އެއް މަސް ނުފުރޭ ކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
މިއީ، މިހާތަނަށް ރާއްޖެ އިންމި ބަލި ޖެހުނު އެންމެ ތުއްތު ކުއްޖާ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ 17 ދުވަހުގެ ކުއްޖާ ޓެސްޓްކުރީ ކޮންމެވެސް ވަރަކަށް ބަލީގެ އަލާމާތްތައް ފެނިގެން ކަމަށެވެ. އެ ކުއްޖާ ޕޮޒިޓިވްވުމުން މަންމަ ވެސް އަންނަނީ ޓެސްޓްކުރަމުން ކަމަށް ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކުއްޖާ ޕޮޒިޓިވްވީ، ބައްޔަށް ހުށަހެޅިފައިވާ މީހަކާ ގާތުން ދިމާވި މީހަކު އެ ކުއްޖާއާ ބައްދަލުވުމުންނެވެ.
"ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެއް ހުރީ މި ކުއްޖާއާ ކޮންޓެކްޓް ވެފައި. ކުއްޖާގެ ފަރާތުން އަލާމާތްތައް ފެނިގެން ޓެސްޓްކުރީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 1،078 މީހުން ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރޭގައި އުމުރުން 10 އަހަރު ނުފުރޭ 27 ކުދިން ހިމެނެ އެވެ.