މި މަހުގެ 10 އިން ފެށިގެން ރާއްޖެ އާދެވޭނީ ކޮވިޑް ޓެސްޓު ނެގެޓިވް މީހުންނަށް އެކަނި

ކޮވިޑް-19 އަށް ޓެސްޓްކޮށް، އެ ބަލި ނެތްކަން އެނގޭނެ ލިޔުމަކާ އެކު ނޫނީ މި މަހުގެ 10 އިން ފެށިގެން ޓޫރިސްޓުންނަށް ރާއްޖެ ނާދެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.


އެ މިނިސްޓްރީ ރޭ ކުރި ޓުވީޓެއްގައި ބުނީ ޓޫރިސްޓުންނާއި ރާއްޖެ އަށް ކުރު މުއްދަތަކަށް ޒިޔާރަތްކުރާ އެންމެން ވެސް ޕީސީއާރު ޓެސްޓެއް ހަދައި، ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމުގެ ސެޓްފިކެޓެއް ގެންނަން ވާނެ ކަަމަށެވެ. އެ އުސޫލަކީ ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެންމެންގެ ސަލާމަތަށްޓަކައި ހެލްްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމި ނިންމުމެކެވެ.

ޕީސީއާރު ޓެސްޓު ހަދަން ޖެހޭނީ ރާއްޖެ އަންނަން ފުރުމުގެ އެންމެ ގިނަވެގެން 72 ގަޑިއިރުގެ ތެރޭގަ އެވެ.

ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގައި ސަލާމަތީ ފިޔަވަޅު ވަރުގަދަަކޮށްފައި މި ވަނީ އަންނަ މަހުގެ 15 ގައި ގެސްޓް ހައުސްތައް ވެސްް ހުޅުވަން ނިންމާފައި ވަނިކޮށެވެ. މިގޮތަށް އުސޫލު ބަދަލުކުރައްވާނެ ކަމަށް ޓޫރިޒަަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާދީއްތަ ދުވަހުގެ ރޭ އޮތީ ވިދާޅުވެފަ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މައުސޫމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވައިލީ ވަރަށް ލުއި ފަސޭހަކޮށް ކަމަށާއި ނަމަވެސް ކޮވިޑް-19 އަށް ނެގެޓިވްކަން ޔަގީން ކުރުމަށް ފަހުގައި ނޫނީ ނާދެވޭ ގޮތަށް އުސޫލު ވަރަށް އަވަހަށް ބަދަލު ކުރައްވާނެ ކަމަށެވެ.

އެކަން އެގޮތަށް ބަދަލު ކުރައްވަނީ ޓޫރިސްޓުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އޭރުން ވަރަށް ގިނަ ޓޫރިސްޓުންނަށް އިތުރު ޔަގީން ކަމެއް ލިބިގެން ދާނެ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ. އެ ވެސް ވާނެ އަޅުގަނޑުމެންގެ ނަމްބަރުތައް އިތުރު ކުރުމަށް މުހިންމު ކަމަކަށް. އޭގެ ޒާތުގައި ރާއްޖެ އަކީ ދުނިޔޭގެ ޑެސްޓިނޭޝަންތަކުގެ ތެރެއިން އެންމެ ބަރާބަރު ގައުމު ސަލާމަތާއެކު އައިސް ޗުއްޓީ ހޭދަކޮށްލާފައި ދާން،" މިދިޔަ މަހު މަގާމާ ހަވާލުވެވަޑައިގެންނެވި މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން ހުއްޓިފައި އޮތުމަށް ފަހު، އަލުން ހުޅުވައިލި ނަމަވެސް އަދި ޓޫރިސްޓުން އަންނަމުން ދަނީ ވަރަށް މަދުންނެވެ. ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަދިވެސް މަދެއް ނުވެ އެވެ. މިހާރު ވެސް ކޮންމެ ދުވަހަކު 100 އިން މަތިން އާ ކޭސްތައް ފެނެ އެވެ. އެއާ އެކު ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ އަދަދު މިއަދު ވަނީ 8،000 އަށް ވުރެ މަތިވެފަ އެވެ.