ބްރޫނާއީން ރާއްޖެ އަށް ދޭ ސްކޮލަޝިޕް އިތުރުކުރަން ނިންމައިފި

ބްރޫނާއީން ރާއްޖެ އަށް ދޭ ސްކޮލަޝިޕް އިތުރުކުރަން ނިންމައިފި އެވެ.


އެ ގައުމުން އެގޮތަށް ނިންމީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ބްރޫނާއީ އަށް ކުރައްވާ ދަތުރުގައި ބޭއްވި ބައްދަލުވުންތަކުގައި އެކަމަށް އެދިވަޑައިގަތުމުންނެވެ. އޭނާ ވަނީ ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާ އާއި އެ ގައުމުގެ ސެކަންޑް ފޮރިން މިނިސްޓަރު އަދި އެޑިއުކޭޝަން މިނިސްޓަރު ވައިބީ ދާތޯ ހަމްޒާއާ ބައްދަލުކުރައްވައިފަ އެވެ.

އެ ގައުމުން މިހާރު ވެސް ރާއްޖެއަށް ކޮންމެ އަހަރަކު ފަސް ސްކޮލަޝިޕް ދެ އެވެ. އެ ފުރުސަތު އިތުރުކުރަން ނިންމިކަމުގައި ވިއަސް ދޭން ނިންމީ ކިހާ ސްކޮލަޝިޕެއް ކަމެއް ނުބުނެ އެވެ. ސްޕެޝަލް އެޑިއުކޭޝަނާއި އެހެން ދާއިރާތަކުން ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.

ރާއްޖެ އާއި ބްރޫނާއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ މާޗް 31، 1984 ގަ އެވެ. އެކަމަކު، ދެ ގައުމުގެ ގުޅުމަށް ދޭންޖެހޭ މިންވަރަށް 1999 ވަނަ އަހަރުން ފެށިގެން އަޅައިނުލެވޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ. ބްރޫނާއީގެ މިނިވަންކަން ފާހަގަކުރުމަށް 1987 ގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަތެވެ. އަދި އިސްލާމީ މަރުކަޒު ބިނާކުރުމަށް ބްރޫނާއީން ތިން މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެ އެވެ.