މައިކްރޮސޮފްޓާއި ގޫގުލް ވެސް ރާއްޖެ ގެންނަނީ

މައިކްރޮސޮފްޓާއި ގޫގުލްގެ ޚިދުމަތްތައް ރާއްޖެ ގެންނަން މަޝްވަރާކުރަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.


އެމެރިކާގެ މަޝްހޫރު އެޕަލް ކުންފުނިން މި އަހަރު އެ ކުންފުނީގެ އެޕް ސްޓޯރުގެ ހިދުމަތް އަލަށް ދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމަނައިފަ އެވެ.

މިނިސްޓަރު މަލީހް "މިހާރު" އަށް ވިދާޅުވީ މައިކްރޮސޮފްޓާއި ގޫގްލްގެ ޚިދުމަތް ވެސް ރާއްޖެ ގެންނަން އެ ދެ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ގޫގުލްގެ ބައެއް ހިދުމަތްތައް މިހާރު ވެސް ރާއްޖެ އަށް ލިބޭއިރު އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކުރަން މަޝްވަރާކުރާ ކަމަށް މަލީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައިކްރޮސޮފްޓުގެ އޮފީހެއް ރާއްޖޭގައި ހުޅުވުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އަދި އެކަން ހަމަޖެހޭނެ ކަމުުގެ އިޝާރާތެއް ލިބިފައިވާ ކަމަށާއި އެކަމަކު އެ ކަންކަން ތަންފީޒުވާނެ ދުވަހެއް އަދި މުޅިން ޔަގީންނުވާ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

ޓެކް ކުންފުނިތަކުން ގައުމަކަށް ޚާއްސަކޮށް ޚިދުމަތްތައް ދޭން ފެށުމުން ވަރަށް ގިނަ ޚިދުމަތްތައް ފަސޭހަކަމާ އެކު ލިބި އަދި ކުރިން ނުލިބޭ އެތައް ޚިދުމަތެއް ވެސް ލިބޭނެ އެވެ.