އަސާސީ ހިދުމަތްތަކަށް ބަލާއިރު މާލެ އަށް ވުރެ ރަށްރަށުގައި ފަގީރުން ގިނަ ކަމަށް، އެކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ މަލްޓި ޑައިމެންޝަނަލް ޕަވަޓީ އިންޑެކްސް (އެމްޕީއައި) އިން ދައްކައިފި އެވެ.
އެމްޕީއައި އަކީ އަސާސީ ހިދުމަތްތަކުން މީހުން މަހުރޫމްވެފައިވާ މިންވަރު ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ. މިއީ ލިބޭ އާމްދަނީ އަށް ބަލައިގެން ފަގީރުކަން ކަނޑައެޅުން (އިންކަމް ޕަވަޓީ) އިތުރުން، ފަގީރުކަން މިނެކިރަން ބޭނުންކުރާ އެހެން މިންގަނޑެކެވެ.
ޔުނިސެފާއި އެކްސްފޯޑް ހިއުމަން ޑިވެލޮޕްމެންޓް އިނީޝިއެޓިވްގެ އެހީގައި ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އެއްކޮށްފައިވާ މި ތަފާސްހިސާބުތަކުގައި ފަގީރުކަން ކަނޑައަޅާފައިވަނީ ތިން ކަމަކަށް ބިނާކޮށެވެ. އެއީ ސިއްހަތާއި ތައުލީމާއި މައުލޫމާތު އަދި ދިރިއުޅުމުގެ ފެންވަރެވެ. އެ ކަންކަން އިތުރަށް ތަފްސީލުކޮށް، ކޮންމެ ބަޔަކަށް ވެސް ވަކި ޕަސެންޓޭޖެއް ދީފައިވެ އެވެ.
މިސާލަކަށް، ދިރިއުޅުމުގެ ފެންވަރު ވަޒަންކުރުމުގައި ގެއެއްގެ ބައިބޯމިނާއި ސާފުބޯފެނާއި ނަރުދަމާ އަށް ބަލަ އެވެ. އިތުރަށް ތަފްސީލުކޮށްފައިވާ ގޮތުން ބައިބޯމިން ކަނޑައަޅާފައިވަނީ ކޮޓަރިއެއްގައި ތިން މީހުންނަށް ވުރެ ގިނައިން ނިދާ ނަމަ އެވެ.
ސިއްހަތުގެ ބައިން ވަޒަންކުރުމުގައި އުމުރުފުރާ އަށް އެކަށޭނެ ވަރަށް ހަށިގަނޑުގައި ބަރުދަން ނެތުމާއި އިސްކޮޅުން ކުރުވުމާއި ސިއްހީ އަސާސީ ހިދުމަތް ކައިރިން ލިބެން ހުރިތޯ ބަލަ އެވެ. އަދި ތައުލީމާއި މައުލޫމާތުގެ ބައިން، ސްކޫލުގައި ހޭދަކުރި އަހަރާއި އިންޓަނެޓް ލިބެން ހުރިތޯ ބަލަ އެވެ.
މިއިން އެއްވެސް އިންޑިކޭޓާއެއްގައި މިންގަނޑަށް ނުފެތޭ ނަމަ ބަލަނީ އެކަމަކުން މަހުރޫމްވެފައިވާ ބައެއްގެ ގޮތުގަ އެވެ. ފަގީރެއްގެ ގޮތުގައި ބަލަނީ މި ތިން ބައިގައި އިތުރަށް ތަފްސީލުކޮށްފައިވާ އިންޑިކޭޓަރުތަކަށް ދީފައިވާ ޕަސެންޓޭޖުން، 34 ޕަސެންޓަށް ވުރެ ހާލަތު ދަށްނަމަ އެވެ. އެކަމަކު މިއީ ލިބޭ އާމްދަނީ އަށް ބަލާއިރު ފަގީރުންގެ ގޮތުގައި ނުވެދާނެ އެވެ.
