ނައީމަށް އިންޒާރު ދިނީ ޕީއެސް، ނުފޫޒެއް ނުފޯރުވަން: ޑރ. ހުސައިން

އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމަށް، އެންވަޔަރްމަންޓް މިނިސްޓްރީން އިންޒާރު ދޭން ނިންމުމަކީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ ނިންމެވުމެއް ކަމަށް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.


ގުޅިފަޅު ހިއްކުމުގެ ކަންކަމާ ގުޅިގެން އުފެދުނު ދެބަސްވުމަކަށް ފަހު، މިނިސްޓްރީގެ ޕީއެސް އަޖުވަދު މުސްތަފާ ސޮއިކުރައްވައި ނައީމަށް ފޮނުއްވި އިންޒާރުގެ ލިޔުމުގައި ބުނެފައިވަނީ ނައީމްގެ މަގާމު ދަށްކުރަން ނުވަތަ ވަޒީފާ އިން ވަކިކުރަން ޖެހިދާނެ ކަމަށެވެ.

މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން މިނިސްޓަރު ހުސައިން ވިދާޅުވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވަޓްސްއަޕް ގްރޫޕެއްގައި ނައީމަށް އެންގެވީ ގުޅިފަޅު ހިއްކުމުގައި ކަންހިނގާގޮތް ރައްޔިތުންނަށް ހާމަކޮށްދެއްވަން ކަމަށެވެ. ނަމަވެސް ނައީމް އެކަމާ ދެކޮޅު ހައްދަވައި އެ މައުލޫމާތު ހާމަކުރަން ޖެހޭނީ މިނިސްޓްރީން ކަމަށް ވިދާޅުވީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިރެކްޓާ ޖެނެރަލް އަށް އިރުޝާދު ދިނުމަކީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އެއީ ގާނޫނު ހުއްދަ ކުރާ ގަވައިދުގެ ތެރޭގައި އެގޮތަށް އިރުޝާދު ދިނީމަ ތިމަންނަ ތިކަމެއް ނުކުރާނަމޭ މިނިސްޓްރީން ތިކަމެއް ކުރާށޭ ބުނުމަކީ ޑިރެކްޓާ ޖެނެރަލް އަށް ކުރެވޭނެ ކަމެއް ނޫން،" ނައީމާއި ނަސީރު ވެސް ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ނައީމަށް އިންޒާރު ދޭން ނިންމި ނިންމުމަކީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ އަމިއްލަ ނިންމުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ ސިޔާސީ ގޮތުން އަޅުގަނޑުމެން އެއްވެސް އިރުޝާދެއް ދީގެން ޕާމަނަންޓް ސެކެޓްރީ ކުރެއްވި ކަމެއް ނޫން. އަދި އެކަން ކުރައްވާނެ ކަމުގެ ލަފާ އަހައިގެން އަޅުގަނޑުމެންގެ ލަފާ ހޯދައިގެން ވެސް ކުރެއްވި ކަމެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި ސިވިލް ސާވިސްއަކީ ވަކި ގާނޫނަކުން ހިނގާ ތަނެއްވީމާ އޭގެ ދަށުން ކުރައްވަން ޖެހޭ ކަމެއް ޕާމަނަންޓް ސެކެޓަރީ ކުރައްވާނެ. އެގޮތަށް ހިނގި ކަމެއް އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.

