ފިލްމީ ފަންނާނުންގެ ފަރާތުން ފުލުހުންނަށް ޕީޕީއީ ހަދިޔާކޮށްފި

ރާއްޖޭގެ ފިލްމީ ފަންނާނުންގެ ފަރާތުން ފުލުހުންނަށް ޕާސަނަލް ޕްރޮޓެކްޝަން އިކްޕްމަންޓް (ޕީޕީއީ) މިއަދު ހަވާލުކޮށްފި އެވެ.


ރާއްޖޭގެ ހުރިހާ ފަންނާނުންގެ ނަމުގައި ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 1،000 ސާޖިކަލް މާސްކާއި 1،000 އަންގީގެ އިތުރުން 100 ސެނިޓައިޒާ ފުޅި އެވެ. މި ތަކެއްޗާ ފުލުހުންގެ އިސް ފަރާތްތަކުން ހަވާލުވެވަޑައިގެންނެވި އިރު ތަކެތި ހަވާލުކުރީ ކުރީގެ ބަތަލާ ނިއުމާ މުހައްމަދާއި ފެޝަން ޑިޒައިނަރު/އެކްޓަރު ޖާދުﷲ އިސްމާއީލްގެ އިތުރުން މަޝްހޫރު ކެމެރާމަން އަދި މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ރައީސް އަބްދުﷲ ޝިވާޒް (މާސްކޭ) އެވެ.

މާސްކޭ ބުނީ ފުލުހުންނަށް ހަދިޔާކުރި ތަކެއްޗަކީ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި ފުލުހުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދިވެހި ފަންނާނުންގެ ފަރާތުން ހަދިޔާކުރި ތަކެތި ކަމަށެވެ.

ފުލުހުން ކުރި ޓްވީތެއްގައި ވަނީ ފަންނާނުންގެ ފަރާތުން ލިބުނު އެހީ އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ރާއްޖޭގެ މުނިފޫހިފިލިވުމުގެ ދާއިރާގެ ފަންނާނުންނަކީ އަބަދު ވެސް ރާއްޖެ އަށް ކުރިމަތިވާ އެކި ކަހަލަ ބޮޑެތި ކަންކަމާ ގުޅިގެން ހިންގާ ހަރަކާތްތަކުގައި މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. އެގޮތުން ޓެލެތޯންތަކާއި ފަންޑްރައިޒްކުރަން ހިންގާ އެކި ކަހަލަ ހަރަކާތްތަކުގައި ފިލްމީ ފަންނާނުން އަބަދު ވެސް ބައިވެރިވެ އެވެ.

އެގިފައިވާ ގޮތުގައި ފުލުހުންގެ އިތުރުން ސިފައިންނަށް ވެސް ފިލްމީ ފަންނާނުންގެ ފަރާތުން ޕީޕީއީ ހަދިޔާކުރަން ހަމަޖެހިފައިވެ އެވެ.