އެންބީއެސްއިން އިއްޔެ އާއްމުކުރި މި ތަފާސްހިސާބުތަކަށް ބަލާއިރު ރަށްރަށުގެ 40 ޕަސެންޓު މީހުންނަކީ ފަގީރުންނެވެ. މާލޭގައި އެ ނިސްބަތް އުޅެނީ 10 ޕަސެންޓްގަ އެވެ. ރާއްޖޭގެ މުޅި އާބާދީގެ 61 ޕަސެންޓް ރަށްރަށުގައި އުޅުނު ނަމަވެސް، ފަގީރުންގެ އާބާދީގެ 87 ޕަސެންޓް ހިއްސާކުރަނީ ރަށްރަށުގަ އެވެ. އެހެންވެ، ފަގީރުކަމުގެ ހާލަތު ރަށްރަށުގައި ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން އެތަނުން ފާހަގަކޮށްފައި ވެ އެވެ.
ހިދުމަތްތަކާއި ދިރިއުޅުމުގެ ހާލަތު، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ދަށީ ދާދި އެއްވަރަކަށެވެ.
އެމްޕީއައިގެ ފަގީރުކަން ކަނޑައެޅުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ ގޭގެ 15 އަހަރުން މަތީގެ އެއްވެސް މީހަކު ސްކޫލުގައި ދިހަ އަހަރު ހޭދަކޮށްފައިވޭތޯ އެވެ. ރަށްރަށުގައި އެ މިންވަރު ހާސިލް ނުވާ މިންވަރު މައްޗެވެ. އެގޮތުން 19 ޕަސެންޓް މީހުން ސްކޫލު ތައުލީމް ފުރިހަމަކޮށްފައެއް ނުވެ އެވެ. ދެން އެންމެ ބޮޑީ ސަރުކާރުގެ ނަރުދަމާގެ ހިދުމަތް ނުލިބޭ ނިސްބަތެވެ.
މާލޭގައި ފަގީރުންގެ ނިސްބަތް އެންމެ ބޮޑަށް ހިއްސާކުރަނީ ގެދޮރުގެ ބައިބޯމިނާއި އަސާސީ ހިދުމަތް ނުލިބުމުގެ ބައިންނެވެ.
އެންބީއެސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންގެ ތެރެއިން ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ ފަގީރުކަމުގައި އުޅެން ޖެހޭ ކުދިންނެވެ. ޒުވާނުންގެ މެދުގައި އެ ނިސްބަތް ހުރީ 22 ޕަސެންޓުގަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ގޭބިސީއެއްގައި އެއްވަރެޖްކޮށް އުޅެނީ ހަތަރު ނުވަތަ ފަސް މީހުންނެވެ. ރިޕޯޓުން ފާހަގަވާ ގޮތުގައި ގޭގައި މީހުން މަދުވާ ވަރަކަށް އެ ގޭގެ އެމްޕީއައި ފަގީރުކަން އިތުރުވެ އެވެ.
ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުމުގެ ސާވޭ އަށް ބަލައިގެން ކަނޑައަޅާފައިވާ ފަގީރުކަމުގެ މިންގަނޑުން ރާއްޖޭގެ އާބާދީގެ އަށް ޕަސެންޓަކީ ފަގީރުންނެވެ. އެއީ ދުވާލަކަށް ހަރަދުކުރަން ބޮލަކަށް 74 ރުފިޔާ ނުލިބޭ މީހުންނެވެ.
މިގޮތަށް ބަލާ ނަމަ ވެސް ފަގީރުން ގިނައީ ރަށްރަށުގަ އެވެ.
އާމްދަނީގެ ފަގީރުކަމާއި އެމްޕީއައިގެ ފަގީރުކަމުގެ މިންގަނޑުން ބަލާއިރު އެންމެ ގިނައީ ހިދުމަތްތައް ނުލިބޭ މީހުން ނުވަތަ އެމްޕީއައި ފަގީރުންނެވެ. އެހެންވެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރުމުގައި އެއް މިންގަނޑަަކަށް ބަލައިގެން ފަގީރުކަން ނައްތާލުން މުހިއްމުކަމަށް ފާހަގަކޮށްފައި ވެ އެވެ.