ކޮވިޑް-19 އާ ގުޅިގެން، ކަރަންޓީނަށް ދާން ދެކޮޅު ހެދި ބަޔަކު ކަރަންޓީން ކުރަން ސިވިލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވެ، އެ ބަލި ފެތުރުނަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އެޅުމަށްޓަކައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ރާއްޖެ އިން ބޭރުން އަންނަ ދިވެހިންނާއި އެ ބައްޔަށް ޕޮޒިޓިވްވާ މީހުން ކަރަންޓީންގައި މަޑުކުރަން ޖެހެ އެވެ. އަދި އެ ނޫން ބައެއް ހާލަތްތަކުގައި ވެސް ބައެއް މީހުން ކަރަންޓީން ކުރުމަށް ނުވަތަ އެކަހެރި ކުރަން އެންގުމުގެ ބާރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އޮވެ އެވެ.
ދެ މީހަކު ކަރަންޓީން ކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ މެންދަމު ސިވިލް ކޯޓުން ވަކިވަކިން ދެ އަމުރެއް ނެރެފައިވާ ކަން އެ ކޯޓުން ވެސް ކަށަވަރުކޮށް ދިނެވެ. މިއީ ކަރަންޓީނަށް ބަޔަކު ގެންދަން އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. އެ ދެ މީހުން ވަނީ އެ އަމުރަށް ފަހު ކަރަންޓީނަށް ގެންގޮސްފަ އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު އޮންނަ ގޮތުން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން އެޗްޕީއޭ އިން އަންގާ އެންގުންތަކަށް އަމަލު ނުކުރާ ނަމަ، ސިވިލް ކޯޓު އަމުރެއްގެ ދަށުން އެކަން ކުރަން އެންގިދާނެ އެވެ. އަދި އެފަދަ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ގޮތަށް ސިވިލް ކޯޓުން ކުރިން އޮތީ ހަމަޖައްސައިފަ އެވެ.
ރާއްޖެ އިން މިއަދާ ހަމައަށް ކޮވިޑް-19 އަށް 94 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މާލެ އަށް މި ބަލި ފެތުރި މާލޭގެ އަދަދު ވަނީ 70 އަށް އަރައިފަ އެވެ.