އީޕީއޭ އަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ވާނެތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްޓާ ގުޅޭގޮތުން އާންމުނަށް ގިނަ މައުލޫމާތު ދިނުމަށާއި ޕްރޮޖެކްޓް ހިނގާގޮތް މޮނީޓާ ކުރުމަށް އެކުލަވާލާފައިވާ އުސޫލުތައް އާންމުންނަށް އެނގެން ޖެހޭނެ ކަމަށް އީޕީއޭ އަށް އެންގި ކަމަށެވެ. އޭގެ އިތުރުން އެއްވެސް ނިންމުމެއް ވަކި ގޮތަކަށް ނިންމުމަށް އީޕީއޭ އަށް މިހާތަނަށް އަންގާފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ ސިޔާސީ ގޮތުން އަޅުގަނޑުމެން އެއްވެސް އިރުޝާދެއް ދީގެން ޕާމަނަންޓް ސެކެޓްރީ ކުރެއްވި ކަމެއް ނޫން. އަދި އެކަން ކުރައްވާނެ ކަމުގެ ލަފާ އަހައިގެން އަޅުގަނޑުމެންގެ ލަފާ ހޯދައިގެން ވެސް ކުރެއްވި ކަމެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި ސިވިލް ސާވިސްއަކީ ވަކި ގާނޫނަކުން ހިނގާ ތަނެއްވީމާ އޭގެ ދަށުން ކުރައްވަން ޖެހޭ ކަމެއް ޕާމަނަންޓް ސެކެޓަރީ ކުރައްވާނެ. އެގޮތަށް ހިނގި ކަމެއް އެއީ."

މި ޕްރޮޖެކްޓާ ގުޅިގެން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހެދި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)، އީޕީއޭން ފާސް ކޮށްފައިވާއިރު އެކަން އެއްވެސް ފަރާތަކުން އިސްތިއުނާފް ކޮށްފައިނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އީޕީއޭއިން ފާސްކުރާ އީއައިއޭ އަކާމެދު ކަންބޮޑުވުންތަކެއް އޮވެއްޖެ ނަމަ އެ އިސްތިއުނާފަށް މިނިސްޓަރަށް ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް އޮވެ އެވެ.

"އެހެންވީމައި އަޅުގަނޑަކަށް އޮތް އިހުތިޔާރެއް ނޫން އެ ޕްރޮޖެކްޓް ފެށުމުގެ ކުރިން ހުއްޓުވަން ނުވަތަ އެ ލިޔެކިޔުން ހިނގީމައި އިސްތިއުނާފް ކުރުމަކީ. އެހެންކަމުން ވަރަށް ކަށަވަރު ކަމާއެކު އަޅުގަނޑު ދަންނަވަން ބޭނުން އަޅުގަނޑު ވަޒީރުކަމާ ހަވާލުވިފަހުން އީޕީއޭއިން ވަކި ކަމަކާ މެދު ވަކި ގޮތެއް ނިންމަން އަންގައިފައެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އީޕީއޭގެ މައްޗަށް ނުފޫޒު ފޯރުވާތޯ ސުވާލު ކުރުމުން އެ އެޖެންސީގެ ޑިރެކްޓާ ޖެނެރަލް، ނައީމް ވިދާޅުވީ މީގެ ކުރިން އީޕީއޭ އަށް އޮތް ޕްރެޝަރާ ގާތަށް ވެސް މިހާރު ޕްރެޝަރެއް ނެތް ކަމަށެެވެ. އަދި މި ޕްރޮޖެކްޓާ ގުޅިގެން ވެސް ރަނގަޅު ނޫން މައުލޫމާތު ހާމަކުރަން އެއްވެސް ޕްރެޝަރެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަ ކުރަމުން ގެންދާށޭ މިނިސްޓަރު ވިދާޅުވަނީ. އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެން ބައެއް މައުލޫމާތު ހާމަ ކުރުމުގެ ކުރިން އަޅުގަނޑުމެން އެ ތަންތަނަށް ގޮސް ބަލާފައި މައުލޫމާތު ހާމަކުރަން. އެއީ ކަމަށް އެންމެ ރަނގަޅު ގޮތަކީ،" ނައީމް ވިދާޅުވި އެވެ.

އީޕީއޭ އަށް އޮތް ދައްޗަކީ އެކަށީގެންވާ ބަޖެޓެއް ނެތުން ކަމަށް ވެސް ނައީމް ވިދާޅުވި އެވެ. ބަޖެޓް ލިބެނީ ހަމައެކަނި މުސާރަ އަށް ވާ ވަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.