ޖެނީވާ (އޮގަސްޓް 4) - ވެކްސިނެއް ހޯދުމަށް ގައުމުތަކުން ކެނޑިނޭޅި މަސައްކަތް ކުރި ނަމަވެސް، ކޮރޯނާވައިރަހަށް ޖާދޫގެ ހައްލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

"ވަރަށް ގިނަ ވެކްސިންތައް ވަނީ ތިން ވަނަ ފޭހުގައި. އުއްމީދަކީ މި ބައްޔަށް ރައްކާތެރި، ކާމިޔާބު ވެކްސިނެއް ލިބުން،" ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވި އެވެ.

ޖެނީވާގައި ހުންނަ ޑަބްލިއުއެޗްއޯގެ ހެޑްކުއާޓަރުގައި އިއްޔެ ވާހަކަ ދައްކަވަމުން ޓެޑްރޯސް ވިދާޅުވީ ކާމިޔާބު ވެކްސިނެއް ނުލިބިދާނެކަމުގެ ކަންބޮޑުވުން ވެސް މިހާރު ފާޅުކުރާ ކަމަށާއި ވެކްސިނުން ލިބޭ ރައްކާތެރިކަން ދެމި އޮންނަނީ މަދު މަސްތަކަށް ކަމަށް ވެސް ބެލެވޭ ކަމަށެވެ.

"އެހެންވެ ކޮރޯނާވައިރަހަށް ޖާދޫގެ ހައްލެއް ލިބޭކަށް ނެތް. ވެކްސިންގެ ހުރިހާ ޓްރަޔަލްތަކެއް ނިމުމުން ދެން ވާނެ ގޮތެއް އެނގޭނީ،" ޓެޑްރޯސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ އެންމެހައި ރައްޔިތުންނާއި ގައުމުތަކުގެ ސަރުކާރުތަކަށް އޮތް މެސެޖް ވަރަށް ސާފު ކަމަށެވެ؛ އެއީ ކުރެވެން އޮތް ހުރިހާ ކަމެއް ކުރުން ކަމަށް ވިދާޅުވި އެވެ. މާސްކް އެޅުމަކީ މުޅި ދުނިޔޭގެ އެއްބައިވަންތަކަމުގެ ރަމްޒަކަށް ހަދަން ޖެހޭ ކަމަށް ވެސް ޓެޑްރޯސް ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރޮގްރާމުގެ ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވީ ބަލި ހަލުވިކަމާ އެކު ފެތުރޭ ބްރެޒިލް އާއި އިންޑިއާ ފަދަ ގައުމުތަކުން "ކުރަން ޖެހޭ ހަނގުރާމަ" ބޮޑު ކަމަށެވެ.