ލ. ގަމުން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ގޯއްޗެއް ދިން މައްސަލަ އާއި އެރަށުން ގޯތި ދިނުމުގައި އަމަލުކުރި ގޮތް ބަލަން ފަށައިފި ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ ދެ މައްސަލަ ވެސް ބަލަނީ ކޮމިޝަންގެ އިސްނެގުމަށް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވި އެވެ.

ގަމުން 400 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިދިއަ ހުކުރުދުވަހު އާންމުކުރި އިރު ޖީހާނަށް 71 ޕޮއިންޓް ލިބިވަޑައިގަތެވެ. އޭގެ ތެރޭގައި އެރަށުގައި ދިރިއުޅޭ މީހުންނަށް ހާއްސަކުރި 10 ޕޮއިންޓް ވެސް ހިމެނެ އެވެ.

ޖީހާންގެ ފިރިކަލުންގެ ރަށަކީ ގަން ނަމަވެސް އޭނާ ދިރިއުޅުއްވަނީ މާލޭގައި ކަމަށް ވެފައި އެބައިން 10 ޕޮއިންޓް ލިބިގެން ނުވާނެ ކަމަށް، ޝަކުވާކުރި މީހުން ބުނެ އެވެ.

މި މައްސަލަ ފެންމަތިވުމުން ޖީހާން ވިދާޅުވެފައި ވަނީ އެއީ ކިހިނެއް ލިބިވަޑައިގެންނެވި 10 ޕޮއިންޓްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭނާ ވަނީ ފަހުން ގޯތި ދޫކޮށްލައްވައިފަ އެވެ.

ޕޮއިންޓް ދޭނެ އުސޫލުތައް އިއުލާންކުރި އިރު ރަށުން ބޭރުގެ މީހުން ގަމުގައި ދިރިއުޅުން ކަމަށް ބަލާނެ ތިން ގޮތެއް ކަނޑައަޅާފައި އޮތެވެ. އެއީ ގަމުގައި ވަޒީފާއެއްގައި އުޅޭތާ އެއް އަހަރު ވެފައިވުމާއި އެ މީހެއްގެ ދަރިން ގަމުގެ ސްކޫލެއްގައި ކިޔަވައިދޭން ގަމުގައި ދިރިއުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވުމާއި ގަމު މީހަކާ ކައިވެނިކޮށްގެން ގަމުގައި ދިރިއުޅޭ މީހުންނެވެ.

އެކަމަކު މައްސަލަ ފެންމަތިވުމުން ރަށު ކައުންސިލުން ބުނީ އެ 10 ޕޮއިންޓް ޖީހާނަށް ދިނުމުގައި އަމަލުކުރީ އިވެލުއޭޓްކުރާ ކޮމެޓީން ކަނޑައަޅާފައިވާ މިންގަނޑަށް ކަމަށެވެ. އެގޮތުން ކައުންސިލުން ބުނި ގޮތުގައި ރަށުން ބޭރު މީހެއް ނަމަވެސް އެ ރަށުގެ މީހަކާ ކައިވެނިކޮށްގެން އުޅޭ ނަމަ ނުވަތަ އެ މީހުންގެ ދަރިން އެ ރަށުގައި ރަޖިސްޓްރީކޮށްފައިވާ ނަމަ 10 ޕޮއިންޓް ލިބޭނެ އެވެ.

ގަމުގައި ދިރިއުޅޭ މީހުންގެ ބައިން ލިބޭ 10 ޕޮއިންޓް އުނިކޮށްފި ނަމަ ޖީހާން އަށް ލިބިވަޑައިގަންނަވަނީ 61 ޕޮއިންޓެވެ. އެކަމަކު އެ މިންވަރުން ގޯތި ލިބިވަޑައެއް ނުގަންނަވަ އެވެ.

ޖީހާނަށް ޕޮއިންޓް ދީފައިވާ ގޮތް

- ގޯތީގެ ބައިން 25 ޕޮއިންޓް

- ކައިވެނީގެ ބައިން 12 ޕޮއިންޓް

- އުމުރުން 31 އަހަރުން މަތީގެ ބައިން ހަތް ޕޮއިންޓް

- ދަރިންގެ ބައިން 12 ޕޮއިންޓް

- ގަމުގައި ދިރިއުޅޭ ބައިން 10 ޕޮއިންޓް

- މަތީ ތައުލީމްގެ ބައިން ފަސް ޕޮއިންޓް ގަމުން ދޫކުރާ 2،000 އަކަފޫޓުގެ 400 ގޯއްޗަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. މިއީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭގެ އެންމެ ބިން ބޮޑު ރަށުން ގޯތި ދޫކުރާ ފުރަތަމަ ފަހަރެވެ.