އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
14 މެއި 2020 - 10:24
ކޮވިޑް-19ގެ ތަރުޖަމާން، މުހައްމަދު މަބްރޫކް އަޒީޒްގެ ވާހަކަތައް ކޮންމެ ދުވަހަކު އަޑުއެހުމަކީ ރާއްޖެ މިއޮތް ބަލިމަޑުކަމުގައި، މިހާރު އާއްމުންގެ ދިރިއުޅުމުގެ އެއްބަ އެވެ. ކިޔައިދީ، އޮޅުންފިލުވައިދީ، ހޭލުންތެރި ކުރުވުމުގައި އޭނާ ވަރުބައްޔެއް ނުވެ އެވެ. ފޫއްސެއް ވެސް ނުވެ އެވެ.
އެކަމަކު މި ފަހަރު ޕްރެސް ކޮންފަރެންސްތަކުގައި ދައްކަވާ ވާހަކަތަކެއް ނޫނެވެ. ކޮވިޑާ ދެކޮޅު ގައުމީ މަސައްކަތުގައި ކުއްލިއަކަށް އެންމެންގެ "ހީރޯ" އަކަށް މަބްރޫކް ވީ ގޮތެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަބްރޫކާ އެކު ހޭދަވި ދޮޅު ގަޑިއިރުގެ އިންޓަވިއުގައި، ކިޔައިދެއްވި ވާހަކަތަކުން އޭނާގެ ކުރު ތައާރަފަކީ މި އެވެ؛
ގަބޫލުކުރައްވާ އުސޫލްތައް ދޫކޮށް ނުލައްވާނެ ކަމެވެ. މިކަން އެއްފަރާތްކޮށްލެއްވި ނަމަ، އޭނާ މި ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އިންނެވުން ގާތެވެ. ވަރަށް މަދު ވޯޓު ކޮޅަކުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އޭނާ ކުރިއަށް ނެރުއްވީ އިޚްލާސްތެރި ކަމެވެ. ވޯޓުގައި ނުފޫޒެއް ނެތި އޭނާ ހޮވައި ދިނުމެވެ.
އެކަމަކު ނާކާމިޔާބު ވުމުން ޑިމޮކްރަސީގެ ރީތި އުސޫލުގެ މަތިން ބަލި ގަބޫލުކުރެއްވީ އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި މަގުމަތިން ފެއްޓެވި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން މަޖިލީހާ ހަމައަށް ވިސްނުން ދިޔައީ، ރައްޔިތުން ބާރުވެރިކުރާށެވެ. ޑިމޮކްރަސީގައި އެ ނޫން ގޮތެއް މި ގައުމުގައި ވެސް އޮވެގެންވާނެ ކަމަކަށެއް މަބްރޫކް ގަބޫލެއް ނުކުރައްވަ އެވެ.
ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ މުހިއްމު މެސެޖްތަކާ އެކު މުހިއްމު ގޮނޑިއެއްގައި މަބްރޫކް މިހާރު އިންނެވިއިރު، ދައުލަތުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހާމަކޮށްދިނުމާއި ކިޔައިދިނުމަކީ މާ ކުރިން ވެސް އަޑު އުފުއްލެވި ކަމެކެވެ. އޭނާ ބާރު އަޅުއްވަމުން އައީ ތިމާ ގަބޫލުކުރާ ގޮތް ނޫނަސް، އެހެން މީހުންގެ ހިޔާލާއި ފިކުރު އަޑުއެހުމުގެ ގާބިލްކަން ހުންނަން ވާނެ ކަމެވެ. އެހެން މީހުންނަށް އިހްތިރާމްކުރުގެ ސަގާފަތެއް އުފެއްދުމަށެވެ.
ޕްރެސް ކޮންފަރެންސްތަކުގައި، "ކަންކަން ފޮރުވަން ބުނާ ދުވަހަކު އަޅުގަނޑު މި ގޮނޑިއަކު ނީންނާން" ކަމަށް ކެރިގެން ވިދާޅުވާ ވާހަކަ ގުޅެނީ ވެސް އޭނާ ގަބޫލުކުރައްވާ އުސޫލްތަކާ އެވެ.
