ރާއްޖެ އިން ބޭރުގައި ހާލުގައި ޖެހުނު ދިވެހި ދަރިވަރުންނަށް ފައިސާގެ އެހީ ސަރުކާރުން ދެނީ

އަމިއްލަ ޚަރަދުގައި ނުވަތަ އެހެން ފަރާތެއްގެ އެހީގައި ރާއްޖެ އިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިފަައިވާ ދަރިވަރުންނަށް ސަރުކާރުން ފައިސާގެ އެހީ ދޭން ނިންމައިފި އެވެ.


ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން، އެ އުސޫލުގެ ދަށުން ފައިސާ ދޭނީ އަމިއްލަ ޚަރަދުގައި ނުވަތަ އެހެން ފަރާތެއްގެ އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މާލީ ދަތިތައް ކުރިމަތިވެފައިވާ މީހުންނަށެވެ. ސަރުކާރުގެ ސްކޮލާޝިޕާއި ލޯނުގެ އެހީގެ ދަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެ އުސޫލުގެ ދަށުން އެހީ ނުދެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

މީގެ އިތުރުން ކިޔަވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ކޯހަކަށް ވުމާއި އެ ދަރިވަރަކީ މި މަހުގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރަކަށް ވުމުގެ އިތުރުން ސްޕޮންސަރެއްގެ އެހީގައި ކިޔަވަމުންދާ ނަމަ، ލިބެމުންދާ މާލީ އެހީ މަދުވެފައިވާ ވާން ޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ. މި ދުވަސްވަރު އެހެން ފަރާތަކުން ދޭ ސްޕޮންސާޝިޕެއްގެ ދަށުން އެލަވަންސެއް ލިބޭ މީހަކަށް ނުވުމާއި އަމިއްލަ ޚަރަދުގައި ކިޔަވާ ނަމަ، އަމިއްލަ އަށް ޚަރަދުތައް ހަމަޖެއްސެން ނެތުމަކީ ވެސް އެހީއަށް އެދެވޭނެ ޝަރުތެކެވެ.

އެ އުސޫލުގައިވާ ގޮތުން އެހީގެ ގޮތުގައި ދޭނެ މިންވަރު ކަނޑައަޅާނީ އެ ދަރިވަރަކު ހުރި ގައުމެއްގެ ސްޓައިޕެންޑް (ދިރިއުޅުމުގެ ޚަރަދަށް ސަރުކާރުން ކަނޑައަޅާފައިވާ އަދަދު) އަށް ބެލުމަށް ފަހު އެވެ. އެގޮތުން ސްޓައިޕެންޑްގެ ގޮތުގައި ދުވާލަކަށް 50 ޑޮލަރަށް ވުރެ މަދުން ކަނޑައެޅިފައިވާ ގައުމެއްގައި ނަމަ، އެ ދަރިވަރަށް ދެވޭނީ އެ ގައުމުގައި ދުވާލަކަށް ކަނޑައެޅިފައިވާ ރޭޓުން ކަމަށާއި ދުވާލަށް ޖެހޭ އަދަދު 50 ޑޮލަރަށް ވުރެ ބޮޑުވާ ނަމަ، އެ ދަރިވަރަށް ދޭނީ ގިނަވެގެން 50 ޑޮލަރެވެ.

އެ އުސޫލުގެ ދަށުން އެހީ ދޭނީ ގިނަވެގެން ދެ މަސް ދުވަހަށް ކަމަށާއި އީމެއިލް މެދުވެރިކޮށް އެހީއަށް އެދޭއިރު، އެހީ ބޭނުންވާ މުއްދަތެއް ބަޔާން ކުރަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އެހީގެ ފައިސާ ޖަމާކުރާނީ އެ ދަރިވަރެއްގެ ބޭންކް އެކައުންޓަށް ކޮންމެ 14 ދުވަހަކުން އެއްފަހަރެވެ. އެހީއަށް އެދި ހުށަހަޅާއިރު، އެ ދަރިވަރަކު ރާއްޖެ އިން ބޭރުގައި ހުރިކަން ކަށަވަރުކޮށް ދޭންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ. އެކަމަކު އެހީ ދިން މުއްދަތު ހަމަނުވަނީސް، ރާއްޖެ އަތުވެއްޖެ ނަމަ، ބާކީ ހުރި ފައިސާ އަނބުރާ ދައްކަން ޖެހެ އެވެ.

ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ހާލުގައި ޖެހިފައިވާ ދަރިވަރުންނަށް ސަރުކާރުން އެހީ ދޭން ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކާއި ވަކި މިންވަރަށް ވުރެ މުސާރަ ކުޑަވި ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ ފައިސާގެ އެލަވަންސެއް ދޭން ނިންމައިފަ އެވެ.