ހުޅުމާލެ ސެންޓްރަލް ޕާކާއި ޖެޓީ ސަރަހައްދު ތަރައްގީކުރަން ފަށައިފި

ހުޅުމާލެ ސެންޓްރަލް ޕާކުގެ ނުހަދާ އޮތް ބައި ތަރައްގީކޮށް، އިރުމަތީ އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފި އެވެ.


މި ދެ މަޝްރޫއު އަކީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫތަކެކެވެ. އެ ގައުމުގެ އޭރުގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް މިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރެއްވި އިރު، އިޖުތިމާއީ އެކި މަޝްރޫއުތައް ކުރިއަށް ގެންދަން 106 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެ އަށް ދިނެވެ. މި އެހީގެ ތެރެއިން ހުޅުމާލެ ސެންޓްރަލް ޕާކުގައި ނުހަދާ އޮތް ބައި ތަރައްގީކުރުމަށް 8.9 މިލިއަން ރުފިިޔާ ހަމަޖައްސާފައިވާ އިރު، އެރައިވަލް ޖެޓީ މަރާމާތުކުރުމަށް 995،385ރ.ގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

މި މަޝްރޫއުތައް އިފްތިތާހުކުރަން ފޮރިން މިނިސްޓްރީގައި ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މި މަޝްރޫއުތައް ފުރިހަމަވުމުން ހުޅުމާލެ ރައްޔިތުންނަށާއި ހުޅުމާލެ އަށް ދާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ލިބޭނެ ކަމަށެވެ. މި ބައްދަލުވުމުގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު އާއި ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.

ހުޅުމާލޭ ޕާކު އޮންނާނެ ގޮތް ދައްކައިދޭ ފޮޓޯއެއް -- ފޮޓޯ: ފޮރިން މިނިސްޓްރީ

ސެންޓްރަލް ޕާކު ހަދާ އިރު އެތަނުގެ ޕާކުގެ ހިނގާ ޕާތުވޭ ހެދުމާއި ލައިޓިންގެ މަސައްކަތާއި އިށީންނާނެ ތަންތަން ހެދުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ. މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ އަށް މިދިޔަ އަހަރު ދިން ހިލޭ އެހީއާ އެކު ގިނަ ރަށްރަށުގައި އެކި މަޝްރޫއުތައް ވަނީ ހިންގައިފަ އެވެ. މި އެހީ ބޭނުންކުރުމުގައި ރަށްރަށުގެ އެކަމެއްގެ ސަބަބުން އެ ރަށެއްގެ މުޖްތަމައަށާއި އިގްތިސާދަށް ފައިދާ ކުރާނެ މަޝްރޫއުތައް ހޮވަން އިންޑިއަން ހައި ކޮމިޝަނުން އަންނަނީ އިސްކަން ދެމުންނެވެ. ބ. ފެހެންދޫ ދަރިވަރުންނަށް ޒަމާނީ ފެރީއެއް ބަނދެދީ، މިދިޔަ މަހު އިންޑިއަން ހައި ކޮމިޝަނުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.