ބަންގްލަދޭޝްގައި ކޮރޯނާވައިރަސް ބާރަށް ފެތުރެމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ދޭތެރޭ ޝައްކުވާ ކަމަށް ބުނެ، އެ މީހުން ވީހާ އަވަހަކަށް ރާއްޖެ ގެނެސްދޭން އެދެމުން އެބަ ދެ އެވެ.
ބަންގްލަދޭޝްގައި ކިޔަވާ ދަރިވަރަކު "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ، އެ ގައުމުގައި ހަލުއިކަމާ އެކު ވައިރަސް ފެތުރެމުންދާ އިރު، ދިވެހި ދަރިވަރުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. އޭނާ ފާހަގަކުރި މައިގަނޑު ކަންކަމުގެ ތެރޭގައި ވައިރަސް ހުރި މީސްމީހުން ފިލުމާއި ކަރަންޓީން ފެސިލިޓީގެ ކަންކަން ހުރި ގޮތާއި ބަލި މީހުން ބެލެހެއްޓޭ ގޮތާއި އައިސޮލޭޓްކުރާ މީސްމީހުން ނުކުންނަ މައްސަލަ ހިމެނެ އެވެ. އެހެންވެ، ދިވެހި ދަރިވަރުންނަށް ބަލި ނުޖެހި ސަލާމަތްވެދާނެ ކަމުގެ އުންމީދު އެ މީހުންނަށް އޮތީ ކުޑަވެފަ އެވެ.
ކޮވިޑާ ގުޅިގެން ބަންގްލަދޭޝް މިހާރު އޮތީ ލޮކްޑައުން އަށް ގޮސްފަ އެވެ. ވައިގެ ދަތުރުތައް ވެސް ހުއްޓާލުމާ ގުޅިގެން، ގިނަ ދިވެހި ދަރިވަރުންތަކެއް ވަނީ ވެރިރަށް ޑާކާގެ އިތުރުން ބަންގްލަދޭޝްގެ ބައެއް އެހެން ސިޓީތަކުގައި ވެސް ތާށިވެފަ އެވެ. ރާއްޖެ އާދެވޭނެ ކަށަވަރު ދުވަހެއް އެއްވެސް ދަރިވަރަކަށް ނޭނގެ އެވެ.
އެކަމަކު، ލޮކްޑައުން އަށް ދިޔަ ބައެއް ގައުމުތަކުން މިހާތަނަށް 800 އަށް ވުރެ ގިނަ ދިވެހިން ވަނީ ރާއްޖެ ގެނެސްފަ އެވެ. ސަރުކާރުން ބުނެފައި ވަނީ ބަންގްލަދޭޝްގައި ތިބި ދިވެހިން ވެސް ކަންކަން ވެސް ގާތުން ބަލަމުން އަންނަ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، އެއްވެސް ގައުމެއްގައި ދިވެހިން ހާލުގައި ޖެހުނަ ނުދޭނެ ކަމަށެވެ. އެގޮތުން ބަންގްލަދޭޝްގެ ހާލަތު ވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އެ ގައުމުގައި ތިބި ދިވެހިންނަށް ވެސް އެހީވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ބައެއް ގައުމުތަކުން މީހުން ގެނައުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ބަންގްލަދޭޝް ވެސް ހިމެނޭ ކަމަށެވެ. އެކަމަކު ވިދާޅުވީ އެ ދަތިތަކާ އެކު ވެސް، ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ބަންގްލަދޭޝްގައި މިހާރު 78 ދިވެހިން ރަޖިސްޓްރީވެގެން ދިރިއުޅެ އެވެ. ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވާ މީހަކު "މިހާރު" އަށް ބުނި ގޮތުގައި، މި ހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެ ގައުމުން ފިޔަވަޅު އަޅާފައި އޮތީ ވަރަށް ދޯދިޔާކޮށެވެ. އޭގެ އިތުރުން މި ހާލަތުގައި ދިރިއުޅެން ޖެހިފައިވަނީ ވެސް އެހާ ދަތިކޮށް ކަމަށް އޭނާ ބުންޏެވެ.
އެ ގައުމުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބަލާއިރު، ހޮސްޓެލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޮޑެތި ގެއްލުންތައް ވަމުންދާކަން ވެސް އޭނާ ފާހަގަކުރި އެވެ. އެގޮތުން ހޮސްޓެލްތައް ބަންދުކޮށް ކުދިން މަގުމަތިވަމުންދާ ކަމަށް އޭނާ ބުންޏެވެ. މިއީ، ސަރުކާރުން ކޮންމެހެން ވެސް އެހީ ފޯރުކޮށްދޭން ޖެހޭ ވަގުތެއްކަން އޭނާ ފާހަގަކުރި އެވެ.