އިންޑިއާގެ އިތުރު 153 މީހަކު އެ ގައުމަށް ފޮނުވައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން، އިތުރު 153 މީހަކު އެ ގައުމަށް ވައިގެ މަގުން މިއަދު ފޮނުވާލައިފި އެވެ.


މިއީ ކޮވިޑް-19ގެ ސަބަބުން އެކި ގައުމުތަކުގައި ތާށިވެފައިވާ ތިބި އެ ގައުމުގެ މީހުން އަނބުރާ ގެންދަން އިންޑިއާއިން ހިންގާ "ވަންދޭ ބަރަތު" އޮޕަރޭޝަންގެ ބައެކެވެ. ރާއްޖޭގައި މި އޮޕަރޭޝަންގެ ދެވަނަ ފޭސް އިއްޔެ ފަށައި، ވައިގެ މަގުން 152 މީހަކު ފޮނުވާލާފައި ވެ އެވެ. ފުރަތަމަ ފިޔަވަހީގައި، ކަނޑުމަގުން މަނަވަރުތަކެއްގައި 1،488 އިންޑިއާ މީހަކު ކޮޗިން އަށް ގެންގޮސްފައި ވެ އެވެ.

އިންޑިއަން ހައި ކޮިޝަނުން މިއަދު ކުރި ޓްވީޓެއް

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ސަފީރު، ސަންޖޭ ސުދީރު ވިދާޅުވީ މިއަދު ފުރި ފްލައިޓް ދާނީ ނިއު ދެއްލީ އަށް ކަމަށެވެ. މިއީ މި އޮޕަރޭޝަންގެ ދަށުން އުތުރު އިންޑިއާއަށް ރާއްޖެއިން ކުރާ ފުރަތަމަ ދަތުރެވެ. މި ދަތުރުގައި ދިޔައީ ދިއްލީ އާއި އުއްތަރު ޕްރަދޭޝް އާއި ޕަރިޔާނާ އާއި ޕަންޖާބު އަދި ޗަންދިގަރު ސްޓޭޓްތަކުގައި ދިރިއުޅޭ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި އޮޕަރޭޝަންގެ ދަށުން، ވައިގެ މަގުން ފޮނުވާލި މީހުންނާ އެކު މިހާތަނަށް 1753 އިންޑިއާ މީހަކު އެ ގައުމަށް އަނބުރާ ފޮނުވާލާފައި ވެ އެވެ. ރާއްޖޭގައި އުޅެމުން އައި އިންޑިއާ މީހުން، އެ މީހުންގެ އާއިލާއާ އަލުން ބައްދަލުކުރެވޭނެ ގޮތް މި ދަނޑިވަޅުގައި ހަމަޖައްސޭތީ އުފާކުރައްވާކަމަށް ސަންޖޭ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ދަތުރުތައް ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި 27،000 ވަރަކަށް އިންޑިއާ މީހުން ދިރިއުޅޭ ކަމަށް އިންޑިއަން ހައި ކޮމިޝަން އިން މީގެ ކުރިން ބުނެފައި ވެ އެވެ. ކޮވިޑް-19 އަށް ރާއްޖެއިން އިންޑިއާގެ 119 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.