ފައިސާއަށް އެސައިންމަންޓް ހަދައިދިނުމާ ގުޅޭގޮތުން އާއްމު ތަންތަނުގައި ކޮށްފައި ހުންނަ އިޝްތިހާރު ހުއްޓުވުމަށް ފުލުހުންނާ އެކު މިއަދު މަޝްވަރާކޮށްފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮލެޖު ޔުނިވާސިޓީތަކުގައި ދަރިވަރުންނަށް ހަވާލުކުރާ އެސައިމަންޓުތައް ވިޔަފާރި އުސޫލުން އެހެން މީހުންނާ ހަވާލުކޮށްގެން ހަދަމުން ދާތީ، އެކި މާއްދާތަކުން ދަރިވަރުންނަށް ދަސްވި މިންވަރު ވަޒަންކުރަން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އެހެންވުމުގެ ސަބަބުން މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކުރަމުން އަންނަ މަސައްކަތްތަކަށް ދަތިތަކެއް ދިމާވެފައިވާ ކަން ފާހަގަކުރި އެވެ. އެކަމާ ގުޅިގެން މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކާއި އާއްމުންގެ ޝަކުވާ ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މައްސަލައަށް ހައްލެއް ގެނައުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާ އެކު ބޭއްވެވި ބައްދަލުވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ސޯޝަލް މީޑިއާ އާއި އާއްމު ތަންތަނުގައި އެފަދަ އިޝްތިހާރުކުރުން ހުއްޓުވުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާ ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުތަކުގެ ތެރެއިން ވެސް އެ މައްސަލަތައް ބެލުމުގައި ހުރަހެއް ނެތްކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަތީ ތައުލީމާއި ތަމްރީނުގެ ބިލް ފާސްވެ ތަސްދީގުކުރުމުން އަގަށް އެސައިމަންޓު ހަދައިދޭ މައްސަލަ ހައްލުކުރުމަށް އިތުރު ފުރިހަމަކަން ލިބިގެންދާނެ ކަމަށް މިނިސްޓްރީން ގަބޫލުކުރެ އެވެ.
ދުނިޔޭގެ ތަހުޒީބުވެފައިވާ ބައެއް ގައުމުތަކުގައި ވެސް މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ހަދާ ގާނޫނުތަކުގައި އަގަށް އެސައިމަންޓު ހަދައިދޭ މައްސަލައަށް ހައްލު ހޯދައިގެން ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.