ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކާމިޔާބުކުރުން މުހިންމު އިންތިހާބެއް ކަމަށާއި އެހެންވެ ރައްޔިތުން މިފަހަރު އެ ޕާޓީ އަށް އިތުބާރުކޮށް ވޯޓު ދިނުން އެދިވަޑައިގަންނަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާލޭގައި ދޮރުން ދޮރަށް ހިންގަވައި ޕާޓީގެ ކެމްޕޭނު ހަރަކާތްތައް ފައްޓަވައިފި އެވެ.
އެމްޑީޕީ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ދަށުން މާލޭގެ ގެތަކަށް ދިއުމުގެ ހަރަކާތް ފެށުމަށް އެ ޕާޓީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގޭގެ އަށް ގޮސް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުން ވަރަށް މުހިންމު ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް ބޮޑު ކާމިޔާބީއެއް ލިބުނީ ރައްޔިތުން ކުރި އިތުބާރުގެ ސަބަބުން ކަމަށާއި ހަމަ އެގޮތަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުކުރުން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަޅުގަނޑުމެންނަށް ކާމިޔާބު ނުކުރެވިއްޖެއްޔާ ވީ ވައުދާ އެއްގޮތަށް ހުރި މަސައްކަތްތައް ތަންފީޒު ކުރުމުގައި ދަތިތަކެއް އުނދަގޫތަކެއް ކުރިމަތިވާނެ،" ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީ ކެންޑިޑޭޓުން އެކަނި ވާދަކުރި ބައެއް ދާއިރާތަކުގެ ގޮނޑި މިހާރު ވެސް އެ ޕާޓީ އަށް ލިބިފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ އެކަމުން ދައްކައިދެނީ ރައްޔިތުން އެ ޕާޓީ އަށް ކުރާ އިތުބާރު ކަމަށެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމެއްކަން ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ ކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އަލަށް ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް ގިނަ ބާރުތަކެއް ލިބިދީފައިވާކަން ވެސް ރައްޔިތުންނަށް ސާފުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރަށްވެހި ފަތިސް ކެމްޕެއިނާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ މާދަމާ ވިލިމާލޭގައި އަންހެނުން ރޫހުގެ ކޮންފަރެންސާއި ރަށްވެހި ފެސްޓިވަލް އޮންނާނެ ކަމަށެވެ. އެ ފެސްޓިވަލްގައި އެކިއެކި ސްޓޯލްތައް ހުންނާނެ ކަމަށާއި އެ ސްޓޯލްތަކުން، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ހަރަކާތް ފެށުމުގެ ގޮތުން ދެ ރައީސުން ވަނީ މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަނަސް އަބްދުއްސައްތާރާއެކު މާލޭގެ ބައެއް ގެތަކަށް ވަޑައިގެންފަ އެވެ.