ކޮރޯނާވައިރަހުގެ ސަބަބުން ކުރިމަތިވެފައިވާ މާސްކްގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެމެރިކާގެ އެޕަލް ކުންފުނިން މާސްކް އުފައްދަން ފަށައިފި އެވެ.
އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާގެ އިތުރުން މުޅި ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ މެޑިކަލް ސާމާނުގެ ދަތިކަމާ އެކު އެ ކުންފުނިން 20 މިލިއަން މާސްކް އުފައްދަން ނިންމާފައިވާ ކަމަށާއި އެޕަލްގެ ޓީމުން މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އައިޝީލްޑް" ގެ ނަމުގައި އުފައްދާ މާސްކް މި ވަގުތު ކޮރޯނާވައިރަހުގެ ހާލަތު އެންމެ ގޯސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުމަށް ފަހު، ދުނިޔޭގެ އެކި ހިސާބުތަކަށް ވެސް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް އެޕަލް އިން ބުންޏެވެ.
"މިއީ އިންސާނިއްޔަތަށްޓަކައި އަހަރެމެން ވަރަށް ލޯތްބާ އެކު ކުރާ މަސައްކަތެއް. އަދި މިކަމުގައި ގައުމުތަކުގެ ސަރުކާރުތަކާ އެކު އެކި ލެވެލްތަކުގައި އަންނަނީ މަޝްވަރާތައް ކުރަމުން" ޓިމް ވިދާޅުވި އެވެ. "އެންމެ ބޮޑަށް އެހީ އަށް ޖެހިފައިވާ ތަންތަނަށް އެހީވުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއް."
އެޕަލް އިން މާސްކް އުފައްދަން ފެށީ މީގެ ދެ ހަފުތާއެއް ކުރިން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކަށް މިލިއަނަކަށް ވުރެ ގިނަ މާސްކް ހަދިޔާކުރަން ނިންމިކަން އިއުލާންކޮށްފައި ވަނިކޮށެވެ.
އެޕަަލް އިން އުފައްދަނީ ޕްލާސްޓިކް މާސްކެވެ. އެމެރިކާ އާއި ޗައިނާ އިން ހޯދާފައިވާ ރޯ މެޓީރިއަލްގެ އެހީގައި ތައްޔާރުކުރާ މި މާސްކްތައް ފުރިހަމަކުރަން ނަގަނީ ދެ މިިނިޓަށް ވުރެ މަދު ވަގުތުކޮޅެކެވެ. އެޕައިން ބުނިގޮތުގައި "އައިޝީލްޑް މާސްކް" ގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ ހަފުތާގައި ވަނީ ސިލިކަން ވެލީގެ ހޮސްޕިޓަލްތަކަށް ފޮނުވައިފަ އެވެ.
އެޕަލްގެ އިތުރުން މަޝްހޫރު ބޮޑެތި އެހެން ކުންފުނިތަކުން ވެސް މި ވަގުތު އަންނަނީ މެޑިކަލް ސާމާނު އުފައްދަމުންނެވެ. އޭގެ ތެރޭގައި ފޯޑާއި ޓެސްލާ ފާހަގަކޮށްލެވެ އެވެ. އެތަންތަމުން އަންނަނީ މާސްކާއި ވެންޓިލޭޓަރު އުފައްދަމުންނެވެ.