ސަރުކާރުގެ ޚަރަދުގައި ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ދިން ދަރިވަރުންގެ އަދަދު 10،000 އަށް އަރައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ފެބްރުއަރީ 14، 2019 ގައި ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަށް 11،466 ދަރިވަރަކު ހުށަހެޅި ކަމަށެވެ. އެކަމަކު، އޭގެ ތެރެއިން ފުރުސަތު ދީފައި ވަނީ އެ މިނިސްޓްރީން ބުނިގޮތުގައި، 10،000 ދަރިވަރަކަށެވެ.
މިހާރު ވެސް ހިލޭ ޑިގްރީގައި 7،173 ދަރިވަރަކު އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.
މި އަހަރުގެ މިހާތަނަށް 845 ދަރިވަރަކަށް އެ ފުރުސަތު ފަހިކޮށްދީފައި ވެ އެވެ.
ހިލޭ ޑިގްރީ އަށް 2019 ވަނަ އަހަރު 73.6 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 132.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް އެކަނި ވެސް ކުރި 34.3 މިލިއަން ރުފިޔާގެ ހަރަދާއެކު، ތައުލީމީ ގާބިލް ޖީލެއް އުފެއްދުމަށް 240.7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.
އެ ސްކީމުގައި ބައިވެރިވެގެން ކިޔަވާ ދަރިވަރުންގެ 68 ޕަސެންޓަކީ އަންހެނުންނެވެ. އެއީ 6،788 ދަރިވަރުންނެވެ. ފިރިހެން ދަރިވަރުންގެ އަދަދަކީ 3،212 އެވެ. އެއީ 32 ޕަސެންޓެވެ.
ޑިގްރީ ސްކީމުން ކޯސް އެއްކޮށް ހިލޭ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި އެކަންޏެވެ. އަމިއްލަ ކޮލެޖުތަކުގެ ޑިގްރީ ޕްރޮގްރާމްތަކަށް ސަރުކާރުން ދައްކައިދެނީ 40-60 ޕަސެންޓާ ހަމައަށެވެ.
ހިލޭ ޑިގްރީގެ އެންމެ ގިނަ ދަރިވަރުން ކިޔަވަނީ އެމްއެންޔޫގަ އެވެ. އެއީ 29 ޕަސެންޓެވެ. ފަސް ޕަސެންޓް ދަރިވަރުން އައިޔޫއެމްގަ އެވެ.