ޖެނީވާ (ޖޫން 23) - މިހާރު ކުރިމަތިވަމުންދާ އެންމެ ބޮޑު ބިރަކީ، ވައިރަހަށް ވުރެ ބޮޑަށް، ދުނިޔޭގެ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ކުޑަވުމާއި ގައުމުތަކުގެ ލީޑަޝިޕް ނެތުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެއްޖެ އެވެ.
"ބައިބައިވެފައިވާ ދުނިޔެއެއްގައި ތިބިގެން މި ވައިރަސް އަޅުގަނޑުމެންނަށް ބަލިކޮށެއް ނުލެވޭނެ،" ޖެނީވާގައި ބޭއްވި ވާޗުއަލް ހެލްތު ކޮންފަރެންސެއްގައި ޓެޑްރޯސް ވިދާޅުވި އެވެ.
އެއްބާރުލުން ނުލިބޭ ގައުމުތަކުގެ ނަން ޓެޑްރޯސް ވިދާޅެއް ނުވެ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މި މަހު ވަނީ ޑަބްލިއުއެޗްއޯއާ ގުޅުން ކަނޑާލައިފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް އެންމެ ބޮޑަށް އެހީވެދޭ އެމެރިކާ އިން ތުހުމަތު ކުރަނީ ޑަބްލިއުއެޗްއޯ އިން ޗައިނާއާ މާބޮޑަށް ގުޅުން ބާއްވާ ކަމަށެވެ.
"ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މައްޗަށް ޗައިނާގެ ފުރިހަމަ ކޮންޓްރޯލް އޮވޭ،" ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.
ޑަބްލިއުއެޗްއޯ އަށް ފާޑުކިޔަމުން އެމެރިކާ އިން ބުނެފައި ވަނީ އެ ޖާމައަތުގެ ހިންގުންތެރިކަމެއް ނެތް ކަމަށާއި ފިޔަވަޅު އެޅުމުގައި ވެސް މާލަސް ކަމަށެވެ.
ކޮވިޑް-19 އާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އަމަލުކޮށްފައިވާ ގޮތް ތަހުގީގު ކުރުމަށް ވެސް ބައެއް ގައުމުތަކުން ގޮވާލާފައިވެ އެވެ.
"ދުނިޔެ އަށް ވަރަށް ބޮޑު އެއްބައިވަންތަ ކަމެއް މިހާރު ބޭނުންވޭ. މި ރޯގާ ސިޔާސީ ކުރުމުގެ ކަންތައް ދަނީ ބޮޑުވަމުން،" ޓެޑްރޯސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިއްހީ ކަންކަމާ ބެހޭ ބައިނަލްއަގުވާމީ ގަވާއިދުތަކަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ގައުމުތައް ގުޅިގެން ސިއްހީ ނިޒާމުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން ކުރިން ވަނީ ރޯގާގެ ނުރައްކާ އިތުރަށް ބޮޑުވަމުންދާ ކަމަށް އިންޒާރު ދީފަ އެވެ.
ދުނިޔޭގައި ކޮރޯނާވައިރަހަށް މިހާތަނަށް ވަނީ 9,193,194 މީހުން ޕޮޒިޓިވްވެ 474,467 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 4,940,300 މީހުންނެވެ.