ކޮވިޑް-19 ޖަލުގައި ފެތުރުނަ ނުދިނުމަށްޓަކައި އެތަންތަނުން މީހުން މަދު ކުރުމަށް ނިންމާފައިވާތީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ 30 މީހެއްގެ ބަންދުގެ އަމުރު ރިވިއުކޮށް، ޝަރުތުތަކަކާ އެކު މިނިވަންކޮށްދޭން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކޯޓުތަކުގައި އެދިއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިފަހުން 14 މީހަކު ކޯޓުން ވަނީ ޝަރުތުތަކަކާއެކު މުޖުތަމައުއަށް ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވޭ މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ އިތުރުން 2019 ވަނަ އަހަރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ މީހުން ވެސް ހިމެނެ އެވެ.

އެކަމާ ގުޅޭގޮތުން ޕީޖީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޖަލުގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކޮށް، އޭގެ ތެރެއިން އެއްވެސް ގޮތަކުން ލުޔެއް ދެވެން ހުރި މީހުންނަށް ލުޔެއް ދިނުމަށް އެދި ހޯމް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން މިވަގުތު ބަންދުގައި ތިބި އެންމެންގެ މައްސަލަތައް އަލުން ބަލައި، އޭގެތެރެއިން ކުޑަކުދިންނާ ބަދުއަހްލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި، މަސްތުވާތަކެތީގެ ނެޓްވޯކުތަކަށް ނިސްބަތްވާ މީހުންނާއި، މީހުން މެރުމާއި ނުރައްކާތެރި މާރާމާތީތަކާއި ގޭންގު ކުށްތަކުގައި ހިމެނޭ މީހުން ފިޔަވައި، އެހެނިހެން މީހުންގެ ބަންދަށް ބަދަލު ގެނެވޭތޯ މަސައްކަތް ކޮށްފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.

"އެ މަސައްކަތް ކުރިއަށް ގެންދިއުމަށްފަހު ތިރީހަކަށް މީހުން، ޝަރުތުތަކާއެކު ބަންދުން ވީއްލުމަށް ކޯޓުގައި އެދިފައިވާނެ،" ޕީޖީ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭގެން އެއްވެސް މީހަކު އެއްކޮށް ބަންދުން ދޫކޮށްލާފައި ނުވާނެ ކަމަށެވެ. އެންމެން ވެސް ދޫކުރަނީ ޝަރުތުތަކަކާ އެކު ކަމަށް ވިދާޅުވި އެވެ.

"ޝަރުތުތަކުގެ ތެރޭގައި މާލެއިން ފުރައިގެން ނުދިއުމާއި، ކޯޓަށް ހާޒިރުވުމާއި، އިތުރު ކުށެއް ނުކުރުން އޮންނާނެ. އެއިން މީހަކު އިތުރު ކުށެއްގައި ތުހުމަތު ވެގެން ހައްޔަރު ކޮށްފިނަމަ، އަލުން ބަންދަށް ގެންދެވޭނެ." -- އޮފިޝަލް

މަސްތުވާތަކެތީގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބަޔަކު ބަންދުން ދޫވުމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. ފުލުހުން ހައްޔަރުކޮށް ތަހުގީގު ކޮށްފައިވާ އެ މައްސަލަތަކުގައި ހިމެނޭ މީހުން މިނިވަން ކުރީ ފުލުހުންނާ މަޝްވަރާ ކޮށްފައިކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭންގެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އެ މީހުންގެ ބަންދުގެ މުއްދަތު އަލުން ރިވިއު ކުރުމުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވާޗުއަލްކޮށެވެ.

ކޮވިޑް-19 ޖަލުތަކުގައި ފެތުރުނަ ނުދޭން ކުށްވެރިންތަކެއް މިނިވަން ކުރާއިރު މިހާތަނަށް ޖަލުތަކުން ނެގި ހުރިހާ ސާމްޕަލްތައް ވެސް ވަނީ އެ ބައްޔަށް ނެގެޓިވް ވެފަ އެވެ. ނަމަވެސް ޖަލުތަކުގައި ތޮއްޖެހިގެން ކުށްވެރިން ތިބުމާއެކު އެކަކު ވެސް ޕޮޒިޓިވް ވެއްޖެ ނަމަ ޖަލުގައި ހަލުވި ކަމާއެކު އެބަލި ފެތުރުމުގެ ބިރު އެބައޮތެވެ.