރީގެ ބައްދަލުވުން ނުކުމެވަޑައިގެން އެމަނިކުފާނާ ދެކޮޅަށް ދައުވާކުރެއްވި މެމްބަރުން އެކަމަށް މާފަށް އެދިވަޑައިގެން، ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ވައުދުވެ ވަޑައިގަތުމުން ކަމަށް މައުމޫން ވިދާޅުވެފައިވާތީ އެވެ.

އަސްމާ އާއި ޝުޖާއު ފޮނުއްވި މެސެޖްގައި ވިދާޅުވީ "އަޅުގަނޑުގެ ފަރާތުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރެވިފައިވާ ނަމަ ރައީސް މައުމޫންގެ އަރިހުން މާފަށް އެދެން" ކަމަށެވެ.

މައުމޫން ވިދާޅުވެފައި ވަނީ "ޕާޓީގެ ރައީސާ ދެކޮޅަށް ބަޣާވަތްކުރައްވައި ކައުންސިލުން ނުކުމެވަޑައިގެން، ކޯރަމް ގެއްލުވާލައްވައި ޕާޓީގެ ރައީސް ގޮވައިގެން ކޯޓަށް ވަޑައިގެން އަދި މީޑިއާތަކުގައި ޕާޓީގެ ރައީސް އަގުވެއްޓޭގޮތަށް ވާހަކަދެއްކެވި މެންބަރުން މާފަށް އެދިވަޑައިގަތުމުން ނޫނީ ކައުންސިލްގެ ޖަލްސާއެއް ނުބޭއްވޭނެ ކަމުގައި ދަންނަވަން" ކަމަށެވެ.

މައުމޫން ޕީޕީއެމް ހިސޯރުކޮށްފައި އޮތް ކަމަށް ބުނެ ކައުންސިލް ގިނަ މެމްބަރުންގެ ތާއީދާއެކު، އެމަނިކުފާނާ ދެކޮޅަށް ދައުވާކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދެވެ.

މައުމޫން މި އެންގެވުމާ އެއްގޮތަށް ސުޖާއު އާއި އަސްމާ ފިޔަވައި އެހެން މެމްބަރަކު އަދި މާފަށް އެދިވަޑައިނުގަންނަވަ އެވެ.

ވަރަށް ހަރުކަށި އެންގެވުމެއް ކައުންސިލް މެމްބަރުންނަށް މައުމޫން މި އެންގެވީ ސިޔާސީ ޕާޓީތަކާއި ސަރުކާރާ އެކު ބާއްވާ މަޝްވަރާތަކަށް އެމަނިކުފާނު ކަނޑައެޅުއްވި ދެ މެމްބަރުންނާ މެދު ކައުންސިލްގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ މެމްބަރުން ހިތްހަމަޖެހިވަޑައިނުގަތުމުންނެވެ. މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާނީ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކަމަށް މައުމޫން ވަނީ ނިންމަވައިފަ އެވެ.

ކޮންމެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރާ މަންދޫބުންގެ ނަންތައް ފޮނުވުމަށް ރައީސް އޮފީހުން ވަނީ ޕާޓީތަކަށް އަންގައިފަ އެވެ. މިއީ، ފާރިސް މަޝްވަރާގައި ބައިވެރިނުކުރުމަށް އެންގި އެންގުމެއް ކަމަށް ޕީޕީއެމާއި އިދިކޮޅު ޕާޓީތަކުން ވެސް ތުހުމަތުކުރެ އެވެ.