އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކޯސްތަކަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.
އެ ޔުނިވާސިޓީން ކުރި އިއުލާނުގައި ބުނީ، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްގެ ކޯސްތަކަށް އަންނަ އޮގަސްޓް 6 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
އޮގަސްޓް 23، 2020 ގައި ފަށާ، މި އަހަރުގެ ދެ ވަނަ އިންޓޭކުގައި ސެޓްފިކެޓް ލެވެލްގެ 11 ކޯހަކާއި އެޑްވާންސްޑް ލެވެލްގެ އަށް ކޯހަކާއި ޑިޕްލޮމާގެ 10، އެސޯސިއޭޓް ޑިގްރީގެ ކޯހަކާއި ބެޗްލާސް ޑިގްރީ 11، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާގެ ތިނެއް އަދި މާސްޓާސްގެ ނުވަ ކޯހެއް ކުރިއަށް ގެންދާނެ އެވެ.
އެ ޔުނިވާސިޓީގެ ރަޖިސްޓްރާ އަހުމަދު ރައޫފް އަބްދުﷲ ވިދާޅުވި ގޮތުގައި، މި ފަހަރު ހުޅުވާލި އިންޓޭކުގައި ދަރިވަރުންގެ ޝައުގު ނެތުމުން ބައެއް ކޯސްތައް މަދުކޮށްފައިވާނެ ކަމަށެވެ. އެހެންވެ ކޯސްތަކުގެ އަދަދު ވަނީ 53 އަށް މަދުކޮށްފަ އެވެ.
މާލޭގެ އިތުރުން ހދ. ހަނިމާދޫ، ޅ. ނައިފަރު، ލ. ފޮނަދޫ އަދި ފުވައްމުލަކުގައި ވެސް އައިޔޫއެމްގެ ކޯސްތައް މިފަހަރު ހިންގާނެ އެވެ. އޭގެ ތެރެއިން ނައިފަރާއި ހަނިމާދޫއަކީ މި ފަހަރު މުޅިން އަލަށް ކިޔަވައިދޭން ފަށާ ރަށްތަކެވެ.
މި އަހަރުގެ ފުރަތަމަ އިންޓޭކުގައި ވެސް އެ ދެ ސެންޓަރުގައި ކިޔަވައިދޭން ނިންމި އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން، ކިޔެވުން ނުފެށި ލާނިން ސެންޓަރު ޖެހުނީ ބަންދުކުރާށެވެ.
މިފަހަރު ހުޅުވާލާ ކޯސްތަކުގެ ތެރޭގައި ޓީޗިންނާއި ގަވަނެންސް އާއި ފައިނޭންސް ފަދަ ކޯސްތައް ހިމެނެ އެވެ. އެ ކޯސްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބެނީ ޝަރީއާ އެންޑް ލޯ އަދި އިސްލާމިކް ފައިނޭންސް އަދި ޓީޗިންގެ ކޯސްތަކަށެވެ.
ރައޫފް ވިދާޅުވީ އެ ޔުނިވާސިޓީ އަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކާ ހެދި އިތުރު ކޯސްތައް ހިންގަން ގޮންޖެހުންތައް ދިމާވާ ކަމަށެވެ. އެ ޔުނިވާސިޓީގައި މިހާރު ވެސް 1،500 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު، އޭގެ ތެރޭގައި ގާތްގަނޑަކަަށް 90 ޕަސެންޓް ދަރިވަރުންނަކީ ވަޒީދާ އަދާކުރަމުން ކިޔަވަމުން އަންނަ ދަރިވަރުންނެވެ.
"ހެނދުނު ކިޔަވަން ދަނީ މަދު ކުދިންތަކެއް އަސްލު. ވަޒީފާ އަދާކުރާ ކުދިން ވީމަ ގިނަ ކުދިން ދަނީ ހަވީރު. އެކަމަކު ޖާގައިގެ ދަތިތަކާ ހެދި އިތުރު ކޯސްތަކެއް ފެށޭކަށް ނެތް އެ ވަގުތަށް ވެސް،" ރައޫފް ވިދާޅުވި އެވެ.
އޮގަސްޓް އިންޓޭކުގައި، ކެމްޕަސްތަކާ އެކު 2،000 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރަން ފުރުސަތު ދެވޭނެ އެވެ. ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން، އައިޔޫއެމްގައި ޑިގްރީ އަށް ކިޔަވަން ބޭނުންވާ ދަރިވަރުންގެ ކޯހުގެ ހުރިހާ ފީއެއް ސަރުކާރުން ދައްކައިދޭނެ އެވެ.