ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ރާއްޖެ އަށް ހަދިޔާކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ އެއް ރިސޯޓް ކަމަށްވާ ވެލާގެ ހިއްސާދާރުންގެ ފަރާތުން ރާއްޖެ އަށް ހަދިޔާކުރައްވާ މި ތަކެތި މިއަދުގެ ވަގުތެއްގައި ރާއްޖެ އަށް ގެންނާނެ ކަމަށް އެ ރިސޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ތަކެތި ގެންނަން ހަމަޖެހިފައި ވަނީ އެ ރިސޯޓުގެ ހިއްސާދާރުން ކަމުގައިވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީ ވަޑައިގަންނަވާ ޕްރައިވެޓް ދެ ޖެޓުގަ އެވެ.

ވެލާ ރިސޯޓުގެ ހިއްސާދާރުން ހަދިޔާކުރައްވާ ތަކެތި

- 10،000 ޓެސްޓް ކިޓު

- 5 ވެންޓިލޭޓަރު

- 100،000 ފޭސް މާސްކް

- 200 ރެސްޕިރޭޓާ

- 500 ޕީޕީއީ ކިޓް

މިއަދު ރާއްޖެ ވަޑައިގަންނަވާ ހިއްސާދާރުންގެ ތެރެއިން ޑެނިއަލް ވަނީ މިދިޔަ މާޗު މަހު ޗެކް ރިޕަބްލިކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. ނަމަވެސް އޭނާ ރާއްޖެ އަށް ވަޑައިގަންނަވަނީ އެ ބައްޔަށް ފަރުވާ ލިބި އެއްކޮށް ރަނގަޅު ވުމުން ކަމަށް ވެލާ ރިސޯޓުން ބުންޏެވެ.

ވެލާ ރިސޯޓުގެ ހިއްސާދާރުންގެ ޖެޓުތަކުގައި އެ ބޭފުޅުންގެ އިތުރުން އެހީތެރިން ވެސް އަންނާނެ ކަމަށް އެނގިފައިވެ އެވެ. އެ މީހުން ތިބޭނީ ވެލާ ރިސޯޓުގަ އެވެ.

ޑެނިއަލް އަކީ ޗެކް ރިޕަބްލިކްގެ ބިލިއަނަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި ޖެރީ ސްމެކް އަކީ ވެލާ ރިސޯޓުގެ ހިއްސާދާރެއްގެ އިތުރުން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރެވެ.

މުވައްޒަފުންނަށް ރަނގަޅު ރިސޯޓެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ވެލާ އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ރިސޯޓްތައް ބަންދުކުރަން ޖެހި އެތައް ރިސޯޓެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް އަދި ނޯޕޭގައި ފޮނުވާލި އިރު، މުވައްޒަފުންނަށް މުސާރައިގެ އިތުރުން ފައިސާގެ އިތުރު އެހީ ވެސް ދޭން ނިންމައިފަ އެވެ.

ރާއްޖޭގެ 400 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު މީގެ ތެރޭގައި ރެންޑަމްކޮށް ޓެސްޓު ކުރި މީހުން ވެސް ހިމެނެ އެވެ. އެހެން ކަމުން ގިނަ މީހުން ޓެސްޓު ކުރުމަށް ވީހާ ވެސް ގިނަ ޓެސްޓު ކިޓު ރާއްޖެއަށް ބޭނުންވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.