"އަދިވެސް އެ ގޮތުގައި އަޅުގަނޑު މިހިރީ. ކަންކަން ފޮރުވުމަކީ މިކުރާ މަސައްކަތުގައި ވެސް އަޅުގަނޑު ކުރާނެ ކަމެއް ނޫން. މިކަން ފެށިއިރު އަޅުގަނޑަށް ރައީސްގެ އިރުޝާދު އައީ ވެސް ކަންކަން ސިއްރު ނުކުރުމަށް،" މަބްރޫކް ވިދާޅުވި އެވެ.
ފައިނޭންސްގެ ދާއިރާއިން ކިޔަވަން އޮތް ޝައުގުވެރިކަން މަބްރޫކް ދޫކޮށްލައްވައި ޕޮލިޓިކަލް ސައިންސްގެ ރޮނގުން ކިޔެވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާށެވެ. ތައިލެންޑްގައި ކިޔެވުމާއި މަސައްކަތުގައި 10 އަހަރު ހޭދަކުރައްވައި އިންޑޮނީޝިއާގައި ވަޒީފާ އަދާކުރެއްވި އިރު އޭނާ ގެންދެވީ ރާއްޖޭގެ ސިޔާސީ ދާއިރާގައި، އެއްފަރާތް ކުރެވޭ ކަންކަމުގައި އެހީތެރިވެވޭނެ ގޮތްތަކެއް ހޯއްދަވަމުންނެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ އެކު މަސައްކަތް ކުރެއްވި އިރު، ޒުވާނުން ކުރިއަރުވައި ބާރުވެރި ކުރުވުމުގެ ފުރުސަތުތަކެއް ވެސް ހޯއްދަވައި ދެއްވި އެވެ.
ރާއްޖެ އަށް ދިރިއުޅުން ބަދަލުކުރެއްވީ އެމްޑީޕީގެ ވެރިކަން 2012 ގައި ނިމި ސިޔާސީ ގޮތުން ހަލަބޮލިވެފައި އޮތް ދުވަސްވަރެއްގަ އެވެ. މުޒާހަރާތަކުގައި ވެސް ބައިވެރިވެވަޑައިގަތެވެ. އެކަމަކު މަގްސަދަކާ އެކުގަ އެވެ.
"އަބަދުވެސް ގަބޫލުކުރީ ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން އަޑުއުފުލާ ޒުވާނުންނަށް ސިޔާސީ މޭޒަށް، ސިޔާސަތު ކަނޑައެޅުމާ ހަމައަށް އާދެވެން ޖެހޭނެ ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.
މި ވިސްނުމުގައި އެމްޑީޕީއާ އެކު ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެކަމަކު އޭރު ވެސް އޭނާ ގަބޫލުކުރެއްވި އުސޫލްތަކުގައި ހިފެހެއްޓެވި އެވެ.
އެ ޕާޓީން ބައެއް އުސޫލްތަކާ ކަސިޔާރުވި ދަނޑިވަޅުތަކުގައި، އެކަމާ ދެކޮޅަށް އެކަކަށް އަޑުއުފުއްލެވީ މަބްރޫކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އެމްޑީޕީން ވޯޓު ދިނުމަކީ މަބްރޫކް ދެކެވަޑައިގަތް ގޮތުގައި، އެ ޕާޓީގެ ބައެއް އުސޫލްތައް މުގުރާލުމެވެ. ދެކޮޅަށް މުޒާހަރާ އަށް ވެސް ނުކުންނެވި އެވެ. އެއީ، އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަން އާއްމު މެމްބަރުންނަށް އަޑު އުފުލުމުގެ ފުރުސަތު އޮންނަ ޕާޓީއަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.
"މި ކަންތައްތަކަށް ފަހު ސިޔާސީ ކަންކަމާ ކުޑަކޮށް ދުރުވީ. އެ ދުވަސްކޮޅު އަމިއްލަ ވިޔަފާރިއެއް ފަށަންވެގެން މެރާކީ ކޮފީ ހެދީ،" މަބްރޫކް ވިދާޅުވި އެވެ.
