ނާޒިމް ކުރައްވަނީ ދޮގު ތުހުމަތެއް: އަދީބުގެ އާއިލާ

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ދެއްވި ބަޔާނުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަ އަދީބުގެ އާއިލާ އިން ދޮގުކޮށްފި އެވެ.


ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުން، އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެކުލަވައިލި ރިޕޯޓް ރައީސް އޮފީހުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް ދެއްވާފައިވާ ބަޔާނުގައި އަދީބަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވެ އެވެ.

އެގޮތުންް، ކުރައްވާފައިވާ އެއް ތުހުމަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންނެވި އުޅަނދެއްގައި ބޮމެއް ހަރުކޮށްގެން އެމަނިކުފާނު އަަވަހާރަކޮށްލަން އަދީބު ރޭއްވެވި ކަމަށް ވިދާޅުވެ، ކުރައްވާފައިވާ ތުުހުމަތެވެ. އަނެއް ތުހުމަތަކީ ރާއްޖެ ޓީވީ ގައި ރޯކޮށްލި ދުވަހު "މިޝަން އެކޮމްޕްލިޝްޑް" ޖަހާފައިވާ ޔާމީނަށް އަދީބު އެސްްއެމްއެސް އެއް ފޮނުއްވި ކަމަށް ވިދާޅުވެ ކުރައްވާފައިވާ ތުހުމަތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް ބާއްވަމުން އައި ނާޒިމްގެ ވާހަކަތައް ދޮގުކޮށް، އަދީބުގެ އާއިލާ އިން ރޭ ރެނުނު ބަޔާނުގައި ބުނީ އަދީބަކީ އެއްވެސް އިރެއްގައި ނަޝީދަށް ގެއްލުމެއް ދޭން އުޅުއްވި ބޭފުޅެއް ނޫން ކަމަށެވެ. ރާއްޖެ ޓީވީ ރޯކޮށްލުމާ ބެހޭ ގޮތުން ނާޒިމްގެ ބަޔާނުގައި ދައްކަވާފައިވާ ވާހަކަ އަކީ ވެސް ދޮގެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"އަހުމަދު ނާޒިމްގެ މި ބަޔާނަކީ އަހުމަދު އަދީބާ މެދު ނަފްރަތު އުފައްދަން ކޮށްފައިވާ ކަމެއް ކަމަށް އާއިލާ އިން ދެކެމެވެ،" ބަޔާނުގައި ވެ އެވެ.

އަދީބުގެ އާއިލާ އިން ބުނިގޮތުގައި، އަފްރާޝީމްގެ މަރާ ބެހޭ ގޮތުން ނާޒިމާއި އެހެން ފަރާތްތަކުން އަދީބަށް ކުރަމުން ދިޔަ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުން ވެސް ހާމަވެ އެވެ.