ކޮވިޑް-19 ރޯގާ ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ފެމިލީ ކޯޓުން މި ދުވަސްވަރު އެ ކޯޓުގެ ޗިޓްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އާންމު އުސޫލުން ކޯޓުތަކަށް ހާޒިރުވާން ޗިޓް ފޮނުވާނީ އެ މީހެއްގެ އެޑްރެހަކަށް ކޯޓުގެ މުވައްޒަފަކު ގޮސްގެންނެވެ.

ފެމިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ކޯޓަށް ހާޒިރުވުމުގެ ޗިޓްތައް އެ ކޯޓުން މީހުންނަށް ފޮނުވާނީ ހާޒިރުވާން ޖެހޭ މީހާ ބޭނުންކުރާ ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ކަމަށެވެ. އަދި އެގޮތަށް ޗިޓް ފޮނުވާނީ އެ މީހަކާ ގުޅުމަށް ފަހު އެ މީހަކު ބޭނުންކުރާ ސޯޝަލް މީޑިއާގެ ވަސީލަތަކަށް ކަމަށާއި އެގޮތަށް ޗިޓެއް ލިބިއްޖެ ނަމަ، އެކަން ކޯޓަށް ގުޅައިގެން ކަށަވަރު ކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ހަމަޖެއްސީ ޗިޓް ބަހާ މުވައްޒަފުންނަކީ އެކި ތަންތަނަށް ގޮސް މީހުންނާ ޗިޓް ހަވާލުކުރަން ޖެހޭ ބަޔަކަށްވުމުން އެ މުވައްޒަފުންނާއި ރައްޔިތުންގެ ވެސް ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ފެމިލީ ކޯޓުން އެގޮތަށް ހަމަޖެއްސިއިރު، ވައިރަސް އުޅޭތީ ރާއްޖޭގައި މިހާރު އަންނަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އާންމުން އެއްވެ ހަރަކާތްތައް ނުބޭއްވުމަށް ކަމާބެހޭ އިދާރާތަކުން އެދިފައިވާތީ އެފަދަ ގިނަ ހަރަކާތްތަކެއް ވެސް ވަނީ ފަސްކޮށްފަ އެވެ.

ރާއްޖޭގައި ތިބި ހަ މީހެއްގެ ގައިން ވައިރަސް ފެނިފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ރިސޯޓްތަކާއި ރަށްރަށަށް މީހުން އަރައި، ފޭބުން މަނާކޮށް އިތުރު ބަޔަކު މިހާރު ވަނީ ކަރަންޓީން ވެސް ކޮށްފަ އެވެ.