ޖެނީވާ (އޮގަސްޓް 22) - ކޮރޯނާވައިރަސް ދުނިޔެ އިން ނައްތާލުމަށް ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ޖެނީވާގައި ހުންނަ ޑަބްލިއުއެޗްއޯގެ ހެޑްކުއާޓަރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ 1918 ވަނަ އަހަރުގެ ނުރައްކާތެރި ސްޕެނިޝް ފްލޫ އިން ދުނިޔެ ސަލާމަތްވި މުއްދަތަށް ވުރެ އަވަހަށް ކޮރޯނާވައިރަހުން ސަލާމަތްވާނެ ކަމަށެވެ.
"އޭރަށް ވުރެ ދުނިޔެ މިއަދު ވަނީ މާބޮޑަށް ގާތްވެ، ބަވަނަވެފައި. ނަތީޖާ އަކީ ވަރަށް އަވަހަށް ރޯގާ ފެތުރިގެން ދިއުން. އެކަމަކު މިހާރުގެ އެޑްވާންޓޭޖަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިފައިވުން،" ޓެޑްރޮސް ވިދާޅުވި އެވެ.
ކޮރޯނާވައިރަހުގައި މިހާތަނަށް ވަނީ ގާތްގަނޑަކަށް އަށް ލައްކަ މީހުން މަރުވެ 23 މިލިއަން މީހުންނަށް ބަލިޖެހިފަ އެވެ. އެކަމަކު ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ރޯގާ ކަމަށްވާ ސްޕެނިޝް ފްލޫގައި ވަނީ ފެބްރުއަރީ 1918 އާއި އެޕްރީލް 1920އާ ދެމެދު 50 މިލިއަން މީހުން މަރުވެ 500 މިލިއަން މީހުންނަށް ބަލިޖެހިފަ އެވެ. ސްޕެނިޝް ފްލޫގެ ތިން ރާޅެއް ވަނީ ތަޖްރިބާކޮށްފަ އެވެ. އެމެރިކާ އިން ފުރަތަމަ ފެނުނު ރޯގާ، ޔޫރަޕަށް ފެތުރި އެންމެން ފަހުން ވަނީ މުޅި ދުނިޔެ އަށް ފެތުރިފަ އެވެ.
"ވަރަށް ގިނަ ފަހަރަށް ވާގޮތަކީ ރޯގާގެ ވައިރަސް ސީޒަނަލް ޕެޓާނަކަށް ބަދަލުވުން،" ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރޮގްރާމްގެ ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވި އެވެ.