މަތީ ތައުލީމުގައި ހުރި މައްސަލަތަކުގެ ހައްލު ބޮޑަށް ގުޅިފައި ވަނީ މަތީ ތައުލީމުގެ ބިލަށް ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބިލަކީ އޭގެ އެއް ކަމެއް ކަމަށް ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހު މަޖިލީހަށް ފޮނުވިި މަތީ ތައުލީމުގެ ބިލުގައި، އަމިއްލަ ޔުނިވާސިޓީތައް ހެދޭނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ. އަދި ކޮލެޖުތަކުގެ އިންސްޓިޓިއުޓުތަކުގެ ފެންވަރު ވެސް ބަޔާންކޮށްފައިވެ އެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ މަތީ ތައުލީމުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފަ އެވެ.
މިނިސްޓަރު ކޮމެޓީ އަށް ހާޒިރުކުރުވީ ޑޮކްޓަރުން ސްޕެޝަލައިޒްވުމާ ގުޅޭގޮތުން މިދިޔަ ޑިސެމްބަރު މަހު އިއުލާނުކުރި ފުރުސަތުތަކާ ގުޅިގެންނެވެ. އޭރު އިއުލާނުކުރި ނުވަ ފުރުސަތަށް ޖުމްލަ ހަ ޑޮކްޓަރުން ހޮވާފައިވެ އެވެ. އެހެންވެ ކޮމެޓީއަށް ހާޒިރުކޮށް މެމްބަރުން ސާފުކުރަން ބޭނުންވީ އެ ޑޮކްޓަރުންނަށް ފުރުސަތު ދީފައިވާ ގޮތާ ގުޅޭ ގޮތުންނެވެ.
އޭނާ ވިދާޅުވީ މަތީ ތައުލީމުގެ ކަންކަން ކުރިން އޮތީ އެހާ ރަނގަޅަށް ރެގިއުލޭޓް ނުކުރެވި ކަމަށެވެ. މައްސަލަތައް ޖެހެނީ އޭގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
"މަތީ ތައުލީމުގައި ހުރި މައްސަލަތަކުގެ ހައްލު ވަރަށް ބޮޑަށް ގުޅިފައިވަނީ މަތީ ތައުލީމާ ބެހޭ ބިލާ. އެހެންވީމަ މަތީ ތައުލީމާ ބެހޭ ބިލުގައި ވަރަށް ބޮޑަށް އުއްމީދުކުރަމުން މި އަންނަނީ ކޮމެޓީ މަރުހަލާގައި އަޅުގަނޑުމެންގެ ފީޑްބެކް އިތުރަށް ދިނުމަށް،" ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.
"އެ ބިލް ރަނގަޅަށް ފަރުމާވެގެން ގޮސް ގާނޫނަކަށް ވީމަ އަޅުގަނޑުމެން ރާއްޖޭގެ މަތީ ތައުލީމަށް ކުރިމަތިވެފައިވާ ވަރަށް ގިނަ މައްސަލަތަކުގެ ހައްލަކާ ދިމާއަށް ދަތުރުކުރެވޭނެ."
މިނިސްޓަރު ވިދާޅުވީ މައްސަލަތަކަށް ހައްލު ހޯދަން މިހާރު ޖެހެނީ ގާނޫނީ ބާރުވެރިކަމެއް ހޯދައިގެން ކަމަށެވެ. އެ މަސައްކަތްކުރަން ތައްޔާރުކަމަށާއި ސަރުކާރުން އެކަން ކުރަން ޖެހިލުން ނުވާނެ ކަމަށް ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން އެ ދާއިރާ އަށް ހެޔޮ ބަދަލު ގެނައުމުގެ މަސައްކަތް ފަށާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.