މަކްރޫކް އޭނގެ "މެރާކީ" ކޮފީ ޝޮޕްގައި -- ފޮޓޯ: މިލްކް އެންޑް ޔޯކް
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާލޭގައި ހުރި އެންމެ ކަމުދާ އެއް ކޮފީ ޝޮޕަށް އެތަން ވީ މަބްރޫކް އުފަންކުރި އާއްމުންނަށް ކަމުދިޔަ ތަފާތު ރަހަތަކުންނެވެ. އެންމެ ކުރިން އެހާ ކޮފީ މީހަކަށް ނުވިއަސް މިހާރު މަބްރޫކަކީ ވެސް ކޮފީއާ ނުލައި އުޅެން ދަތި އެކެކެވެ.
ސަރުކާރުގެ އޮފީސްތަކާއި ރެސްޓޯރެންޓްތައް ބަންދުކުރަން ސަރުކާރުން ނިންމީ، ކޮވިޑާ ގުޅޭ ޕްރެސް ކޮންފަރެންސްތައް ބާއްވަން ފެށި ފަހުންނެވެ. އެ މެސެޖް ރައްޔިތުންނަށް ދެއްވުމަށް ފަހު، އެންމެ ފުރަތަމަ ބަންދުކުރެއްވީ އޭނާގެ ކޮފީ ޝޮޕެވެ. މަބްރޫކްގެ މި ނަމޫނާ އިން އެތައް ބައެއްގެ ތައުރީފް ވެސް ލިބިވަޑައިގަތެވެ.
ސިޔާސީ ކަންކަމާ މަބްރޫކް އަލުން ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނާ ހިސާބުންނެވެ. އަމަލީ ގޮތުން ރަސްމީ ކެމްޕޭން އޮފީހުގައި ނޫޅުއްވިޔަސް އޭރު ކުރެއްވި ކަމަކީ ވޯޓުގެ މުހިއްމުކަން، ޒުވާނުންނަށް ވިސްނައިދެއްވުމެވެ.
ރިޔާސީ އިންތިޚާބު ނިމި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރައްވަމުން ގެންދެވި ގޮތަކީ، މަބްރޫކް ވިދާޅުވި ގޮތުގައި، މަޖިލީހަށް އޭނާ ޝައުގުވެރިވެވަޑައިގަތް ސަަބަބެކެވެ. ހިޔާލުތަފާތު އެތައް ބައަކާ އެކު ވެރިކަން ކުރައްވަނީ ހިކުމަތްތެރިކަމާ އެކުގައި ކަން ފާހަގަކުރައްވައި ވިދާޅުވީ، ވެރިކަމުގެ ދެ ދައުރު ރައީސަށް ލިބިވަޑައިގަންނަވަން ޖެހޭ ކަމަށް ގަބޫލުކުރެއްވި ވިސްނުން ގޮސް ހުއްޓުނީ ރައްޔިތުންގެ މަޖިލީހާ ހިސާބުގައި ކަމަށެވެ.
އެއާއެކު، އޭނާ ދެކޮޅު ހެއްދެވި ބިން ވިއްކުމުގެ އިސްލާހު ފަދަ ރައްޔިތުންނަށް ގެއްލުންވާ ކަންކަމުގައި، ރައްޔިތުންނާ އެކު ހުންނެވުމަކީ ވެސް މަޖިލީހުގައި އިންނަވަން ބޭނުންވި ސަބަބެކެވެ.
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި އިންތިޚާބުގައި ފެލިދޫ ދާއިރާ އަށް މަބްރޫކް ވާދަކުރެއްވި އިރު އޭނާގެ މައްޗަށް ކުރި ހޯއްދެވީ ޕީއެންސީން ވާދަކުރެއްވި އިބްރާހިމް ފަޒުލް ރަޝީދެވެ.
ނާކާމިޔާބުވުމުން ފަހަތަށް ޖެހިވަޑައެއް ނުގަންނަވަ އެވެ. އިންތިޚާބުގެ ފިލާވަޅު ނެގީ ކުރިއަށް ދިއުމުގެ ހިތްވަރެއްގެ ގޮތުގަ އެވެ. މަބްރޫކް ގަބޫލުކުރައްވާ އިންސާފާއި ހަމަތަކާއި އުސޫލްތައް ނަގަހައްޓަން ލިބުނު ފުރުސަތެއްގެ ގޮތުގަ އެވެ.
