ކުރީގެ ދެ އުއްތަމަ ފަނޑިޔާރުންގެ ވިސްނުން އެއްގޮތް: ގާނޫނު އަސާސީ އިސްލާހު ކުރާކަށް ނުޖެހޭ

އާ ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި މެމްބަރުން މަގާމުތަކުގައި ބޭތިއްބުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ދެ އުއްތަމަ ފަނޑިޔާރުން ކަމަށްވާ ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކޮށްފައިވާއިރު، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު އަންނަ މަހު ހަމަވެ އެވެ. އެހެންވެ، އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުން މަގާމުގައި ދެމި ތިބޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ބިލާ މެދު ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ވަނީ ޚިޔާލު ތަފާތުވެފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އެކަމާ ގުޅިގެން އާންމު ކުރެއްވި ލިޔުމުގައިވަނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ނޫނީ ކައުންސިލް މެމްބަރުން މަގާމުގައި އިތުރަށް ބޭތިއްބުމާ މެދު މަޖިލިސް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އޮތަސް، އެއީ ކައުންސިލް މެމްބަރުންގެ ދައުރު އިތުރު ކުރުން ކަމަށް ގާނޫނީ ގޮތުން ނުބެލެވޭނެ ކަމަށެވެ. އަދި އެއީ ޟަރޫރީ ހާލަތެއްގެ ސަބަބުން، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ބާރުތައް ދެމިގެން ދިއުން ކަމަށާއި އެހެންވެ، ގާނޫނު އަސާސީ އިސްލާހު ކުރަން ނުޖެހޭ ކަމަށް އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

"އެއީ އެއްވެސް ހާލަތެއްގައި ކައުންސިލްތަކުގެ މުއްދަތު އިތުރު ކުރުމާބެހޭ ނުވަތަ ދައުރު ދެންމުމާ ބެހޭ މައްސަލައެއް ވެސް ނޫނެވެ. އެހެންކަމުން މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ އެއްވެސް ޟަރޫރަތެއް ނެތް،" އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

ޑރ. އަހުމަދު ލިޔުއްވާފައިވާ ގޮތުން އެކަމަކީ ދުސްތޫރީ މައްސަލައަކަށް ވާތީ އެކަމަށް އެންމެ އެކަށީގެންވާ ގޮތުގައި ހައްލެއް ހޯދައި ދެވޭނީ ސުޕްރީމް ކޯޓަށެވެ. އެކަމަކު އެ ކޯޓުގެ ލަފައެއް ހޯދުމަށް މަޖިލިސް ނުކުޅެދިއްޖެ ހާލަތެއްގައި، ކައުންސިިލް މެމްބަރުން މަގާމުގައި ދެމި ތިބޭ ގޮތަށް އާންމު ގާނޫނަކުން ވެސް މަޖިލީހަށް ކަނޑައެޅިދާނެ ކަމަށް އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

ޑރ. އަހުމަދުގެ ޚިޔާލުފުޅާ ދާދި އެއްގޮތަކަށް، ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރު ފާއިޒް އެމަނިކުފާނުގެ ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުން ދުސްތޫރީ ހުސްކަމެއް އަންނަ ހާލަތްތަކުގައި އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތަކީ ކޯޓުތައް މެދުވެރިކޮށް ވަގުތީ ހައްލެއް ހޯދުން ނުވަތަ އިންތިގާލީ އިންތިޒާމެއް ހަމަޖެއްސުމެވެ. އަދި ކުރިމަތިވެފައިވާ ކޮންމެ ހާލަތެއްގައި ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ފާއިޒް ލިޔުއްވާފައިވެ އެވެ.

"ވަގުތީ ހައްލެއް ހޯދުމަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު ދުސްތޫރީ ހަޔާތަށް ލޮޅުން އަރަ އެވެ." ފާއިޒް ލިޔުއްވާފައިވެ އެވެ.

ފާއިޒް އިތުރަށް ލިޔުއްވާފައިވާ ގޮތުން ގާނޫނު އަސާސީގެ ދަށުން ރައީސް އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތެއް ރާއްޖޭގައި ނެތަސް، މި ވަގުތު ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ސަބަބުތައް ވަރަށް ގިނަ ކަމަށް ވެސް އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

ކައުންސިލް މެމްބަރުން މަގާމުގައި ބޭތިއްބޭނީ ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ކަމަށް ބައެއް މެމްބަރުން ވިދާޅުވާއިރު، އަނެއް ބައި މެމްބަރުން ވިދާޅުވަނީ އާންމު ގާނޫނަކުން އެ ބަދަލު ގެނެވޭނެ ކަމަށެވެ. އެކަމާ މެދު ޚިޔާލު ތަފާތުވުން ބޮޑުވެ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން މަޖިލީހަށް ހުށަހަޅާފައިވާއިރު، މިރޭ ވެސް އެކަމާ ގުޅިގެން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.