މާލޭގެ ގެއެއްގައި ހުރި މީހެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، ސިއްހީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގުމަކުން، އެ ގެ އަށް ވަދެނުކުމެ އުޅުން މިއަދު މަނާކޮށްފި އެވެ.
އެ ގެ މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން، ފުލުހުން ކުރަންޖެހޭ ކަންކަމަށް ވެސް މައިމޫނާ ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި މި މަހުގެ 12 ވަނަ ދުވަހު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، އާންމު ސިއްހަތުގެ ގާނޫގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 18 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ތިން ދިވެއްސަކު ހިމެނޭއިރު، އެއީ އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބަހައްޓާފައިވާ މީހުންނެވެ. އެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ބައްޔަށް ޝައްކުވާ އަލާމާތްތަކެއް ފެނުމުން ޓެސްޓު ކުރުމުންނެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 18 މީހުންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެ 13 މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ ބިދޭސީ މުވައްޒަފާއި 11 ޓޫރިސްޓުންނެވެ.