ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ނުލިބެނީސް މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަރުގަދަ އިންޒާރެއް މުއައްސަސާތަކަށް މިއަދު ދެއްވައިފި އެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ހުއްޓާލި ކަމަށް އެ ކޮމިޝަނުން އެންގި ކަމަށް ނަޝީދު މިއަދު ވަނީ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފަ އެވެ. އެކަމަކު އެ ކޮމިޝަނުން ފަހުން ނެރުނު ބަޔާނެއްގައި އެކަން ދޮގުކޮށް ބުނެފައިވަނީ އެ ކޮމިޝަންގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ.
މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ނުލިބޭނެ ކަމަށް ދެކެވަޑައިގެން މަސައްކަތް ހުއްޓާލުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި އެ ތަހުގީގުތަކަށް ހުރަސް އަޅާ ކަމަށް ރިޕޯޓްތަކުން ފާހަގަވާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނެތް ކަމަށާއި އެކަމަކު މަޖިލީހުގެ ބާރު އަދިވެެސް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި އަޅުގަނޑުމެން އެ ވާހަކަ ތަކުރާރުކޮށް ދައްކައިފީމު. އެމަގުން ވެސް އެކަމެއް ނުވި. އެހެން ނަމަވެސް ހަނދުމަފުޅު ބަހައްޓަވާތި ރާއްޖޭގެ ހުރިހާ މުއައްސަސާތަކަކުން ވެސް، މާތް ރަސްކަލާނގެ އަމުރާއި އިރާދަފުޅުން މި މަޖިލީހުގެ ވަޅީގައި ތުނޑު އެބަހުރި. އިރާދަކުރެއްވިއްޔާ މިކަމުގައި ގޮތެއް ނިންމައިދޭނަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގުމާ ގުޅޭގޮތުން ކޮމިޝަނުން ކުރި ތަހުގީގަށް ފަހު މަޖިލީހުން ނެރުނު ރިޕޯޓުގައި ވެސް ގިނަ ފަރާތްތަކެއްގެ ނަން ފާހަގަކޮށް، ފިޔަވަޅު އަޅައިދޭން އެދިފައިވާނެ ކަމަށެވެ. އަދި އެ މައްސަލަތަކުގައި މިހާރު ކުރަންޖެހޭ ކަމަކީ ދައުވާ ކުރުން ކަމަށާއި އެކަމަށް ހުރަސްތައް ކުރިމަތިވަނީ ފުލުހުންގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަފްރާޝީމްގެ މަރާއި ރިލްވާން ގެއްލުވާލުމާ ބެހޭގޮތުން ކޮމިޝަނުން ނެރުނު ރިޕޯޓް މަޖިލީހަށް ފޮނުވުމުން އެ އޭގެ ތެރެއިން އެއް ރިޕޯޓް މަޖިލީހުުން އާންމު ކުރުމުން އެ މައްސަލަ ހޫނުވެ، މަޖިލީހުގެ ތެރޭގައި ހޫނު ބަހުސްތަކެއް ކުރިން ހިނގި އެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދުން ލަސްވާތީ، އެމްޑީޕީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ ގުޅިގެން މިހާރު އަންނަނީ ބަލަމުންނެވެ.