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް ވަޑައިގަތީ އިންތިޚާބަށް ފަހު އެވެ. އޭރު ވެސް ކުރެއްވި ކަމަކީ އެކި ދާއިރާތަކުން ރައްޔިތުން ބޭނުންވާ މައުލޫމާތު، އާއްމުންނަށް ފޯރުކޮށްދެއްވުމެވެ. އެކަމަކު ކެމެރާގެ ފުރަގަހުގައި ހުންނަވައިގެންނެވެ.
ކޮވިޑް-19 ގައުމުތަކުގައި ފެތުރި ރާއްޖެ އިން ފިޔަވަޅުތައް އަޅަން ފެށިއިރު، ސަރުކާރުގެ އެންމެ މުހިއްމު އެއް ވިސްނުމަކަށްވީ ހާލަތު އާއްމުންނަށް ކިޔައިދިނުމެވެ. އެ ޕްރެސް ކޮންފަރެންސްތައް ބާއްވައިދޭން ރައީސް އޮފީހުން އެދުމުން މަބްރޫކް އުފެއްދެވީ ސުވާލެކެވެ. ސިއްހީ ދާއިރާގެ ތަޖުރިބާ ނެތި އެކަން ކުރާނީ ކިހިނެއްތޯ އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި ސިއްހީ އިރުޝާދުތަކާއި ބަލީގެ ހާލަތު ކިޔައިދެއްވާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކަމުގެ ކަށަވަރުކަން އޭނާ ހޯއްދެވި އެވެ. އޭނާގެ ޒިންމާއަކީ ބަލިމަޑުކަމުގެ މި ހާލަތުގައި ގައުމު ދަތުރުކުރާ މިސްރާބުގެ ފަހަތުގައި އޮތް ވިސްނުން ކިޔައިދެއްވުމެވެ. ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލްގެ ހުށަހެޅުއްވުމަށް އެއްބަސްވެވަޑައިގަތީ މި ޔަގީންކަމާ އެކުގަ އެވެ.
މަބްރޫކް އާއި ޑރ. މުރާދު ނޫސްވެރިންގެ ބައްދަލުވުމުގައި.
އެއީ، ކުޑަ ޒިންމާއެއް ނޫނެވެ. ރައްޔިތުންގެ ހައްގުގައި ހަވާލުވެވޭނެ އެންމެ އުނދަގޫ، އެއް ޓާސްކެވެ. ހުރިހާ އިދާރާއަކުން މައުލޫމާތު އާއްމުކުރަން ވެއްޖެ ނަމަ ވެސް ދިމާވެދާނެ ގޯސްތައް ގިނަ އެވެ.
"މިއީ، ހީކުރިވަރަށް ވުރެން ވެސް ބުރަ، އުނދަގޫ ކަމެއް،" މަބްރޫކް ވިދާޅުވި އެވެ.
އެހެންވިޔަސް ނޫސްވެރިން ފުލުފުލުގައި ކުރާ ސުވާލްތަކަށް ޖަވާބު ދެއްވަނީ ވަރަށް ހަމަޖެހިގެން މަޑުމައިތިރިކަމާ އެކު އިންނަވަ އެވެ. އެއްފަހަރާ، 20 ނޫސްވެރިން ބައިވެރިވާ އިރު ވެސް ސުވާލަކުން މަބްރޫކް ރުޅިއަރުވައެއް ނުލެވެ އެވެ. ޖަވާބު ދެވެން ނެތް ނަމަ، ކޮންމެވެސް ގޮތަކުން ހޯއްދަވައި އާއްމުންނަށް އެ މައުލޫމާތު ތިލަކޮށްދެއްވަ އެވެ. މިއީ، ރާއްޖޭގައި ވެސް އާއްމު މަންޒަރެއް ނޫނެވެ.
އެ މަންޒަރުގެ ފަަހަތުގައި ވަނީ، ޕަބްލިކް ސްޕީކިން އާއި ޑިބޭޓިންގެ ހުނަރެވެ.
