މާލެ އިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މުޅި ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ އަދަދު 177 އަށް މިއަދު އަރައިފި އެވެ.

އެޗްޕީއޭ އިން މިރޭ ފަތިހު ކުރި ޓުވީޓެއްގައި ބުނީ، މި ފަހަރު އެ ބައްޔަށް ޕޮޒިޓިވްވީ ބަންގްލަދޭޝްގެ 29 މީހަކާއި ހަ ދިވެއްސަކާއި އިންޑިއާގެ އެކެކެވެ. މިއީ މިހާތަނަށް އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން އާންމުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެއް ދުވަހެއްގައި ވެސް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ވެފައި ވަނީ 23 މީހުން ކަން އެ އިދާރާގެ ހިސާބުތަކުން ދައްކަ އެވެ.

ކޮވިޑް-19 އަށް މި ފަހަރު ޕޮޒިޓިވް ވި 36 މީހުންގެ ތެރޭގައި ނުވަ އަހަރުގެ ދިވެހި އަންހެންކުއްޖަކު ވެސް ހިމެނެ އެވެ.

އެޗްޕީއޭ އިން ބުނީ، މި ފަހަރު ކޮވިޑް-19 އަށް ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 30 މީހަކު އުޅެމުން ދިޔައީ މީހުން ދިރިއުޅެން އެކަށީގެން ނުވާ ފެންވަރުގެ ތިން ގެއެއްގައި ކަމަށެވެ. އެހެންވެ، އެ މީހުން އައިސޮލޭޝަން ފެސިލިޓީ އަކަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތަފުސީލުތައް އެޗްޕީއޭ އިން އަދި ހާމައެއް ނުކުރެ އެވެ. ކޭސްތަކުގެ ތަފްސީލްތައް އާންމުކޮށް ދެނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ކޮންމެ ދުވަހަކު ބާއްވާ މީޑިއާ ބްރީފިންތަކުގަ އެވެ. މިއަދުގެ ފުރަތަމަ ބްރީފިން ތާވަލް ކޮށްފައި ވަނީ މެންދުރު 2:30 އަށެވެ. ދެވަނަ ބްރީފިން ބާއްވަނީ ރޭގަނޑު 9:30 ގަ އެވެ.

މާލެ އިން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވީ، 12 މީހެކެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުން ނިސްބަތްވާ ގައުމުތައް:

1- ދިވެހިން- 75

2- ބަންގްލަދޭޝް- 75

3- އިޓަލީ- 11

4- އިންޑިއާ- 10

5- ސްރީ ލަންކާ- 2

6- އިނގިރޭސި ވިލާތް- 1

7- ޖަރުމަނު- 1

8- އެހެނިހެން- 2

މި މަހުގެ 15 ގައި މާލެ އިން އެ ބަލީގެ މީހަކު ފުރަތަމަ ފަހަރަށް ފެނުނު ފަހުން، ހާލަތު އިތުރަށް ވަނީ ސީރިއަސް ވެފަ އެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 100 ފަހަނަޅައިފަ އެވެ. މާލެ އިން އެ ބަލީގެ މީހަކު ފުރަތަމަ ފެނުނު ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ކޮވިޑް-19 ފެތުރުނަނުދިނުމަށް ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ބައްޔަށް ޓެސްޓު ކުރުމުގެ ގާބިލްކަން ވެސް ވަނީ މިހާރު އިތުރުކޮށްފަ އެވެ. އައިޖީއެމްއެޗުގެ ލެބޯރެޓަރީގެ އިތުރުން ފުލުހުންގެ ލެބޯރެޓަރީގައި ވެސް މިހާރު ކޮވިޑް-19 އަށް ޓެސްޓު ކުރެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ބޭއްވެވި މީޑިއާ ބްރީފިންގައި ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ނެތް ކަމަށް ބެލެވޭ ތަންތަނުން ވެސް މި ބައްޔަށް މީހުން ޕޮޒިޓިވްވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މުޖުތަމައުގައި މި ބަލި ފެތުރިފައި ވަނީ ކިހާ މިންވަރަކަށް ކަން ބެލުމަށްޓަކައި "ކޮމިއުނިޓީ ސާވައިލަންސް" އެއް ވެސް އަންނަނީ ހަދަމުންނެވެ.