ހިތަދޫ ޕޯޓުން ވަކިކުރި މުވައްޒަފުގެ މައްސަލާގައި ޓްރައިބިއުނަލް އަށް ފާރަވެރިވާނަން: އިންތި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި ކަމަށް ބުނާ މައްސަލާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން އަމަލުކުރާ ގޮތާ މެދު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާރަވެރިވެ ބަލާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.


ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް މިހާރުގެ ސަރުކާރާ ދެކޮޅަށް އުޅުނު މީހުންނަށް ވެސް ވަޒީފާ ދީފައިވާ ކަމަށެވެ.

ވަޒީފާއާ ބެހޭ މައްސަލަތައް ފުރަތަމަ ހުށަހަޅަންޖެހޭ ތަނަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ކަމަށް ވާތީ އިންތި ވިދާޅުވީ މިކަމުގައި ޓްރައިބިއުނަލުން ޒިންމާ އުފުލާ ގޮތާ މެދު ފާރަވެރިވާނެ ކަމަށެވެ.

އިންތި ކުރެއްވި ޓްވީޓު:

ވަޒީފާ އިން ވަކިކުރި މައްސަލާގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ސޮއި ކުރައްވައި އިއްޔެ ފޮނުވި ފުރަތަމަ ސިޓީގައި ބުނެފައިވަނީ ވަޒީފާއިން ވަކި ކުރީ ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ވާހަކަ ދައްކާތީ ކަމަށެވެ. އަދި އެކަން ތަކުރާރުކުރާ ނަމަ ވަޒީފާ އިން ވަކިކުރާނެކަން ކުރިން ވެސް އެ މުވައްޒަފަށް އަންގާފައިވާނެ ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

މި ސިޓީ ސޯޝަލް މީޑިއާގައި އާއްމުވުމާއެކު އެމްޕީއެލް އަށް ވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން، މި ސަރުކާރުން، ފާޑު ކިޔާ މީހުންނަށް ވަޒީފާގެ ބިރު ނުދައްކާނެ ކަމަށް ބުނެފައި ވަނިކޮށް މިފަދަ ފިޔަވަޅެއް އެޅުން ގަބޫލު ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅޭގޮތުން އެމްޕީއެލުން ބުނީ އެ ސިޓީގައި ރައީސް އާއި މަޖިލީހުގެ ރައީސްގެ އަބުރާ ބެހުނު ކަމަށް ބުނެފައިވަނީ އޮޅުމަކުން ކަމަށެވެ. އެހެންވެ އެ "އޮޅުން" ހައްލުކޮށް މިއަދު އޭނާއަށް ވަނީ އިތުރު ސިޓީއެއް ފޮނުވާފައިފަ އެވެ. އެ ސިޓީގައި ބުނެފައިވާގޮތުގައި އޭނާ ވަޒީފަ އިން ވަކި ކުރީ "ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީ"އާ ތަކުރާރުކޮށް ހިލާފުވެފައި ވާތީ އެވެ. ވަޒީފާ އިން ވަކިކުރި ކަމުގެ ލިޔުމުގެ އިބާރާތް ބަދަލުކުރި ކަމުގައި ވިޔަސް އެ މުވައްޒަފަށް ކުރިން އިންޒާރު ދީފައި އޮތީ ރައީސް އާއި މަޖިލީހުގެ ރައީސްގެ އަބުރާ ބެހުނު ކަމަށް ބުނެ އެވެ.