"ޔުނިވަސިޓީގައި އުޅުނުއިރު ކޮމްޕެޓިޓިވްކޮށް ޑިބޭޓްކުރިން، ޕްރެސް ކޮންފަރެންސްތަކުގައި އެ ފެންނަނީ އެކަމުން ދަސްވި ކަންކަން. ވޯލްޑް ޗެމްޕިއަންޝިޕް، ވޯލްޑް އޭޝިއަން ޗެމްޕިއަންޝިޕްގައި ވެސް، އެންމެ ބޮޑު އެޗީވްމަންޓެއް ވޯލްޑް ޔުނިވާސިޓީ ޕީސް އިންވިޓޭޝަނަލް ޑިބޭޓުގެ ގަދަ 10 އެއްގެ ތެރޭގައި ހިމެނުން،" މަބްރޫކް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކާއި ޔުނިވަސިޓީތައް އަދި ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް މަބްރޫކް ކްލާސްތައް ނަންގަވައި ދެއްވި އެެވެ.
ބައެއް ދުވަސްތަކުގައި ދެ ފަހަރު މަބްރޫކް ޕްރެސް ކޮންފަރެންސަށް އަރާވަޑައިގަންނަވަނީ، ހަމަ ހިތަށްއެރި އެއްޗެއް ވިދާޅުވާ ގޮތަކަށް ނޫނެވެ. ނޫސްވެރިންގެ ސުވާލު އަންނާނެ ދާއިރާތައް ބަލައި، ސޯޝަލް މީޑިއާގައި ހުންނަ ކަންބޮޑުވުންތަކާއި ބަލިން ރައްކާތެރިވާން ރައްޔިތުން ބޭނުންވާ މައުލޫމާތު ހޯއްދަވަ އެވެ. ރާއްޖޭގައި ފަރުވާ ދޭ ގޮތާއި ވެންޓިލޭޓަރު މަސައްކަތް ކުރާ ގޮތް އަމިއްލަ އަށް ދެނެގަތުމަށާއި ފަރުވާ ދޭ ތަންތަނާއި މީހުން ކަރަންޓީނުކުރާ ފެސިލިޓީތައް އަދި އައިސޮލޭޓްކޮށްފައި ތިބޭ ތަންތަނަށް ވެސް ވަޑައިގެން ބައްލަވަ އެވެ.
އެކި ގައުމުތަކުގައި ކޮވިޑް-19 ފެތުރޭ ގޮތާއި އެކި ދިރާސާތަކާއި ބަލިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކާއި ހާލަތު ވެސް ރަނގަޅަށް އޮޅުންފިލުއްވަ އެވެ.
ޕްރެސް ޓީމާ އެކު މަބްރޫކް މީޑިއާ ބްރީފިން އަށް ތައްޔާރުވަނީ.
މަބްރޫކަށް މި ކަމުގައި އެހީވެ، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދައިދޭ ޕްރެސް ޓީމެއް އޮވެ އެވެ. ރައީސް އޮފީހާއި މިނިސްޓްރީތަކާއި އެހެން އިދާރާތަކުގެ މި ޓީމުގެ މަސައްކަތަކީ ޕްރެސް އަށް ބޭނުންވާ މައުލޫމާތު އެކި އިދާރާތަކުން އެއްކުރުމެވެ.
މަބްރޫކް ވިދާޅުވީ ކޮންމެ ޕްރެސް ކޮންފަރެންސެއް ފެށުމުގެ ވެސް ދެތިން ގަޑިިއިރު ކުރިން، އެންމެން އެކުގައި ތިބެ ތައްޔާރުވާ ކަމަށެވެ. އެންމެ ބޮޑަށް ބަލަނީ ރައްޔިތުން އެންމެ އެނގެން ބޭނުންވާ ކަންކަން އޮޅުންފިލުވައިދެވޭތޯ ކަމަށް ވިދާޅުވި އެވެ.
"އަހަރެމެން ބަލަނީ ރައްޔިތުން އެ ބޭނުންވާ މައުލޫމާތު، ފޮރުވުމެއް ނެތި ހާމަކަމާ އެކު ގެނެސްދެވޭތޯ، ދެން އަމިއްލަ އަށް ކިޔައި އޮޅުންފިލުވަން، ނޫސްވެރިޔާ ސުވާލުކުރީމަ އެ ކޮންޓެކްޓަކީ ކޮން ތަނަކުން، ކޮން ރިސާޗަކަށް އަމާޒުވާ ސުވާލެއްތޯ ބަލައި ޖަވާބުދެވޭވަރަށް،" މަބްރޫކް ވިދާޅުވި އެވެ.
