ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލަ އަށް ހައްލެއް ހޯދުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) އިން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީނާ އެއްކޮށް ބައްދަލުކުރުމަށް މިއަދު ނިންމައިފި އެވެ.
މެންދުރުފަހު ބޭއްވި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ހާއްސަ ބައްދަލުވުމަކަށް ފަހު، ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ގްރޫޕުން ނިންމީ ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީނާ އެއްކޮށް، އެއް ތަނެއްގައި ބައްދަލުކުރުމަށެވެ. ޕާލިމެންޓްރީ ގްރޫޕުން އިސް ނަގައިގެން އެ ބައްދަލުވުން ބާއްވަން ނިންމީ، އޭނާ ވިދާޅުވި ގޮތުގައި، ޕާޓީގެ ތެރޭގައި ހުރި މައްސަލަތަކާ މެދު މަޝްވަރާ ކުރުމަށް ފަހު އެވެ.
އެކަމަކު، ޖަމީލް އުސްމާން ހުށަހަޅުއްވައި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެން މަނިކު ދޮންމަނިކު ތާއީދުކުރައްވައިގެން ފާސްކުރި ނިންމުމާ އެއްގޮތަށް އެ ބައްދަލުވުން ބާއްވާނެ ވަކި ތާރީހެއް އަދި ނުނިންމަ އެވެ. ޖަމީލް އުސްމާން ވިދާޅުވި ގޮތުގައި އެކަން ނިންމާނީ ރައީސް ޔާމީނާއި މައުމޫނާ ވެސް މަޝްވަރާ ކުރުމަށް ފަހު، ދެ ބޭފުޅުންނަށް ވެސް ފަސޭހަފުޅު ވަގުތެއްގަ އެވެ.
"ރަނގަޅު ދަނޑިވަޅެއްގައި ބައްދަލުވުން ބާއްވާނީ. ދައުވަތު ފޮނުވުމުގެ ކަންކަން ވެސް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
"ޕާޓީ ތެރޭގައި މައްސަލަތަކެއް އެބަހުރި ކަމަށް ހުރިހާ ބޭފުޅުން ވެސް ގަބޫލުކުރައްވާ. އެހެންވީމާ އެކަމަށް އަވަސް ހައްލެއް ހޯދުމަކީ ހުރިހާ ބޭފުޅުން ވެސް ބޭނުންވާ ކަމެއް."
މައުމޫނާއި ރައީސް ޔާމީނާ ދެ ބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލެ ނުލިބި، ދުވަހެއް ދުވަހަކަށް މައްސަލަ ދަނީ ހޫނުވަމުންނެވެ. އެ ގޮތުން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމް ތަމްސީލު ކުރައްވާނީ އެ މަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ކަމަށް މައުމޫން ނިންމަވާފައި ވަނިކޮށް، ސަރުކާރުން ވަނީ ޕާޓީތަކުން މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ކަނޑައެޅުމަށް އަންގައިފަ އެވެ.
އެކަމަކު، މައުމޫން ވިދާޅުވެފައި ވަނީ ކައުންސިލް ބައްދަލުވުމެއް ދެން ބާއްވާނީ ކުރީގެ ބައްދަލުވުން ނުކުމެވަޑައިގެން އެ މަނިކުފާނާ ދެކޮޅަށް ދައުވާކުރެއްވި މެމްބަރުން އެ ކަމަށް މާފަށް އެދިވަޑައިގެން، ޕާޓީގެ އަސާސީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ވައުދުވެ ވަޑައިގަތުމުން ކަމަށެވެ. އެ އެންގުވުމާ އެއްގޮތަށް މިހާތަނަށް މާފަށް އެދިވަޑައިގަތީ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލަ އަށް ހައްލެއް ހޯދިފައި ނުވާއިރު، އެ މައްސަލައިގައި ރައީސް ޔާމީނާ ސީދާ ވާހަކަ ދެއްކިފައި ނުވާ ކަމަށް މައުމޫން ވަނީ ކުރިން ވިދާޅުވެފަ އެވެ.