މައުމޫންގެ ނިންމެވުން ސައްހައެއް ނޫން: ނިހާން

ޕީޕީއެމްގެ ނައިބު ރައީސް ކަމުން އަބްދުއްރަހީމް އަބްދުﷲ އާއި ކައުންސިލްގެ ދެ މެމްބަރަކު ވަކިކުރެއްވީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި އެއީ ބާތިލް ނިންމުމެއް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ކައުންސިލުން އަބްދުއްރަހީމްގެ އިތުރުން ޒާހިދު ރަމީޒާއި ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް ވެސް ވަނީ ވަކިކޮށްފަ އެވެ. ނަމަވެސް ރައީސް ޔާމީނަށް ތާއީދުކުރައްވާ ފެކްޝަނުން ބޭއްވި ނޫސްކޮންފަރެންސްގައި އެ ނިންމުން ވަނީ ބޮލާލައި ޖަހައިފަ އެވެ.

ނިހާން ވިދާޅުވި ގޮތުގައި ކައުންސިލްގެ އެއްވެސް މެމްބަރަކު ވަކިކުރަން ޖެހޭނީ ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު އެވެ. އެއާ ހިލާފަށް ކަންކަން ކުރައްވާ ނަމަ، އެއީ ސައްހަ ނިންމުމެއް ނޫން ކަމަށާއި އެ ނިންމުން ގަބޫލުނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބްދުއްރަހީމަށް ރުހުން ދިނީ ޕާޓީގެ ކައުންސިލުން. ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކައުންސިލް ބައްދަލުވުމުގައި މެމްބަރުންގެ އިއްތިފާގުން އަބްދުއްރަހީމް މަގާމަށް ގެނައީ. ވަކި ކުރެވޭނީ ވެސް ކައުންސިލުން މަޝްވަރާކޮށް ގޮތެއް ނިންމައިގެން،" ނިހާނު ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މައުމޫން ނިންމެވި ނިންމެވުން ގަބޫލުނުކުރައްވާނެ ކަމަށް ބުނި. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"އިއްޔެގެ ނިންމުމަކީ ބާތިލް ނިންމުމެއް. އިންސާފަކުން ނޫން އެކަން ކުރީ."

އަބްދުއްރަހީމާއި ޒާހިދަކީ، ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އައްޔަންކުރެއްވި ދެ ބޭފުޅުންނެވެ. އަދި އެ ދެ ބޭފުޅުން ކައުންސިލުން ވަކިކުރެއްވުމަށް ފަހު، މިއަދު މައުމޫން ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި އެކަން ވަނީ ފާސް ވެސް ކޮށްފަ އެވެ.

އެކަމަކު އެ ނިންމުމަށް ގޮންޖައްސަވައި އަބްދުއްރަހީމް ވިދާޅުވީ ކައުންސިލުން އެއްވެސް މީހަކު ވަކިކުރި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ބާއްވާ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ވިދާޅުވީ މިރޭ ބާއްވާ ކައުންސިލް ބައްދަލުވުމަށް، މައުމޫން މި ފަހުން އައްޔަން ކުރެއްވި ދެ ބޭފުޅުންނަށް ދައުވަތު ނުދެއްވާނެ ކަމަށެވެ.

ކައުންސިލަށް މައުމޫން ހަމަޖެއްސެވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މައުމޫންގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ އަހުމަދު ސޮފްވާން އެވެ. ޕީޕީއެމް އޮފީހުގައި މިއަދު އޮތް ކައުންސިލް ބައްދަލުވުމުގައި އެ ދެ ބޭފުޅުންނަށް ވަނީ ރުހުން ވެސް ދީފަ އެވެ.

ޕީޕީއެމްގެ ހިންގުމާ އެ ޕާޓީގެ މުޝްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން ހަވާލުވެ ވަޑައިގަތުމަށް ސިވިލް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. ހުކުމްގައި ބުނެފައިވަނީ، ޕީޕީއެމް ހިންގުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަންދެން ޕާޓީ ހިންގުމުގެ އެންމެހާ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އެ ޕާޓީގެ މުޝްތަޝާރު ކަމަށް ކަނޑައަޅާ ކަމަށާއި މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބާއްވަން މުޝްތަޝާރުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމް ކައުންސިލް މެމްބަރު މޫސާ ޒަމީރު ވިދާޅުވީ ޕާޓީގެ އެ ތެރޭގައި އުފެދިފައި އޮތް މައްސަލަތައް ހައްލުކުރަން ބޭނުންވީ މަޝްވަރާގެ އުސޫލުން ކަމަށެވެ. އެ ގޮތަށް މައްސަލަ ހައްލު ނުކުރެވޭނެކަން އެނގުމުން ކޯޓަށް ގޮސްގެން ހައްލުކުރަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ކޯޓުގެ ހުކުމާ އެކު ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށް ގޮސް، ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވެ، އެ އިންތިހާބު ކާމިޔާބުކުރަން ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެވެ.

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕާޓީގެ މުސްތަޝާރަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން ކައުންސިލާއި ޕީޕީއެމް ޕީޖީ ގްރޫޕްގައި އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ޕާޓީގެ ރައީސަށް އެންގެވޭނެ ހަމައެކަނި ބޭފުޅަކީ ވެސް މުސްތަޝާރަށް ކަމަށް މުންދު ވިދާޅުވި އެވެ.