ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ހަ ވަނަ މީހަކު މަރުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ހަ ވަނަ މީހަކު މިއަދު މަރުވެއްޖެ އެވެ.


އެޗްޕީއޭ އިން ބުނީ މިއަދު މެންދުރު 2:30 ގައި މަރުވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އައި ބަންގްލަދޭޝްގެ މީހެއް ކަމަށެވެ. އެއީ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ. މިއީ ރާއްޖެ އިން ކޮވިޑް-19 ގައި މަރުވި ބަންގްލަދޭޝްގެ ތިންވަނަ މީހާ އެވެ.

މި ބަލީގައި މިހާތަނަށް މަރުވެފައި ވަނީ ބަންގްލަދޭޝްގެ ތިން މީހުންނާއި ތިން ދިވެއްސެކެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި ތިން ދިވެހިންގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުން އާމިނަތު އާދަމް ހިމެނެ އެވެ.

ރާއްޖޭން ކޮވިޑް-19 އަށް މިހާތަނަށް 1,773 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 974 މީހަކަށް އެ ބަލި ވަނީ ޖެހިފަ އެވެ. މިހާތަނަށް ރަނގަޅުވީ 453 މީހެކެވެ.

އެޗްޕީއޭގެ ޓުވީޓް

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހަކު ފުރަތަމަ ފެނުނީ މިދިޔަ މާޗް 7 ގަ އެވެ. އެކަމަކު، ވެރިރަށް އަދި ދުނިޔޭގައި ވެސް އެންމެ ތޮއްޖެހުން ބޮޑު ސިޓީ މާލެ އިން އެ ބަލީގެ މީހަކު މިދިޔަ އޭޕްރީލް 15 ގައި ފެނުމާ އެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ލޮކްޑައުން އަށް މި މަހުގެ 28 ގައި ކޮންމެވެސް ވަރެއްގެ ލުޔެއް ދީފައިވާއިރު، އިއްޔެ އެކަނި ވެސް 101 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އޭގެ ތެރޭގައި ގިނައީ ކުރީގެ ކްލަސްޓާތަކާ ގުޅުން ހުރި ކޮންޓެއިންމަންޓް ސައިޓްތަކުގައި އުޅޭ ބިދޭސީން ކަމަށް އެޗްޕީއޭ އިން ރޭ ބުނެފައި ވެ އެވެ.