މި ޖަވާބުތައް ދެއްވުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާ ނިންމެވުންތަކާއި ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ އެއްވެސް ވާހަކައެއް އާއްމުނަށް ދޫކޮށްނުލެވޭތޯ މަބްރޫކް ބައްލަވަ އެވެ. ރޭގަނޑުގެ ޕްރެސްތައް ނިންމަވާލެއްވުމަށް ފަހު، ރައީސް ރިޔާސަތު ބަލަހައްޓަވާ ޓާސްކްފޯހުގެ ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގަންނަވަ އެވެ.
"އެންމެ ބޮޑަށް ބަލަނީ ކަމެއްގައި ރައީސް ވިސްނަވާ ގޮތް ދެނެގަތުމަށް. ރައީސް ނިންމެވުމެއް ނިންމަވައި ވިދާޅުވީމަ ދެން އެއާ އެއްގޮތަށް ޕްރެސް ކުރިއަށް ގެންދަނީ. މިސާލަކީ އެއް ދުވަހަކު ރައީސް ވިދާޅުވަނީ އިކޮނޮމީއަށް ވުރެން ބޮޑަށް މުހިއްމީ، އިސްކަންދެއްވާނީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ކަމަށް. އެހެންވެ، އެ ވިސްނުން އާއްމުންނަށް މި ތިލަކޮށްދެނީ،" މަބްރޫކް ވިދާޅުވި އެވެ.
"ރައީސް އަޅުގަނޑަށް ދެއްވި އިރުޝާދަކީ މައުލޫމާތުތައް ހޯދައިގެން ތެދަށް ކިޔައިދޭން ހުރިހާ ވާހަކަތަކެއް، ރައީސްގެ ސިޔާސަތަކީ ފޮރުވުމެއް ނެތި އާއްމުންނަށް ކަންކަން އެނގުން."
މަބްރޫކަށް އެ ޒިންމާ ފަސޭހަވެފައި، ޝައުގުވެރިވެވަޑައިގަންނަވަނީ އޭނާ އުއްމީދު ކުރެއްވި ގޮތަށް ރައްޔިތުން ބޭނުންވި ވަގުތު އެންމެ ގާތުގައި ހުންނެވޭތީ އެވެ. އެންމެ އުނދަގޫ ވަގުތުގައި، ރައްޔިތުންނަށްޓަކައި ބޮޑު ޒިންމާއެއް އަދާކުރެއްވުމުގެ ފުރުސަތަކީ، އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ބޮޑު ފަޚުރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލުގެ ދުލުން
16 May 2020
މަބުރޫކް ދޮގުހަދާފަ ކަންކަން ފޮރުވަން މަސައްކަތް ކުރޭ.ވައިޖަހާފަ ތިއޮތީ
މުދިމު ކަތީބު
15 May 2020
މަބްރޫކް ވަރެއްނެތް
އައިސްތު ރަތަފަންދޫ
15 May 2020
ﷲ މަބްރޫކް ކަހަލަ ޒުވާނުން ރާއްޖޭގައި ގިނަ ކުރަށްވާންދޭ! އާމީން
ެއެނޮނިމަސް
15 May 2020
މަބްރޫކް އިޒް ޓްރަސްޓް ވޯތީ!
ޕީޕީ އެމް ކުއްޖާ
15 May 2020
އަޅުގަނޑަކީ ރައީސް ޔާމީންގެ ސަޕޯޓަރެއް. އަލީ ވަހީދު މެން، އަމީން މެން ޕްރެސްއެއް ދީ ނިމޭ އިރު އަޅުގަނޑު ހުންނަނީ ލޭ ކެކިފައި. ރައީސް ސޯލިޙް ކޮއްދެވި އެންމެ މުހިން ކަމަކީ ރައްޔިތު މީހާ އަށް މަޢުލޫމާތު ދޭން މަބްރޫކް ކަހަލަ ހިތްތިރި މީހަކު ކުރީސަފަށް ނެރުން. އެމްޑީޕީ އިން މީހަކަށް ރައީސް ކަމަށް ވޯޓުލަންޔާ މަބްރޫކަށް ވޯޓުލާނަން!
ހަސަން ދޮންރަހާ
15 May 2020
މި ލިޔުމަކުންނެއް މަބްރޫކް ފޮރުވާ ފޮރުވުންތަކަށް ބަދަލެއް ނުގެނެވޭނެއެވެ.މަޢުލޫމާތު ހިފަހައްޓާކަމާއި،ނުދޭކަން މި ލިޔުމުންވެސް އެބަ އެގެއެވެ.ބޭރުބަޔަކު ފިލި އިރު އެވާޙަކަ ބުނީ ސޯޝަލް މީޑިއާގައި ފަޅާއަރުވާލުމުންނެވެ.ސޯޝަލްމީޑިއާގައި ހިނގާކަންކަމަށް ޖަވާބު ދޭންޖެހުނީޢެވެ.މީގެތެއިން މީހަރު އައި.ސީ.ޔޫ.ގައި އޮތްކަންވެސް ނޭގުނެވެ.މިހިރީ ހައްތާވެސް މަޢުލޫމާތު ނުދޭކަން އެގޭށެވެ.ދެން އެވެނިކަމެކޭ މިވެނިކަމެކޭ ތިމަންނާ ނުހުންނާނަމޭ ނުބުނާށެވެ.
މިކީ ގެ ޚިޔާލު
15 May 2020
މި ލިޔުމުގަ ބުނެދީފވަނި, މަބުރޫކުއަކީ ހުނަރުވެރި ކަމަށް ޤާބިލު ބޭފުޅެއްކަމުގަ.އަދި އެއީ ތެދެއްކަން ގިނަ ރައްޔިތުން ޤަބޫލުކުރޭ. ސަރުކާރުން ކުރާ ޚަރަދުތަކާއި, ބަލި ކޮންޓްރޯލް ނުވުން އަދި އެއީ މަބުރޫކްގެ މަސައްކަތެއް ނޫން. މަބުރޫކުގެ މަސައްކަތަކީ އެކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުން. އެކަމަށް އޭނާ ފިސާރި ކުޅަދާނަ. ރުޅިވެރި ކަމެއްނެތި, ޝަޢުޤުވެރި ގޮތަކަށް ޖަވާބުތައް ދެއްވާ ވާހަކަ."މީ މަގޭ ޚިލާޔު" އަށް މި އާރޓިކަލް ފަހުމް ނުވުމަކީ މަބުރޫކުގެ މައްސަލައެއް ނޫން. އެހެންވީމަ, 100 ފަަހަރު މިލިޔުން ފޮތެއްގ ލިޔެފަ މަޖިލީސް ރައީސް އަށް ދައްކާ.
ސްކްލެޒ
15 May 2020
އަސްލުވެސް މަބުރޫކް މީ ތަފާތު ދިވެއްސެއް. އޯގަނައިޒްޑް ވެލް ޕްލޭނެޑް މީހެއް. ހެޔޮރަހްމަތް ލައްވާށި
މޫޗީ/މީދޫ
14 May 2020
އެއްމެ ފުރަތަމަ ދުވަހު މަބްރޫކް ފެނުމުން އެއީ ކާކުކަމެއް ނޭގޭ، އެކަމަކު އޭނާގެ ހުނަރުފެނި އަދި އެއީ ކާކުކަން އެގުމުން ވަރަށް ބޮޑަށް އެނާގެ މަސައްކަތައް ސާބަސްދެވެން ފަށައިފި. އަހަރެން ދެކޭގޮތުގައި ރައީސްއޮފީހުގެ އަންޑަރ ސެކްޓަރީއެއްގެ މަގާމްއަށްވުރެ ތިއަދާކުރައްވާ ޒިއްމާ ބޮޑުވާތީ ތިމަގާމް އެބަޖެހޭ މަތިކުރަން.
މީ މަގޭވެސް ޚިޔާލު
14 May 2020
މަބޫ އިޒް ދަ ބެސްޓް ?